ފުލުހުންގެ ވާޖިބު އޮންނަނީ މުޒާހަރާ ރޫޅުމާއި ޓޯކުރަން

ފުލުހުންގެ ވާޖިބު އޮންނަނީ މުޒާހަރާ ރޫޅުމާއި ޓޯކުރަން

މުއިއްޒުގެ ވެރިކަމުގައި މީހުންގެ މުދަލަށް އަރައިގަތުމަކަށް ކޯޓް އަމުރެއް ބޭނުމެއް ނުވެއެވެ. މުއިއްޒުގެ ހުދުމުހުތާރު ގޮށްމުށުގެ ބާރު ރައްޔިތުންގެ މައްޗަށް ފޯރުވުމުގައި ފުލުހުން ލަދެއް ހަޔާތެއް ނުހުރެއެވެ.

ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އިހުތިޖާޖް ކުރުމުގެ ހައްގުގެ ބޭނުން ރައްޔިތުން ހިފުމަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ކަމަށް ވަނީ ހަދާފައެވެ. ފުލުހުންނަކީ ބެލުމުގެ ދަށަށް ގެންގޮސްފައި ހުންނަ އެތައް ހާސް ޑޮލަރާއި ސިގިރޭޓް ކާޓޫނުތައް ގެއްލޭ އިރު ނޭނގޭ ބައެކެވެ.

ބޮޑެތި ބިޔަ ޖަރިމާ ހިންގުމުގައި ބައިވެރި ވުމުގެ ރެކޯޑް އޮތް ބައެކެވެ. އެކަންކަމުގައި ވާޖިބެއް ޒިންމާއެއް ނޯވެއެވެ. ފުލުހުންގެ ވާޖިބު އޮންނަނީ މުޒާހަރާ ރޫޅާލާށާއި ދުއްވާ އެއްޗެތި ޓޯކޮށް ރައްޔިތުންނަށް އަނިޔާވެރި ވާންވީމައެވެ.

މީހުންގެ އަގުބޮޑު ކާރުތައް ޓޯކޮށް ވުޖޫދުން ފުހެލަންވީމާ ފުލުހުންގެ ވާޖިބު ކެކިއަރައެވެ. މުޒާހަރާ ކުރަން ބަޔަކު ނިކުމެއްޖެއްޔާ ގުންފައި ޖަހައިގަންނައިރު އެވަރު ބަޔަކު ނެތޭހީވެއެވެ. 

މަސްވެރިންގެ މުޒާހަރާ ރޫޅާލަން ދޯނި ފަހަރަށް އަރާ ތިން ދޯނި ބެލުމުގެ ދަށަށް ގެންދަން ވީމާ ކޯޓް އަމުރަކަށް ބޭނުމެއް ނުވެއެވެ. ގަވައިދުން ޓެކްސް ދައްކައިގެން މީހުން އެތެރެކޮށްފާ ހުންނަ އަގުބޮޑު  ވެހިކަލް ވުޖޫދުން ފުހެލަން ވީމާ ފުލުހުންނަށް ކޯޓް އަމުރެއް ބޭނުމެއް ނުވެއެވެ. ވާޖިބުތަޢް އޮންނަނީ ދަވަލާ ފައިބާފައެވެ.