އެމްއޭސީއެލް ރޭޕްކުރުން ހުއްޓުވަންޖެހޭ!

އެމްއޭސީއެލް ރޭޕްކުރުން ހުއްޓުވަންޖެހޭ!

ސަރުކާރުތަކުން ސްޓޭޓް އޯނެޑް އެންޓަރޕްރައިސަސް އުފައްދައިގެން ހިންގާ ގޮތާއި މަގްސަދު ރައީސް މުއިއްޒަށް އެނގޭނަމަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އެއަރޕޯޓާއި ގުޅުން ނެތްކަމެއް ނުކުރުވާނެއެވެ. އެމްއޭސީއެލްއަކީ ފިޓްނަސް ސެންޓަރ އެޅުމާއި ރަސްމާލެ ހިއްކުމަށް އުފައްދައިގެން ހިންގާ ކުންފުންޏެއް ނޫނެވެ. 

އެމްއޭސީއެލްގެ އަސާސީ މަގުސަދުތަކަށް ބަލާލުމުން އެނގި ހާމަވަނީ މަގްސަދުން ބޭރު ކަންތައްތަކެއް ކުރުވައިގެން ކުންފުނި ލޫޓުވާލަން އުޅޭކަމެވެ. ކުންފުނީގެ އަސާސީ މަގުސަދެއްގެ ގޮތުގައު ގައުމީ ތަރައްގީގައި ހިއްސާވުން އޮތުމުގެ މާނައަކީ އިހުތިސޯސުން ބޭރު ކަންތައް ތަކެއް ކުރުމެއް ނޫނެވެ. އެއަރޕޯޓް އެޅުމާއި އެއަރޕޯޓު ހިންގުމާއި ގުޅުންހުރި މަޝްރޫޢުތަކުގައި ބައިވެރިވެގެން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިވުމުގެ ބަދަލުގައި ރަށްރަށުގައި އޮއްވަޅު ގޮނޑި ހަދާދޭ ބަޔަކަށް އެއަރޕޯޓް ކޮމްޕެނީ ބަދަލެއް ނުކުރެވޭނެއެވެ. 

ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދީގެން އެންމެ މަތީ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައި ގައުމުގެ މައި ދޮރާށި ހިންގާ ބެލެހެއްޓުމަށްވުރެ މުހިންމު އެއްވެސް ކަމެއް އެމްއޭސީއެލްއަކަށް ނުއޮންނާނެއެވެ. އެއަަރޕޯޓްގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެއަރޕޯޓުގެ އެންމެހައި ކަންކަން ހިންގުމުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަން އޮތް ކުންފުނި 63 ރަށުގައި ފިޓްނަސް ސެންޓަރ އަޅަން ހަވާލުވާކަށް ނުޖެހެއެވެ. 

ފުރިހަމަ ކަސްޓަމަރ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އިސްކަންދީ، ދަތުރުވެރިންނަށް އޮމާން ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭންޖެހެއެވެ. އެކަމަށް ވިސްނާ ގޮތްތައް ހޯދަން ތިބި ސިކުނޑިތަކުން ކަމާ ނުބެހޭ އެހެންކަމަކަށް ވިސްނުމާއި ވަގުތާއި މަސައްކަތާއި ފައިސާ ހޭދަކޮށްގެން މުއިއްޒު ލޮއްސަން ހަރަދުކުރުމަކީ އެމްއޭސީއެލުންވާ ހިޔާނާތެކެވެ.

ހިދުމަތުގައި ތިބި އެމްއޭސީއެލްގެ މުއައްޒަފުން ބާރުވެރިކޮށް ތަރައްގީ ކުރުމުގެ ގޮތުން މުއައްޒަފުންނަށް ތަމްރީނާއި، ތަރައްގީއާއި، އުފާވެރި އަދި ފޯރިގަދަ މަސައްކަތުގެ މާހައުލެއް ފޯރުކޮށްދިނުމަކީ ކުންފުނީގެ އަސާސީ މަގުސަދެކެވެ. އެކަމަކު އެކަންކަމަށް އިންވެސްޓުކުރުމުގެ ބަދަލުގައި ރަށްރަށުގައި ފިޓްނަސް ސެންޓަރ އެޅުމާ ދެކޮޅަށް އެއަރޕޯޓްގެ މުއައްޒަފުން ތެދުވުމުގެ ވަގުތު ޖެހިއްޖެއެވެ. 

ޓަރމިނަލްތަކާއި، ތެޔޮ ފާމުތަކާއި، ކާގޯ ފެސިލިޓީތައް ފަދަ އެއަރޕޯޓުގެ އުމްރާނީ ވަސީލަތްތައް ފުޅާކޮށް ތަރައްގީކުރަން ހުންނަ ފައިސާ އެއަރޕޯޓާއި އެއްވެސް ގުޅުމެއްނެތް ބިން ހިއްކުންފަދަ ކަންކަމަށް ހަރަދު ކުރުވުމަކީ މަގާމުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އަނެއްކޮޅުން މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އެއަރޕޯޓުގެ މުދަލާއި، ދަތުރުވެރިންނާއި، މުވައްޒަފުން ނުރައްކާތަކުން ސަލާމަތްކުރުމަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ އެމްއޭސީއެލްގެ އަމާޒެކެވެ.

އެމްއޭސީއެލްގެ އަމާޒުތަކަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަމަށް ބޭނުންވާ ހަކަތައާއި ވަސީލަތާއި ފައިސާއިން ބޮޑު ބައެއް ކުންފުންޏާ ގުޅުންނެތް އެތައް ކަމަކަށް ހޭދަކުރަމުން އެކުންފުނި މުއިއްޒު އެދަނީ ރޭޕްކުރަމުންނެވެ. އެމްއޭސީއެލް އުފައްދާ ހިންގާ މަގުސަދުން ބޭރުން މަސައްކަތްތައް ހަވާލުކޮށްގެންނާއި ބިންހިއްކަން އެމްއޭސީއެލުން ކުންފުންޏެއް ހައްދައިގެން އެމްއޭސީއެލް ރޭޕްކުރާ ކުރުން ހުއްޓުވަންޖެހެއެވެ.