ދިވެހީންގެރާއްޖެ، ސަދޫމެކޭ ތަފާތެއް ނެތް؟

ދިވެހީންގެރާއްޖެ،  ސަދޫމެކޭ ތަފާތެއް ނެތް؟
ފޮޓޯ: ހިޔާލީ އުފެއްދުމެއް

މައްސަލަބަލަން ވާނީ މައްސަލަތައް ބެލުމުގެ ހަމަ ތަކާއި އެކު ކަމުގައި ތަހުގީގު ކުރުމާއި ދިރާސާ ކުރުމާއި ހޯދާ ބެލުމުގައި ހަރަކާތް ތެރިވާ ދޮށީ ބޭބޭފުޅުން ބުނެއެވެ. ޝަކުވާއެއް މީހަކަށް ނުވަތަ ތަނަކަށް ހުށަހެޅޭނީ މީހުންނާއި ނުވަތަ ތަންތަން ހިމެނިގެންނެވެ. އެހެން ކަމުން އެންމެ ފުރަތަމަ ނިންމަން ވާނީ ގޮތެއް ނޫނެވެ.

ކަމެއްގެ ޝަކުވާއެއްނަމަ ނުވަތަ މީހެއްގެ ޝަކުވާއެއް ނަމަ ތަހުޒީބީ މުޖުތަމައުގައި ކަންކުރާ ހަމަތަކެއް ވެއެވެ. އެ ޝަކުވާއަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމެވެ. އެ މައުލޫމާތުތައް ދިރާސާ ކުރުމެވެ. ބުއްދީގެ ހަމަތަކުން ގާނޫނު ތަކުގައި ކަނޑައެޅިފައިވާ ހަމައިގެ މަތިން ގޮތްތަކެއް ކަނޑައެޅުމެވެ. ތަހުގީގުގައި ސުވާލު ކުރުމާއި އެ ސުވާލުތަކަށް ލިބޭ ޖަވާބުތަކާއި ކަމެއްގެ ވަށައިގެންވާ ކަމްކަމާއި ގުޅުވާލުމެވެ. 

މަޢުލޫމާތު އެއްކުރަންވެސް ވާނީ ކަންކަން ކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތް ތަކާއި އެއްގޮތަށެވެ. ގައުމެއްގެ ވެރިއަކު ހިމެނުނަސް ނުވަތަ ނިކަމެއްޗަކު ހިމެނުނަސް ކަންކުރުމުގައި އަމަލު ކުރަން ވާނީ ވަކި ތަރުތީބަކުންނެވެ. 

ދާދި މިދާކަށް ދުވަހުން ފެށިގެން ރާއްޖޭގައި އެންމެ މަޝްހޫރުވި އެއް ވާހަކައަކީ ސޯފާއަކާއި އައިޝާއެއްގެ ވާހަކައެވެ. ކަން ހިނގާ ދިޔަގޮތުގެ ތަރުތީބަށް ނަޒަރު ހިންގާލުން މުހިންމެވެ. ރާއްޖޭގެ ފުރާވަރުގެ ނޫހަކުން ވެރިމީހާއާއި ކުރިމަތި ކުރުވި ސުވާލެކެވެ. ސޯފާއަކާއި ޖިންސުއްލަތީފަކާއި ގުޅުވައިގެން ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހާދިސާ އަކާއި ވެރިޔާއާއި އޮތް ގުޅުމެވެ. ސުވާލު ރައްދުވީ މ. ދިމްޔާތު މުހައްމަދު މުއިއްޒަކަށް ނޫނެވެ. މުހައްމަދު މުއިއްޒު ކިޔާ މީހަކު ކޮންމެ ގޮތަކަށް އުޅުނަސް ދިވެހީންނަކަށް ނޫސްވެރިންނަކަށް މައްސަލައަކަށް ނުވާނެއެވެ.

ނަމަވެސް ދައުލަތެއްގެ އެންމެ އިސް މަގާމުގައި ހުރި މީހަކާއި ބެހޭގޮތުން ހަޑި ހުތުރު ވާހަކަތަކެއް ރަށުތެރޭގައި ފެތުރޭނަމަ ރައްޔިތުންވެސް ނޫސްވެރިންވެސް ގަލަމުގެ ކޮޅު ފިއްސާ ނުލާހާ ހިނދަކު ސުވާލު ކޮށްލާން ބޭނުންވާނެއެވެ. އެ ގޮތުން އެ ވެރިމީހާއާއި ބައްދަލު ވުމުން އެ ސުވާލުވެސް އަހާލެވުނީއެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ދިވެހި އެންމެންނާއި ހަވާލުވެފައި ހުންނަ މީހެކެވެ. ވަކި ޖަމާއަތަކަށް ހުރި މީހެއް ނޫނެވެ. ރައްދު ދޭއިރު އެކަން ގިނަ ގައުމުތަކުގެ ވެރީން  ދަނެއެވެ. ސުވާލެއް ކޮށްލާތަނުން ކަންވާރަށް ވާންވާ ވަރުގެ ރަތްމަހެއް ބާނައިގެން ދަމަން އޮންނަ މަސްވެރިޔާ ރަތްމަހަށް ނުބަވާވަރަށް ބެވުމަކީ ތަހުޒީބެއް ނޫނެވެ. އަދި އެތަނުން މައްސަލަބަލާ ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިނުމަކީވެސް އެފެންވަރުގެ މީހަކު ކުރުން އެންމެ ރަގަޅު ނޫން ކަމަކަށް ވެދާނެއެވެ. ކޮންމެއަކަސް މައްސަލަ ފެށުނީ އެ ނޫސް ކޮންފަރެންސާއި ހިސާބުންނެވެ. އެ ބުނާ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ޔޯލައެވެ. 

ޖެހިގެން އައީ ބޮޑު ރެއެކެވެ. އެއްކަލަ ނޫސް އިދާރާ ރޫޅާލީއެވެ. ކޯޓު އަމުރުތަކެއްގެ ބާރުގައެވެ. ހަމަ އެއާއި އެކު މައްސަލަ ނިމިފައިވާކަން ދޭހަވާ މޭރުމަކުން ފުލުހުންގެ އިސް ވަޒީރު ބަސް ބުނެފިއެވެ. “ފޯލްސް އެލިގޭޝަން” ދޮގު ތުހުމަތު އެޅުވީ ކަމާއި އެކަން ބެލުމަށް ހުރަހެއް  އިޖުރާއަތެއް އޮތްކަމެއް ނުބަލައެވެ. 

މައްސަލަ ބަލަން ފެށީ މައްސަލައިގައި ހިމެނޭ އެއްފަރާތަށް ހުކުމް އިއްވާ ކަރަށް މަޅިފައްތާފައެވެ. މިހާ ހިސާބުން މައްސަލަ ބެލުމުގެ ނިޔަތް ފުށު އަރައެވެ. ދައުލަތުގެ އިދާރާތަކުގެ އިތުބާރު ގެއްލެއެވެ. ހަމަ އެއާއި އެކު ހަވާލު ކުރާ މަސައްކަތް ރަނގަޅަށް ނުކުރާނަމަ މަގާމުތަކުގެ ޝަރުތު ހަމަ ނުވާނެ ކަމަށް އިއުލާނު ކުރި ދައުލަތުގެ ސްޕޯކްސް ޕާރސަންގެ ބަހުންނަމަ މައްސަލަ ބަލަން އެންގީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށެވެ.

ޕްރޮސިކުއުޓާރ ޖެނެރަލް  އެންގެވީ އައިޝާއެއްގެ މައްސަލައެއް ބަލަންތޯ، ސޯފާއެއްގެ މައްސަލަ ބަލަން ތޯ، ކަންތައްތަކެއް ކުރިކަމަށް ތުހުމަތުވާ ބައެއްގެ މައްސަލަތަކެއް ބަލަންތޯ، ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބަލަންތޯ، ނޫސް އިދާރާއެއްގެ މައްސަލަ ބަލަންތޯ ނުވަތަ މައްސަލައިގެ ހަގީގަތް ހޯދާ ބަލަންތޯ ސާފެއް ނުވެއެވެ. ނަމަވެސް އެއީ އުފެދޭ ސުވާލެކެވެ. މި ސުވާލަށް ސްޕޯކްސް ޕާސަން އަދި  ކޮންމެވެސް ޒަމާނަކުން ޖަވާބެއް ދޭނެއެވެ. 

މައްސަލައިގައި ހިމެނޭ ކަމަށް ބެލެވެނީ އައިޝާއެއް ނަމަ ނުވަތަ ނޫސް އިދާރާއެއް ނަމަ، އަދި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތަކެއް ފުރިހަމައެއް ނުވެއެވެ. ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުންގެ ބަހުންނަމަ “އައިޝާގައިގާ ހައްދުވެސް ޖަހާނެ ޖަލަށްވެސް ލާނެއެވެ”. އަދި “އެ ނޫސް އެޖެންސީ އާއި ދޭތެރޭ ފިޔަވަޅުވެސް އަޅާނެއެވެ”. މިއޮތީ މައްސަލަ ބަލަން ފެށުމުގެ ކުރީން މައްސަލައިގައި ތުހުމަތު ކުރަން ވަކި ފަރާތަކުން ބޭނުންވާ ފަރާތްތަކެއް ކަފުންކޮށް ވަޅުލާފައެވެ. 

ހިޔާލު ތަފާތުވުން ގެންގުޅޭ ބައެއް ފަރާތްތަކުން ގަބޫލު ކުރަނީ މިއީ ކަންކަން ކުރުމުގެ ތަރުތީބު ނޫން ކަމަށެވެ. މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކާއިމެދުވެސް އެއް ހަމައަކުން ކަންކުރަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނޫސް އެޖެންސީއެއްގެ ހަރުމުދާ އަތުލާ ދިރާސާ ކުރާ ފަދައިން އައިޝާ ކަމަށް ތުހުމަތުކުރާ ފަރާތުގެ މުވާސަލާތީ ވަސީލަތްތައް ހޯދާ ދިރާސާ ކުރަން ވާނެ ކަމަށް ގަބޫލު ކުރެއެވެ. ހަމައެހެން މައްސަލައިގައި ދެން ހިމެނެނީ ދައުލަތުގެ ވެރިމީހާ ނަމަވެސް އިންސާފު ގާއިމު ކުރުމުގެ ގޮތުން މުވާސަލާތީ ވަސީލަތްތައް ހޯދަން އޮންނަ އިޖުރާއަތް ތަކާއި އެއްގޮތަށް ހޯދާ ދިރާސާކޮށް ކަމުގެ އަސްލު ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

ނޫސް ޖަމިއްޔާގެ ވެރިން ފުރުން މަނާކޮށް އާއިޝާއެވެ ކިޔުނު ފަރާތް ފުރުން މަނާ ކުރާނަމަ ދެން ހުރި ފަރާތުގެ ފުރުންވެސް މަނާ ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ. ހެއްކަށް ނުފޫޒު ފޯރުވަންޏާ ކޮންމެ ފަރާތަކުންވެސް ނުފޫޒު ފޯރުވުން ނުވަތަ ނައްތާލުމަކީ ކުރެވިދާނެ ކަމެކެވެ. ނުފޫޒު ފޯރުވުމާއި ހެކިނައްތާލުމުގެ ފުރުސަތު ދައުލަތުގެ އެންނެ މަތީވެރިޔާއަށް ސަބަބުވެރި ވިސްނުމަކުން ވިސްނާ މީހަކު ގަބޫލުކުރާނެއެވެ. 

ސިފައިންގޭގެ ސޯލްޖަރުންނަކީ އަމުރަށް ކިޔަމަންތެރިވާ ބައެކެވެ. އެ މީހުންނަށް އަމުރު ކުރާ ފަރާތުން ކުރާ އަމުރާއި އެއްގޮތަށް އަމަލު ކުރާނެއެވެ. އެ ސޯލްޖަރު ކުއްލިއަކަށް އަމުރުވެރި މަގާމަކަށް އައްޔަނު ކުރިއަސް އެ ސޯލްޖަރު ވާނީ ހަމަ ސޯލްޖަރަކަށެވެ. ދިވެހީން ބޭނުންވަނީ ނަޒާހަތްތެރި ހުލްގުހެޔޮ، ފުދުންތެރި އަބުރުވެރި ތަހުޒީބުވެފައިވާ ގައުމެކެވެ. ނާއިންސާފާއި ދޮގުހެދުމާއި ފަސާދައިގެ ކަނޑެއްގައި ގަރަގު ވެގެން ދާ ގައުމެއް ނޫނެވެ.

ދިވެހީން އެދެނީ ދިވެހީންގެ ވެރިޔާއަކީ އައްޔާޝީއާއި ދުރު ދީނީ ހަރުދަނާ މީހަކަށް ވުމެވެ. ނަމަވެސް އިންސާފުވެރި ތަހުހީގަކާއި އަދުލުވެރި ޝަރީއަތަކުން ކަން ހިނގާފައިވަނީ ފުލުހުންގެ އިސް ވަޒީރު ހާމަކުރި ގޮތާއި ހިލާފަށް ކަމަށް ވެއްޖެނަމަ ވަރަށް ވެސް ހިތާމަވެރިއެވެ. އެހެން ވެއްޖެ ނަމަ ދިވެހީންގެ ރާއްޖެއާއި ސަދޫމެކޭ ތަފާތެއް ނެތެވެ.