14 އަހަރަށްފަހު މަރުގެ ތަހުގީގެއް އަލުން ހިންގަން އަމުރުކޮށްފި
ނުހައްގުން އަދަބު ލިބުނު މީހަކަށް ބަދަލު ދެވިދާނެ | ރޭޕްކޮށް މަރާލެވުނު މީހަކަށް ބަދަލެއް ނުދެވޭނެ
14 އަހަރުވީ އިންތިޒާރަށްފަހު، ކަރްނާޓަކާގައި ހިނގި ސޯޖަންޔާ ރޭޕްކޮށް މަރާލި ހާދިސާގެ އައު ތަހުގީގެއް ހިންގުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ނުހައްގުން ދައުވާ އުފުލުނު މީހަކަށް ލިބުނު ބަދަލު ދެވިދާނެ ކަމަށާއި، ނަމަވެސް ރޭޕްކޮށް އަނިޔާވެރިކޮށް މަރާލެވުނު މީހަކަށް ލިބުނު ބަދަލު ދުވަހަކުވެސް ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
2012 ވަނަ އަހަރު ކަރްނާޓަކާގެ ދަރުމަސްތަލާގައި ސޯޖަންޔާ ރޭޕްކޮށް މަރާލި މައްސަލައިގައި ކަރްނާޓަކާ ސަރުކާރުން ހާއްސަ ތަހުގީގީ ޓީމެއް (އެސް.އައި.ޓީ) އެކުލަވާލައި، އައު ތަހުގީގެއް ހިންގުމަށް ސުޕްރީމް ކޯޓުން ހޯމަ ދުވަހު އަމުރުކޮށްފިއެވެ. ކޯޓުން ފާހަގަކުރި ގޮތުގައި މި މައްސަލައިގައި މީގެ ކުރިން ތަހުގީގު ހިންގާފައިވާ ގޮތަކީ އިންސާފުގެ ކުރިމަތީގައި ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.
ފަނޑިޔާރު ސަންޖޭ ކުމާރު އަދި ފަނޑިޔާރު ސަންޖީވް ސަޗްދޭވާ ހިމެނޭ ބެންޗުން އަމުރުކުރީ، ތިން މަސްދުވަހުގެ ތެރޭގައި އައު ތަހުގީގު ނިންމައި، ގާނޫނާ އެއްގޮތަށް ކަމާބެހޭ ކޯޓަށް ރިޕޯޓު ހުށަހެޅުމަށެވެ. މި އަމުރު ނެރުއްވީ މަރުވި ކުއްޖާގެ މަންމަ ކުސުމާވަތީ ހުށަހެޅި އިލްތިމާސަކާ ގުޅިގެންނެވެ.
ކުރީގެ ތަހުގީގުތަކުގައި ބައިވެރިވި އޮފިސަރުން އައު ޓީމުގައި ނުހިމެނޭނެ
މި މައްސަލަ މީގެ ކުރިން ތަހުގީގުކޮށްފައިވަނީ ސަރަހައްދީ ފުލުހުންނާއި، ކަރްނާޓަކާ ސީ.އައި.ޑީ އަދި ފަހުން ސީ.ބީ.އައި އިންނެވެ. މި މައްސަލައިގައި ހަމައެކަނި ދައުވާ އުފުލުނު ސަންތޯޝް ރާއޯ، ހެކި ނެތުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ޖޫން މަހު ސީ.ބީ.އައިގެ ހާއްސަ ކޯޓަކުން ވަނީ މިނިވަންކޮށްފައެވެ.
"ކަރްނާޓަކާ ސަރުކާރުން އެކުލަވާލާ ހާއްސަ ތަހުގީގީ ޓީމަކީ، ޒަމާނީ ތަހުގީގީ ވަސީލަތްތަކަށް އަހުލުވެރި، ގާބިލު އޮފިސަރުން ހިމެނޭ އަދި އިސް ފުލުސް އޮފިސަރަކު އިސްކޮށް ހުންނަވާ ޓީމަކަށް ވާންޖެހޭނެ. ބެލްތަންގަޑީ ޕޮލިސް ސްޓޭޝަން، ސީ.އައި.ޑީ ނުވަތަ ސީ.ބީ.އައިގެ ފަރާތުން މީގެ ކުރިން މި މައްސަލައިގެ ތަހުގީގުގައި ބައިވެރިވި އެއްވެސް އޮފިސަރަކަށް މި ޓީމުގައި ބައިވެރިއެއް ނުވެވޭނެ،" ބެންޗުން އަމުރުކުރިއެވެ.
ސުޕްރީމް ކޯޓުން ބުނި ގޮތުގައި، ކޯޓުން މިނިވަންކޮށްފައިވާ ސަންތޯޝް ރާއޯގެ މައްޗަށް އިތުރު ތަހުގީގެއް ނުވަތަ ދައުވާއެއް ނުކުރެވޭނެއެވެ. އަދި މި އަމުރަކީ އެއްވެސް ފަރާތެއްގެ ކުށެއް އޮތްކަން ނުވަތަ ނެތްކަން ބަޔާންކުރާ އަމުރެއް ނޫން ކަމަށާއި، ހާއްސަ ޓީމުން ތަހުގީގު ހިންގަންވާނީ މި އަމުރުގައިވާ އެއްވެސް ވާހަކައަކަށް ރިއާޔަތްކުރުމެއް ނެތި މިނިވަންކަމާއެކު ކަމަށްވެސް ކޯޓުން ބުންޏެވެ.
ކޯޓުން އިތުރަށް ފާހަގަކުރި ގޮތުގައި، ކުރީގެ ތަހުގީގުތައް ހިންގާފައިވާ ގޮތާއި ހެކި އެއްކޮށް ވަޒަންކޮށްފައިވާ ގޮތަކީ ކޯޓުގެ ސަމާލުކަމަށް އައި ކަންބޮޑުވާ ކަންތައްތަކެކެވެ. ކުރިން ދައުވާ އުފުލުނު މީހަކީ އެފަދަ ކުށެއް ކުރެވޭނެ ގާބިލުކަން ހުރި މީހެއް ނޫންކަން ހާމަވެފައިވާއިރު، މީގެ ކުރިން ތަހުގީގު ހިންގާފައިވަނީ އަނިޔާ ލިބުނު ފަރާތަށް އިންސާފު ނުލިބޭނެ ގޮތަށެވެ. އަދި އަސްލު ކުށްވެރިން ތަހުގީގަށް ނުފޫޒު ފޯރުވާފައިވުމުގެ ފުރުސަތު އޮތް ކަމަށާއި، މިފަދަ އިހުމާލު ތަހުގީގުތަކުގެ ސަބަބުން ޒިންމާދާރުކަމެއް ނެތި މަސައްކަތްކުރި އޮފިސަރުންނަށް ހިތްވަރު ލިބޭ ކަމަށްވެސް ކޯޓުން ބުންޏެވެ.
"ދޮގު ތުހުމަތެއް ކުރެވުނު މީހަކަށް ލިބުނު ގެއްލުމުގެ ބަދަލު ދެވިދާނެ. ނަމަވެސް، އަނިޔާވެރިކޮށް ރޭޕްކޮށް މަރާލެވުނު މީހަކަށް ލިބުނު ބަދަލެއް ދުވަހަކުވެސް ނުދެވޭނެ. މިފަދަ ބޮޑު ކުށެއްގެ ޝިކާރައަކަށްވި ފަރާތަށް، ރަނގަޅު ތަހުގީގެއް ހިންގައި އިންސާފު ހޯދައި ނުދެވިއްޖެނަމަ، އެއީ މުޖުތަމައު އޭގެ ވާޖިބުން ބަރީއަވުން،" ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
އަދި އަލުން ތަހުގީގު ހިންގުމަށް އަމުރުކުރުމުގެ ބާރަކީ ކޯޓުތަކަށް ލިބިގެންވާ ގާނޫނީ ބާރެއް ކަމަށްވެސް ސުޕްރީމް ކޯޓުން ބަޔާންކުރިއެވެ.


