އާމްދަނީން ދަރަނި ދައްކާފާ މުއިއްޒު ޕްރޮޖެކްޓްތައް ހިންގާނީ ޖާދޫއަކުން!
ރަށް ރަށަށް އަރާ އަނެއްކާވެސް މުއިއްޒުގެ ދޮގު ސިލްސިލާ ފަށްފަށް ކުރަންފަށައިފިއެވެ. 2025 ވަނަ އަހަރަކީ ރައްޔިތުންނަށް ގިނަ ކަންތައް ކޮށްދޭނެ އަހަރެއް ކަމަށް މުއިއްޒު އެބަބުނެއެވެ. މިހާރު ފަށާފައިވާ ދަތުރުގައި ދިޔަ ކޮންމެ ރަށެއްގައި ކުރާން ހުރި ހުރިހާކަމެއް 2025ގައިކޮށް ނިންމާނެކަމަށް ބުނެފިއެވެ.
މުޅި ރާއްޖޭގައި ވޭސްޓްމެނޭޖުމެންޓްގެ ނިޒާމް މަތީ ފެންވަރެއްގައި 2025 ގައި ނިންމާނެ ކަމަށް ބުނެފިއެވެ. ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތައް ހިންގާ ނީންމާނެ ކަމަށް ބުނެފިއެވެ. ފެނާ ނަރުދަމާއާއި ކަރަންޓާއި ބަނދަރާއި ފަޅާއި ރަށް ގިރުން ހައްލުކުރުމާއި ކުޅޭ ދަނޑުތަކާއި ކޯޓްތަކާއި ސްކޫލްތަކާއި މަލްޓިޕާޕަސް ހޯލްތަކާއި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ނަން ހުސްކޮށް ރަށްރަށުގައި ކުރަންހުރި ހުރިހާކަމެއް ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކޮށްދޭ އަހަރުކަމަށް 2025 ހަދައިފިއެވެ. އެއަޑުއަހާފައި ބަޔަކު އެތިބީ ބާރަށް އަތްޖަހާށެވެ. ކިތަންމެ ފޮނެއް އެރުވިޔަސް އެކަންކަމެއް މުއިއްޒަކަށް މިއަހަރަކު ނުވާނެއެވެ. ނުވެސް ކުރާނެއެވެ.
މުއިއްޒުގެ ވެރިކަމަށް އަހަރެއް ވެގެން ދިޔައިރު ހައްދަވައިގެން ރައްޔިތުންނަށް އެއްވެސްކަމެއް ކޮށްނުދީ 61 މިލިޔަން ރުފިޔާ ބަޖެޓުން 2024 ގައި ތަޅާ ހުސްކޮށްލުމަށް ފަހު އެފެށީ ރައްޔިތުން ވާވެއްދުމުގެ ސިލްސިލާ ދަތުރުތަކެވެ. ބޭނުމަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ހަދާނުދީ ފިއްތާލައިގެން ރައްޔިތުންގެ ޖީބުކަނޑަމުން ރައްޔިތުންނަށް މާމޮޅުތަކެއް ވާނެ ވާހަކަ ދައްކަމުން ވަގުތު ދައްމާލުމެވެ.
2025 އަށް ކިތަންމެ ބޮޑު ބަޖެޓެއް ފާސްކޮށްގެން އުޅުނަސް އުންމީދު ކުރާވަރާ ގާތަށްވެސް މިއަހަރު ރާއްޖެއަށް ބޭރު ފައިސާ ވައްނާނެ ގޮތްތަކެއް ހެދޭތަނެއް ނުފެނެއެވެ. ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރާ ތަނެއް ނުފެނެއެވެ. ބޭރުގެ ދަރަނި އަދާކުރެވޭނެ މަގުތަކެއް ފެންނާކަށް ނެތެވެ. އުންމީދުކުރާ ވަރާގާތަށްވެސް ފަތުރުވެރިން އަންނަން ޝައުގުވެރި ކުރެވޭތަނެއް ނުފެނެއެވެ.
ވޯލްޑް ބޭންކް ބުނާގޮތުން 2025 ގައި ބޭރުގެ ދަރަނީގެ ގޮތުގައި 557 މިލިޔަން ޑޮލަރު ރާއްޖޭން ދައްކަން ޖެހޭނެއެވެ. 2026 ނިމޭ އިރު 1.7 ބިލިޔަން ޑޮލަރ ބޭރުގެ ދަރަނި އަދާކުރަން ރާއްޖޭން ދައްކަންޖެހެއެވެ. އެހުރިހާ ފައިސާ ދައްކަންޖެހޭ މުއްދަތަށް ނުދައްކާވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެހެން އެކަން އޮތް އިރު ދައުލަތަށް ލިބޭ އާމްދަނީ އެބުނާ ޕްރޮޖެކްޓްތައް ހިންގާފައި ދަރަނި ދައްކަނީ ޖާދޫއަކުން ހެއްޔެވެ.
ދައުލަތް ހިންގުމުގެ ދުވަހީ ހަރަދު އިންތިހާ ދަރަޖައަށް މަތީގައި ބާއްވައިގެން ދަރަނި ދައްކަމުން ޕްރޮޖެކްޓް ހިންގަނީ އަލާއުއްދީނު ވޮއްގަޑުން ހެއްޔެވެ. އަނެއްކޮޅުން ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ދޭހިދުމަތްތައް ކަނޑާލުމާއި ކުޑަކުރުމާއި އާމްދާނީ ހޯދޭނެގޮތް ހަދާނުދީ ރައްޔިތުންގެ އަތުންނަގާ ޓެކްސްތަކާއި ހިދުމަތުގެ އަގުތައް މަތިކޮށް ރައްޔިތުން ބިކަކުރުން ނޫންކަމެއް މުއިއްޒު ނުކުރެއެވެ.
އަނެއްކޮޅުން މުއިއްޒު ދައުލަތުގެ ފައިސާއިން އިސްރާފުކުރަނީ ރައްޔިތުންނާއި ވާދަވެރިންގެ އަޑުކަނޑުވާލުމަށެވެ. ކުރާ ކޮންމެ ނޭއްގާނި ކަމެއްވެސް ހަލާލުކުރަން އެތައް ސަަތޭކަ ބަޔަކަށް ހުއްޓާނުލާ މުއިއްޒުގެ ނޭއްގާނި އަމަލުތައް މުލައްމާ ކުރުމަށް ދައުލަތުގެ ފައިސާ އެބަ ހޭދަކުރެއެވެ. މުއިއްޒު ކުރާކޮންމެ ކަމެއްގައި ވާންއޮތް ފައިދާތަކެއްގެ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލުމަށް އެ މީހުން އަވަދިނެތި އެބަމަސައްކަތް ކުރެއެވެ.
ހާލަތު ރަނގަޅު ނުކޮށް މުސްތަގުބަލް ކުރެވޭނެ ރަނގަޅެއް ނޯންނާނެއެވެ. ރާއްޖޭގެ މިއަދުގެ ހާލަތު އޮތީ މުސްތަގުބަލަށް ކަމެއް ގުރުބާން ކުރެވޭ ވަރަށްވުރެ ނިކަމެތިކޮށެވެ. ދަރަނިން ބޯހިކޭ މީހަކުނެތެވެ. ދިރިއުޅުމުގެ އަގުބޮޑުވެ ދެކޮޅުނުޖެހި އެންމެންހެން ތިބީ ގޮތްހުސްވެ ވާތާވެފައެވެ. ހަރާމެއް ހަލާލެއް ނުބަލާ ޖެހުނު އެއްޗެއް ޖެހުނުތާކުން ހޯދައިގެން އުޅުންނޫން ގޮތެއްނެތް ވަރަށް މީހުން ބިކަވެ ދުނިޔެ ރަންވެއްޖެއެވެ.