ދިމްޔާތަކީ ވެސް ކުށްކުރުމުގެ ސޭފް ޒޯނަކީތަ!
ކުށްވެރި އަމަލުތައް ގިންތި ކުރުމުގައި ވަކި ތަނަކަށް ވީމާ ނުބެލޭ އުސޫލަކީ ހަމަހަމަކަން ގެއްލޭނެ ކަމެއް
އެކިއެކި ކުއްތަކަށް އަރައިގަންނަމުންދާ އައްޑޫގެ ދެގެއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދު ކޮށްފިއެވެ. މަސްތުވާ ތަކެއްޗާއި ދެކޮޅަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތަށް ޝުކުރު ހައްގެވެ.
ހަނދާނަށް އަންނަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީ ކޮޅުގެ ހަބަރެކެވެ. “ފުލުހުންނަށް އޮޅިގެން ދިމްޔާތު ރެއިޑް ކުރެވިއްޖެ، އިހުސާނާއި ފުލުހުންގެ ޒުވާބެއް” މި ސުރުހީއެވެ. ފުލުހުންގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓަކާއި ގުޅިގެން ދިމްޔާތު ރެއިޑް ކުރަން މަސައްކަތް ކުރި ވާހަކައެވެ. އަދި މުއިއްޒުގެ އާއިލާއިން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ވާހަކައެވެ. މުއިއްޒު އިހުސާނު ސައިޒު ކުރިވާހަކައާއި ދިމްޔާތަށް ފުލުހަކު ވަދެގެން ނުވާނެ ކަމަށް އެންގި އެންގުމުގެ ހަބަރެވެ. އިހުސާނު ފުލުހުންގެ ޓީމްތަކާއި ބައްދަލު ކުރި ވާހަކައާއި އެ ރެއިޑުގައި ބައިވެރިވި މީހުން އެކިތަންތަނަށް ބަދަލު ކުރި ވާހަކައެވެ.
ދިމްޔާތު ކުށްވެރި އަމަލުތައް ހިންގަން ހުޅުވާލެވިފައިވާ ތަނަކަށް މާލޭގެ ބައެއް ގުރޫޕްތަކުން ބަދަލު ކުރިއެވެ. ފުލުހުންނަށް ނުވަދެވޭ ތަނަކަށް ވުރެ ރައްކާތެރިތަނެއް ކުށްވެރި އަމަލު ހިންގާން ނުލިބޭނެތީއެވެ. މަސްތަުވާތަކެތި ބަދަލު ކުރުމުގެ އައްޑާއަކަށް ސިއްރުން ދިމްޔާތުގެ ކެފޭ ވެފައިވާ ކަމަށް މަގުމަތި ބަލަހައްޓާ ފުލުހުން ބުނަމުން ދިޔައެވެ.
މި ހާދިސާއަށް މާ ގިނަ ދުވަސް ތަކެއް ނުވެ އިވެން ފެށީ 50،000ރ ކޮންމެ ސަރުކާރު މަޖިލިސް މެމްބަރަކަށް ބަހާ ވާހަކައެވެ. އެއީވެސް ދިމްޔާތުގައެވެ. ބައެއް ނޫސް ތަކުން ޑޮކިއުމެންޓްރީތައް ވެސް ހެދިއެވެ. ބޮޑެތި ދަބަސް ތަކާއި އެކު އެކި ކުލައިގެ، އެކި ސައިޒުގެ، އެކި ޖިންސުގެ ސަރުކާރު މަޖިލިސް މެމްބަރުން ލާރި ބަލައި ކޮންމެ މަހެއްގެ ފުރަތަމަ ކޮޅު ދިމްޔާތު ވަށާ މުގޯލި އެޅި މަންޒަރު ސޯޝަލް މީޑިއާގައި މިއަދުވެސް އެބަ އެނބުރެއެވެ.
މުއިއްޒުގެ ސަރުކާރުގައި ކުށްވެރި އަމަލުތަކާއި ގާތް ގުޅުން އޮންނަ މީހުންގެ ވާހަކަތަކަކީ ސިއްރެއް ނޫނެވެ. ބައެއް މަޖިލިސް މެމްބަރުންގެ ވާހަކަތަކާއި ބައެއް ކުންފުނި ތަކުގައާއި ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ވެސް ކުށްވެރި އަމަލުތަކަށް ދޯޅަ ގިނަ އަދަދެއްގެ ބަޔަކު އުޅޭ ކަމީ ގިނަ ބަޔަކު ދަންނަ ކަމެކެވެ.
ކުށްވެރި އަމަލުތައް ގިންތި ކުރުމުގައި ވަކި ތަނަކަށް ވީމާ ނުބެލޭ އުސޫލަކީ ހަމަހަމަކަން ގެއްލޭނެ ކަމެކެވެ. އައްޑޫގެ ގޭގެއެކޭ އެއްފަދައިން ކުށްވެެރި އަމަލުތައް ދިމްޔާތުގައި ހިންގާނަމަ ނުވަތަ މުލީއާގޭގައި ހިންގާނަމަވެސް އެ ތަންތަނަށް ކޯޓު އަމުރެއް ނަގާ ބަންދު ކުރެވެން ވާނެއެވެ. ނޫން ނަމަ އެތަންތަން ބަދަލު ވާނީ ކުށް ކުރުމުގައި ސޭފް ޒޯނަކަށެވެ. ގާނޫނުތައް އަކުރުން އަކުރަށް ފިލިން ފިއްޔަށް ހިންގާނެ ސަރުކާރެއްގެ އިންތިޒާރުގައި ރައްޔިތުން އަބަދުވެސް ތިބޭނެއެވެ.


