އެމްޑީޕީއަށް ކުރާ އިތުބާރު ސިޓީތަކުގެ މޭޔަރުކަމުން ފެންނާނެ!
އެމްޑީޕީ ފޭލިކޮށްލަން ކުރި މަސައްކަތް ދިޔައީ ޗޮކުން
އެމްޑީޕީއަށް ރާއްޖޭގައި ދެން އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނެ ބަޔަކު ވަރަށް ފޮނު އަރުވައިފިއެވެ. ރިޔާސީ އިންތިހާބުގައި ބުހުތާން ދޮގު ވިއްކައިގެން އެމްޑީޕީ ބަލި ކުރެވުނީ މާ އާސްމާނަށް ހިތް އަރައިގެން ބަޔަކު ތެޅެފޮޅެގަތެވެ.
މާލެ ސިޓީ މޭޔަރުކަމުގެ ބައި-އިލެކްޝަނަށް ޕީއެންސީ ނިކުތީ އާޒިމާ ޝުކޫރަށް މޭޔަރުކަން ދީގެންނެވެ. ސަންގު ބަހުސް ވެސް ހީވަނީ މޭޔަރުކަން އާޒިމާއަށް ލިބިގެން އުޅޭހެންނެވެ. ސަންގުފުމޭ މީހާއަކީ ވަޒީރަކަށް ވިޔަކަސް ނެތް މީހެއްގެ ކަށިހަފާ ކޭއިރު ހީވަނީ އާޒިމާ މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ތިބިހެންނެވެ. ވާދަވެރި ކެންޑިޑޭޓުން އަނގަ ނޯވެގެން ބަހުސްގެ މޮޑަރޭޓަރ، މޮޑަރޭޓްކުރާ ވަރު ވެގެން ދިޔައީ ގައިމު ވަރެއް ކޮށްލެވުނީމަތާއެވެ.
ބަހުސުގެ ސްޓޭޖު މަތީގައި އާޒިމާގެ ކަންފަތް ދޮށުގައި ޗުކްޗުކް އަޅުވާ ހިސާބަށް އެމްޑީޕީ ކޮށިއަރުވާލަން ދަ ޑިމޮކްރޭޓްސް ވެސް ތުންގުޅައިގެން ތިބިކަން ބޭޒާރުވިއެވެ. އެމްޑީޕީ ޓިކެޓްގައި ސިޓީ ކައުންސިލަށް ހޮވިގެންހުރެ ޕާޓީ ބަދަލުކޮށްގެން ޕީއެންސީއަށް ވާގިދީ އެމްޑީޕީ ފޭލިކޮށްލަން ކުރި މަސައްކަތް ޗޮކުން ދުއްވާލީ މާލޭ މީހުނަށް ސައިފްމެންގެ އިހުލާސްތެރިކަމެއް ނެތްކަން އެނގޭތީއެވެ.
މާލޭ މޭޔަރަކަށް ދަރަނި ބޮލެއް ހޮވައިގެން ޖެހޭނެ ދަތުރު މާލޭ މީހުނަށް އެނގެއެވެ. ގަލޮޅު އުތުރު މީހުންގެ ހައްގުގައި ސައިފަށް ކޮށްދެވުނު ކަމެއް ނެތްކަން މާލޭ ރައްޔިތުންނަށް ނޭނގޭހާ އެ މީހުން ގަމާރެއް ނޫނެވެ. އެމްޑީޕީ ރޫޅާލަން ޑިމޮކްރެޓުން ޕީއެންސީއާއި ގުޅިގެން ކުރާ ނާކާމިޔާބު މަސައްކަތުން ރޫޅި ހަސްނެތި އިތުބާރު ކެނޑެނީ ޑިމޮކްރެޓްސްގެއެވެ.
އެމްޑީޕީއަށް ރައްޔިތުން އިތުބާރު ކުރެއެވެ. ރައްޔިތުންގެ ހެވާ ލާބައަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީކަން މާލޭ މީހުންނަކަށް ނޯޅެއެވެ. އަމްދުން އާޒިމަކީ މާލޭ މީހުން ބޭނުން ވެގެން ހޯދާ ޒާތުގެ ލީޑަރެކެވެ. އާދަމް އާޒިމަށް ވާނެ ކަމާއި ކުރާނެކަން ހުރިހާ ދިވެހިންނަށް ވެސް އެނގެއެވެ. މާލެ ސިޓީ މޭޔަރަކަށް ދަރަނިން ބޯހިކެން ނެތް ބަނގުރޫޓް ލޯޔަރެއް ހޮވައިގެން އޭނާގެ ބަރަހަނާ ނިވާކޮށްދޭން އުޅެވެން ނެތްކަން މާލޭ މީހުން ސާބިތުކޮށް ދީފިއެވެ.
އެހެން ނޫނަސް ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުންނަކީ އެމްޑީޕީ މޭޔަރުން ކަމުގައިވުމަކީ ސަމާސާ ކަމެއް ނޫނެވެ. ދިވެހި ރައްޔިތުން އެމްޑީޕީއާއި މެދު ކުރާ ފާގަތި އުންމީދު ތަކެއް އޮތްކަން އެކަމުން ސާފެވެ. އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ އިތުބާރު އޮތްވަރު އެކަމުން ސާބިތުވެއެވެ. ވެރިކަން ހިންގުމުގެ މުޅި ނިޒާމުގެ އިތުބާރު ގެއްލިފައި އޮތަސް އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ރާއްޖޭގެ ސިޓީތަކުގެ މޭޔަރުކަމުން އެއޮތީ ފެންނާށެވެ.