ފަލާހަށް: ތަޅާ ދަނޑިން ތިކި ބުރަނީ އަމިއްލަ ގަޔަށް

ފަލާހާއި އަދުރޭއާއި ޝުޖާއާއި މުއިއްޒަކީ ޔާމީނުގެ ކޮންމެ ޖަރީމާއެއްގެ ބައިވެރިން

ފަލާހަށް: ތަޅާ ދަނޑިން ތިކި ބުރަނީ އަމިއްލަ ގަޔަށް

ޕީއެންސީ ޕީޖީ ލީޑަރު ފަލާހު ބުނާހެން އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ދެން ހަމަ ކޮންމެފަދަ ވާހަކައެއްވެސް އޭނާ ދައްކަފާނެއެވެ. އޭގެ އެންމެ އައުލާ މިސާލަކީވެސް ހުދު ފަލާހެވެ. ލަދު ހަޔާތުގެ ކުނޑިފުކެއް ހުރިނަމަވެސް ފަލާހުމެން ރައީސް ޔާމީނަށް ތިޔަ ގޮވާ މުޑުދާރު ގޮވެލިފައްޗެއް ނުގޮވާނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމަކީ އިންތިހާ ދަރަޖައަށް ކޮރަޕްޓް އަނިޔާވެރި ވެރިކަމެއްކަމަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ގަބޫލު ކުރެވިގެން އެ ވެރިކަން ވަނީ ނިންމާފައެވެ. ރައްޔިތުންގެ އެތައް ހާސް ބަޔަކު އޭރު ދެއްކި ވާހަކަތަކާ ދެކޮޅަށް ރައީސް ޔާމީނާއި ޔާމީނުގެ ސަރުކާރު ދިފާއުކުރަން އަޑު އުފުލީ ފަލާހާއި ބާރަށު ޝުޖާއާޢި އަދުރޭ ފަދަ މީހުންނެވެ. އޭރަކު ތިޔަ ބައިގަނޑަކަށް ޔާމީނުގެ އުނިކަމެއް އަނިޔާވެރިކަމެއް ކޮރަޕްޝަނެއް އަނބިދަށުވެފައި ހުރިކަމެއް ނޭނގުނެވެ. އެނގޭ ކަމަކަށް ވެސް ނުހެދިއެވެ. 

ޔާމީނު ވެރިކަމުގައި ހިންގިހާ ޖަރީމާތަކާއި ހިޔާނާތަކާއި އަނިޔާވެރިކަމެއްގައި ރަނގަޅަށް ތަތްތެޅިގެން ތިބި ބަޔަކު ނިކުމެ ކުރީން އިދިކޮޅުން ދެއްކި ވާހަކަތައް ހަމަ އެ ގޮތަށް އެ ރާގުގައު ޔާމީނާ ދެކޮޅަށް ދެއްކުމަކީ މީހުން ކިޔާއުޅޭ ކަހަލަ އަމިއްލަ ތާކަށް ފައިން އެރުމެވެ. އަމިއްލަ ގުއިފާލުގައި ދަނޑިން ތެޅުމެވެ. ތިޔަ ގޮތަށް ދަނޑިން ތެޅުމުން ގަޔަށް ބުރާ ތިކިން ނޯއްދަމާލަން ނުކެރެއެވެ. 

ކަރަޕްޝަން ހިންގުމުން ދުނިޔޭގެ ފެންވަރުގެ ރެކޯޑް ރާއްޖޭގައި ހެދީ ރައީސް ޔާމީނު އިސްވެ ހުރެ ހިންގި ވެރިކަމުގައި ކަމާއި، އޭރުގެ އެންޓި ކަރަޕްޝަން ކަމިިޝަން ބޭއްވީ ކޯމާގައި ކަން ނުދަންނަ މީހަކު މި ގައުމުގައި އުޅެނީތޯ ފަލާހު ސުވާލު ކުރާއިރު އޭރު އެކަން އެނގޭ ކަމަށް ފަލާހު ނުހެދީ އެ ވެރިކަމުގެ ފޮނިމީރު ލިބިލިބި އޮތުމުން ނޫންހެއްޔެވެ. ޔާމީނުގެ ވެރިކަމުގައި ކުރިހާ ވައްކަމާއި ހިންގިހާ ކޮރަޕްޝަނާއި ދިންހާ އަނިޔާއެއްގެ ތެރޭގައި މަތިހަށި ނަގާފައި އުޅުނު މީހުން ނިކުމެ ގުދޯ ގުދޯ ގޮވުމުން ފާޅުވަނީ ފަލާހުމެންގެ ހުރި މުނާފިގުކަމާއި ހަސީލަތުގެ ނުބައިކަމެވެ.  

އާނއެކެވެ. ހަމަ އަންތަރީސް ވެއްޖެއެެވެ! ހެންވޭރު ކޮޅުގައި އަޅުއްވައިގެން އުޅޭ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނެއް ދަވާލައިގެން އެޅި ތަންތަންތޯ ސުވާލު ކުރި މީހުން ކުރިއިރު ފަލާހު އޮންނެވީ ކޯމާގައިތޯއެވެ. ސިންގަޕޯރ އާއި ދުބާއީގެ ފިކްސްޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޔާމީންގެ ޑޮލަރު ތަކުގެ މަތީން ފަލާހަށް ހަނދާންވީ އަދިކިރިޔާތޯއެވެ.

ރައްޔިތުން ކަންބޮޑުވެ ފިތިބާރުވެ، ރުޅިގަދަވެ ވެރިކަމުން  ޔާމީނު ބޭލި އިރު އެ ވެރިކަން ދިފާއުކުރަން އުޅެވުނު ހަނދާން ނެތުނީ ހެއްޔެވެ؟ އަޅެ ފަހެ! ޔާމީނުގެ ވެރިކަމުގައި ސްޕްރީމް ކޯޓްގެ ބެންޗު ބޭނުން ގޮތަކަށް ބަދަލު ކުރިކަން އޭރު ނޭނގުނީ ލޮލަށް މިރުސް އެޅިފައި ހުރުމުން ހެއްޔެވެ. ސްޕްރިންކޯޓްގެ ޓިނު ނަގައިގެން އެކޯޓްގެ އިސް ފަޑިޔާރުން ހައްޔަރުކޮށް ޖަލަށް ގެން ދިޔައިރު ސާބަސްދޭން ހުރި ހަނދާން ނެތުނީ ހެއްޔެވެ.

ޕާޓީ ބަދަލުކުރީމާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސްކުރަން ވޯޓުދީ ހުރިހާ މިމިވަން މުއައްސަސާ ތަކެއް ޕެރަލއިޒް ކޮށްލިއިރު ފަލާހުމެން ތިބީ ޕެރަލައިޒް ވެފާހެއްޔެވެ. އޭރު ގައުމުގައި ތިބި ހުރިހާ ސިޔާސީ  ލީޑަރުން ހައްޔަރު ކުރަން ފޫގަޅާފައި އުޅެވުނީ ޒާތަކު ސަރުބަތެއް ބޮވިފައި ހުރެގެން ހެއްޔެވެ. ⁠އޭރުގެ ނާއިބު ރައީސުން ވަކިކޮށް ⁠އުއްތަމަ ފަޑިޔާރު ވަކި ކުރިއިރު އެކަން ނޭނގުނީ ވަޅުދިޔަ ހިއްކަން ވަޅަށް އެރެ އޮތީމާހެއްޔެވެ.

އުޅެވުނު ގޮތާއި ކުރެވުނު ކަންތައް ހަނދާންނެތި މުއިއްޒުގެ މޯހިރުން ލިބޭ ބައިވަރުގަނޑަށްޓަކާ ރަށްމެދުވެ ބަރަހަނާވެ އަމިއްލަ ނަފްސްގެ އިތުބާރުގެއްލޭއިރުވެސް ނޭނގޭ ވަރަށް އަޅުދާސް ވީމާ ކާންދިން އަތުގައި ދަތް އަޅަން ޖެހެލުން ނުވާނެކަން ހާމަވެއްޖެއެވެ. އިއްޔެ ޔާމީނު ވަރެއް ނެތެވެ. މިއަދު މުއިއްޒު ވަރެއް ނެތެވެ، ފަލާހަށް މުއިއްޒު ގުއިވާ ދުވަސް ވެސް އޮތީ މާދުރަކުނޫނެވެ. އެދުވަސް ދެކެން މިތިބީ ކެތް މަދުވެފައެވެ.