ޖަމީލަކީ ހަމަލަމަ ގެއްލިފައި ހުރި އަގުޅި ނެތް ކަންނޭލެއް
ކުރީގެ ސަރުކާރު ތަކުން ނުކޮށް އޮތް އެތައްކަމެއް މިސަރުކާރުން ދަނީ ކޮށްދެމުން
ރައްޔިތުންނަށް އަސަސީ ހައްގަކީ ލިބިދޭން ޖެހޭ އެއްޗެއްކަން ޑރ.ޖަމީލަށް އެނގިވަޑައިގަތީ އަދި ކިރިޔަ ހެއްޔެވެ. ޖަސްޓިސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ޖަމީލު ކުރެއްވި ދުވަސްވަރު ރައްޔިތުންނާއި އަސާސީ ހައްގު އޮތީ ކޮންތާކު ހެއްޔެވެ.
ރަށްރަށުގެ ރައްޔިތުން އޭރު ވެސް ތިއްބެވެ. ސާފު ފެނެއް ނަރުދަމާއެއް ގިނަ ރަށްރަށަކު ނެތެވެ. ލަފާ ފުރޭކަށް ވެސް ނެތެވެ. ކަރަންޓްގެ ހިދުމަތް ލިބުނަސް ލިބެނީ ނަމަކަށެވެ. ޖަމީލަކަށް އޭރަކު އެ ތަނެއް ނުފެނެއެވެ. އަސާސީ ހައްގަކަށް ވެސް އެ ކަންކަމެއް ނުވެއެވެ. އެ ކަންކަން ރައްޔިތުންނަށް ހޯދައިދޭން ކުރި މަސައްކަތެއް ނެތެވެ. ޖަމީލުމެން އާރާ ބާރުގައި ތިބިއިރު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިން ނަމަ މިހާރަކު ސަރުކާރުން އެކަމަ އުޅޭކަށް ނުޖެހުނީސް ނުންހެއްޔެވެ.
ރައީސް ސާލިހު ސަރުކާރުން އެއްވާނަކަށް މުޅި ރާއްޖޭގައި އަސާސީ ހިދުމަތް ގާއިމުކޮށްދީ ރައްޔިތުންނަށް ހަމަނޭވާ ލެވޭގޮތް ހަދައިދޭން ފެށުމުން ބަނޑު ކައްކާނެ ކަމެއްނެތެވެ. ކޮއްދޭން ޖެހޭ ކަމަކަށް ވެގެން ކުރަންޖެހޭ ކަންކަމޭ ބުނެ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު ރައްޔިތުންގެ ވިސްނުން އިދިކީލި ކުރަން ޖަމީލުމެން ކުރާ ޓްވީޓަކުން ރައްޔިތުންގެ ވިސްނުން ބަދަލެއް ނުކުރެވޭނެއެވެ.
ޓެކްސް ބޮޑުކުރި ވާހަކަ ދައްކައިގެން ތިޔަ އަނބުރާން އުޅޭ ގޭސްގަނޑެއް މިރާއްޖެއަކު ދެން ނޭނބުރޭނެއެވެ. ބޮޑުކުރަންޖެހޭ އެއްޗެއް ބޮޑުކޮށް ކުޑަކުރަން ޖެހޭ އެއްޗެއް ކުޑަކޮށްގެން ދޭންޖެހޭ ހިދުމަތް ދޭކަށް މިސަރުކާރު ފަހެއް ނުޖެހޭނެއެވެ. ޓެކްސް ބޮޑުކުރުމަކީ ސިޔާސީ ގޮތުން ސަރުކާރަށް ހުރި ގެއްލުމެއް ކަމަށްވިޔަސް ރައްޔިތުނަށްޓަކާ އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މިސަރުކާރުން އަޅަން ފަސް ނުޖެހޭނެއެވެ. ބޮޑުކުރި ޓެކްސް ކުދަކުރެވޭ ހާލަތަށް ދިޔުމުން މިސަރުކާރުން ޓެކްސް ކުޑަ ކުރާނެކަން ވެސް ގިނަ މީހުން ގަބޫލުކުރެއެވެ. ހަމަގައިމު ޖަމީލަކަށް އެކަމެއް ނުކުރެވޭނެއެވެ.
ޖަމީލުގެ އަމިއްލަ އުފަން ރަށުގައި މި ސަރުކާރުން ކުރާކަންކަމުން އެކަނިވެސް ޖަމީލުގެ ތިޔަ އުފައްދަނީ ފަސާދަކަން ސާބިތުވާނެއެވެ. އަންދުހުއްސުރެ ފުވައްމުލަކަށް ދިމާވެފާއޮތް ގޮނޑުދޮށް ގިރުން ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނުފެނުމަކީ ޖަމިލުގެ ލޮލުގެ ހަލު ދެރަކަމެވެ. ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރުއަޅާ ފުވައްމުލަކަށް ގެންނަމުންދާ ޒަމާނީ ތަރއްގީއާއި ހުޅުވާލެވޭ އިގުތިސާދީ ފުރުސަތުތައް ނޭނގުމަކީ ތިމާގެ އަމިއްލަ ވަޒަނުގެ ހާލަތުވެސް ނޭނގޭ ކަމުގެ ހެއްކެކެވެ.
ޔާމީނު ނޫނީ ކަމެއްކުރަން އެނގޭ ކުރެވޭ މީހަކު ނެތްކަމަށް މިއަދު ޖަމީލަށް ވިޔަކަސް ވެރިކަމުގައި ހުރި އިރު ޔާމީނަށްވުރެ ކަންނުވާ ކަންނޭގޭ މީހަކު ހުރިކަމަކަށް ޖަމީލަކަށް ނުވިއެވެ. ޖަމީލުގެ އަމަލާ ބަހުން އަމިއްލައަށް ތިޔަ ސާބިތު ކޮށްދެނީ ޖަމީލަކީ ހަމަލަމަ ގެއްލިފައި ހުރި އަގުޅި ނެތް ކަންނޭލެއް ކަމެވެ. ފިތުނައާއި ފަސަދަ ނޫން ދެވަނަ އެއްޗެއް ޖަމީލުގެ ތޮބީއަތުގައި ނެތްކަމެވެ. އެއިރަކު ވެރިކަމަކާ ދެކޮޅަށް ގައުމު ފަސާދަކުރުން ނޫން ކަމެއް ޖަމީލަށް ނޭނގޭކަމެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތައް ރައްޔިތުން ބަލައިގަނެއެވެ. ދުނިޔެ ހެއްދެވީއްސުރެ ސަރުކާރު ތަކުން ކޮށްދޭންޖެހި ނުކޮށް އޮތް އެތައް ހާސް ކަމެއް ރައީސް ސާލިހު ކޮއްދެއްވަމުން ގެންދަވާތީ ރައްޔިތުން ތިބީ ނިކަން އުފަލުންނެވެ. ޖަމީލުމެން ތިޔަހެން ކުރާ ފިތުނައިގެ ތްވިޓެއްގައި ރައްޔިތުން ތިބީ ޖެހޭ ގޮތަކަށް ނޫނެވެ.