ބަންދުގެ މަގުސަދު ރަގަޅުނަމަ ދަރުމަ އިތުރު ވާނެ

ބަންދުގެ މަގުސަދު ރަގަޅުނަމަ ދަރުމަ އިތުރު ވާނެ

ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގައި ހަރަދުތައް ކޮންޓްރޯލް ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅައެވެ. ބައެއް ގައުމުތަކުގައި ހަފްތާއަކު 4 ދުވަސް މަސައްކަތު ދުވަހުގެ ގޮތުގައި ކަނޑައަޅައެވެ. އޮފީސްތައް ބަންދުވުމުން ހަރަދު ތަކެއް ސަލާމަތްވެއެވެ. ކަރަންޓު ބިލާއި ފެނާއި އިންޓަރ ނެޓުންނެވެ. އަދި އެ ނޫން ގޮތްގޮތުންވެސް ހިފެހެއްޓޭ ހަރަދުތަކެއް ހުރެއެވެ. 

ދިވެހީން ތަފާތެވެ. ވެރި މީހާ ޗުއްޓީ ހަދާލަން ބޭރަށް ފުރަން ސަރުކާރު ބަންދު ކުރެއެވެ. ބައެއް ކަހަލަ ވާހަކަތަކުގެ ކުރި މަރާލަން ސަރުކާރު ބަންދުކޮށްލައެވެ. އީދު ބަންދާއި ދިމާކޮށް ހައްޖު މަހުގެ ދުވަސްތަކެއް ރޯދަ ހިފާލަން ލިބުމަކީ ނަސީބެކެވެ. ސަރުކާރު ބަންދު ކުރުމުގެ މަގުސަދު ރަގަޅުނަމަ ދަރުމަވެސް އިތުރު ވާނެއެވެ.

އޮފީހުގައި އިނދެ ކުރާނެ ކަމެއް ނެތީވިއްޔާ ބަންދުވެސް ކުރާން ވީއެވެ. އޮފީހުގެ މާހައުލުގެ އުފާވެރިކަމާއި އުޖާލާކަން ނެތީވިއްޔާ ބަންދު ކުރާންވީއެވެ. މަސައްކަތް ތަކެއްގެ ނަތީޖާއިން އާމްދަނީ އުންމީދު ކުރިވަރަށްވުރެ އިތުރު ވެއްޖެ ނަމަވެސް ބަންދުކޮށްލަން ވީއެވެ. މަސައްކަތުގެ އަގު ވަޒަންކޮށްލާ މަސައްކަތްތެރިންނަށް އަރާމު ކޮށްލާނެ ދެތިން ދުވަސް ދިނުމަށެވެ. 

ބަންދު ދުވަސް ވެސް މިލިބެނީ އޮޅުވާލުމަކުން ނޫން ބާވައޭ ހިތަށް އަރައެވެ. މަކަރަކުން ކަމެއް ފޮރުވަނީ ނޫން ބާވައޭ ހިތަށް އަރައެވެ. އިރުއަރާ އޮއްސޭއިރު ރައްޔިތަކު ކުއްވެރިވާނެ އިތުރުކަމެއް ތައާރަފުވެއެވެ. ގައުމުގެ ނިޒާމުތައް ބަދަލުވެފައި ވަނީ ރައްޔިތުން ކުއްވެރިވާ ފަދަ ގޮތަކަށެވެ. ނޫނީ ނިކަމެތިވާނެ އިތުރު ދުވަހަކަށް އިރުއަރާ ގޮތަށެވެ. ދައުލަތުގެ ގިނަ ކަންކަން ހުރީ ރައްޔިތުން ކުއްވެރިވާނެ އިތުރު ގޮތްތައް ތައާރަފުވާނެ ގޮތަށް ތަރުތީބު ވެފައެވެ. އެ މަގު ވަރަށް ސީދަލެވެ.

ރައްޔިތުންގެ ހާލަތު ޗުއްޓީގައި މަޖާކޮށް އުފާކޮށްލާން ނުކުޅެދެއެވެ. އެ ތަނަވަސްކަން ނެތް މިންވަރަށް ދަށެވެ. މި ބަންދުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް އެގޭނީ އަނެއްކާވެސް ބިލްތަކަށް ފައިސާ ދައްކަން ޖެހޭ ހިސާބުންނެވެ. މަސްދަޅު ކޭހަކަށް ކަރަންޓު ބިލު ބޮޑުވެއެވެ. ކަދުރު ކިލޯއަކަށް އެހެން ބިލެއް ބޮޑުވެއެވެ. މި ބަންދަށް ބޮޑުވާނީ ޑޮލަރު ނޫން ބާވައެވެ.