ޖޫރިމަނާ ސަރުކާރު | ބޮޑެތި ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނުތައް ބަދަލުކުރަނީ ލޫޓުވާލަން

ލިބޭ މިންވަރަށްވުރެ ހަރަދު ބޮޑުވެ ކޮށިއެރުމުގެ އަގު ހޯދަނީ އާއްމު ރައްޔިތުން ފެލައިގެން

ޖޫރިމަނާ ސަރުކާރު | ބޮޑެތި ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނުތައް ބަދަލުކުރަނީ ލޫޓުވާލަން

މިހާރަކަށް އައިސް އެއްވާނަކަށް އިވެނީ ޖޫރިމަނާގެ ވާހަކައެވެ. ވަރަށް އާދައިގެ ކަންކަމުގައިވެސް އޮބި ނޯންނަވަރުގެ ބޮޑެތި ޖޫރުމަނާ ކުރާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަމުންދަނީ ފަތުއަޑުކިޔާފައެވެ. 

ސަރުކާރު ހިންގަންނޭގި ލިބޭމިންވަރަށްވުރެ ހަރަދު ބޮޑުވެ ކޮށިއެރުމުގެ އަގު އާއްމު ރައްޔިތުން ފެލައިގެން ހޯދުމަކީ ސަރުކާރުގެ މުޅި ވިސްނުމެވެ. ރައްޔިތުންނަށް އުނދަގޫ ވާހާ ގޮތްގޮތަށް އުސޫލުތައް ބަދަލުކޮށް ކުށްވެރިކޮށްގެން ފައިސާ ހޯދަން އުޅޭއުޅުމަކީ މުޖުތަމައު ޑިސިޕްލިން ކުރުމެއް ނޫނެވެ. 

ހާލަތާއި ނުބައްދަލު ބޮޑެތި ޖޫރިމަނާތައް ކުރެވޭގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަނީ ފަހަރެއްގައިވެސް މުޖުތަމައު ކުށުން ސަލާމަތް ކުރަންނޫންކަން އެންމެނަށްމެ ގަބޫލުކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ރައީސް މުއިއްޒު ވެރިކަމަށް އެރިފަހުން ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކަށް ބަލައިލުމުން ފެންނަ ހަގީގަތަކީ މުޖުތަމައު ކުށްވެރިކޮށްގެން ފައިސާ ހޯދުމެވެ. 

ބޭރު ފައިސާއާއި ބެހޭ ގާނޫނާއި މީޑިއާ ކޮންޓްރޯލް ގާނޫނާއި ދުންފަތުގެ ގާނޫނާއި މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ގާނޫނާއި ކުނިމެނޭޖުކުރުމުގެ ގާނޫނާއި އެނޫންވެސް އެހެން ހުރިހާ ގާނޫނަކަށް ބަލާލުމުން އެކިވަރުގެ ބޮޑެތި ޖޫރިމަނާތައް ހިމަނާފައިވާތަން ފެންނަށް ހުންނާނެއެވެ. 

ޖޫރިމަނާއަކީ ސަރުކާރަށް އާމްދަނީ ހޯދާ މަގަކަށް ހެދުމަކީ ޑިސިޕްލިނަރީ ކަމެއް ނޫންކަން ސާފުވެއެވެ. މުޖުތަމައު އިސްލާހުކުރުމަށްވުރެ ބޮޑަށް އަމާޒު ހިފާފައި ވާތަން ފެންނަނީ ޖޫރިމަނާކޮށްގެން ފައިސާ ހޯދާށެވެ. ގާނޫނުން ރައްޔިތުން ރައްކާތެރިކޮށް ދިނުމަށްވުރެ ބޮޑަށް ސަރުކާރުން ފޫގަޅާފައި އޮތީ ހޯދެން އޮތް ގޮތަކަށް ފައިސާ ހޯދުމަށެވެ. 

ލުއިފަސޭހަ ރައްކާތެރި ވެއްޓެއް ރައްޔިތުންނަށް ހޯދާދިނުމަށް ކުރެވޭ ކަމެއްނެތި ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން ދިމާކުރުމުން ނުވެނުދާނެ ހުރިހާކަމެއް ރާއްޖެއަށް ވަނީވެފައެވެ. ގާނޫނުގެ ރައްކާތެރިކަމަކީ މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ އެކަނި ހައްގެއްކަމަށްް ހަދާ ނިމިއްޖެއެވެ. ސަރުކާރު ހިންގުމަށް ކުރާ ހޭދަ ބޮޑުތަނުން ބޮޑުކުރަމުން އެކި ނަންނަމުގެ ޓެކްސްތަކާއި ފީތައް ނަގަމުން ކުށްވެރިކޮށް ޖޫރިމަނާކޮށްގެން ޓެކެން މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން އެންމެ ދުވަހަކުވެސް ތިބެން ހެޔޮނުވާނެއެވެ.