އެމެރިކާއާއި އީރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް
ގަލްފް އޮފް އޮމާންގައި ހަމަލާދެވުނު ދެ އުޅަނދުގެ ފަޅުވެރިން ސަލާމަތްކޮށް އެއްގަމަށް ވަނީ ގެންގޮސްފައި
މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، މިދިޔަ ހަފުތާގައި އަލުން ފެށުނު ކުރިމަތިލުންތަކުގެ ތެރެއިން، ހޮނިހިރު ދުވަހު އެމެރިކާއާއި އީރާނުން ވަނީ އެއްގައުމު އަނެއް ގައުމުގެ އުޅަނދުފަހަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އީރާނާ ގުޅުންހުރި ތެޔޮ އުފުލާ ދެ އުޅަނދަކަށް ހަމަލާދީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވެއެވެ. މީގެ ތެރެއިން އެއް އުޅަނދަށް ހަމަލާދީފައިވަނީ ހާރިޖް އައިލެންޑް ކައިރިންނެވެ. މީގެ އިތުރުން ގަލްފް އޮފް އޮމާންގައި އޮތް ތިންވަނަ އުޅަނދެއް މުޅިން ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން މި ހަމަލާތައް ކަށަވަރުކޮށްދެމުން ބުނެފައިވަނީ، އެމެރިކާގެ ހަމަލާތަކުގެ ބަދަލުގައި، އެމެރިކާއާ ގުޅުންހުރި ތިން އުޅަނދަކަށް އީރާނުން ހަމަލާދީފައިވާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން "ހުއްދަނޫން" މަގަކުން ދަތުރުކުރި ތެޔޮ އުފުލާ ތިން އުޅަނދަކަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ހާމަކުރެއެވެ. އީރާނުގެ މި ބަޔާންތަކާ ގުޅޭގޮތުން ބީބީސީން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ސުވާލުކުރުމުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
މި ހަމަލާތައް ދީފައިވަނީ މި ހަމަނުޖެހުމަކީ "ވަރަށް ކުޑަ ކަމެއް" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ. ހަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓުވުމަށް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާއިރު، ހޮނިހިރު ދުވަހުގެ ހަމަލާތަކާ ގުޅޭގޮތުން ޓްރަމްޕް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.
އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގެ ހަބަރު ފެތުރިފައިވަނީ، "އީރާނުން އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދީފިނަމަ، އީރާނުގެ ތެޔޮ އުޅަނދުތައް ނައްތާލައި ފައްތާލާނެ" ކަމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ސޯޝަލް މީޑިއާގައި ލިޔުއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި، އީރާނާ ގުޅުންހުރި އުޅަނދުތަކަށް އެމެރިކާއިން ހަމަލާދިނުމުގެ ކުރިން، އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި މިސައިލް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އިން ދިން ހަމަލާތަކުން ކާމިޔާބުކަމާއެކު ދިފާއުވެފައިވާ ކަމަށާއި، އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމެރިކާއިން ބުނެއެވެ.
މެދުއިރުމަތީގެ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ ސެންޓްކޮމް އިން ތުހުމަތުކުރާ ގޮތުގައި، އެމެރިކާއިން ހަމަލާދިން އީރާނުގެ ތިން އުޅަނދަކީ އައި.އާރް.ޖީ.ސީ އާއި އެ ޖަމާއަތަށް ތާއީދުކުރާ ސަރަހައްދީ ގްރޫޕްތަކަށް ފަންޑުކުރާ ބިލިއަން ޑޮލަރުގެ ވަގު ނެޓްވޯކެއްގެ ބައެކެވެ.
އީރާނުގެ ސަރުކާރު މީޑިއާ، އިރިބް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހާރިޖް އައިލެންޑް ކައިރީގައި އޮތް އުޅަނދަށް އެމެރިކާއިން ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހާރިޖް އައިލެންޑަކީ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒެވެ. އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ފޮނުވަނީ މި ރަށުގެ ތެރެއިންނެވެ.
ގަލްފް އޮފް އޮމާންގައި ހަމަލާދެވުނު ދެ އުޅަނދުގެ ފަޅުވެރިން ސަލާމަތްކޮށް އެއްގަމަށް ގެންގޮސްފައިވާ ކަމަށްވެސް އިރިބް އިން ބުނެއެވެ. މީގެ ތެރެއިން އެއް އުޅަނދަކީ ހުސްކޮށް އޮތް އުޅަނދެއް ނަމަވެސް، އަނެއް އުޅަނދުގައި ތެޔޮ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން އައި.އާރް.ޖީ.ސީ އިން ވަނީ ސަރަހައްދީ ހަ އުޅަނދަކަށް ބަދަލުހިފުމުގެ ހަމަލާ ދީފައެވެ. މީގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ތިން އުޅަނދަކާއި، އެހެން ސަރަހައްދުތަކުގައި އޮތް އެމެރިކާއާ ގުޅުންހުރި ތިން އުޅަނދެއް ހިމެނެއެވެ. އީރާނުން ބުނާ ގޮތުގައި އެ ތިން އުޅަނދަށް ހަމަލާދިނީ ހުއްދަނޫން މަގުތަކަކުން ދަތުރުކުރުމާ ގުޅިގެންނެވެ.
ދުނިޔޭގެ ހަކަތައިގެ ސިނާއަތަށް ނުހަނު މުހިންމު ހޮރްމޫޒް ކަނޑުއޮޅި، ފެބުރުއަރީ މަހު ހަނގުރާމަ ފެށުނީއްސުރެ އޮތީ ބަންދުކޮށްފައެވެ. މިއީ އީރާނުން ބާރުވެރިކަން ދެއްކުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތެކެވެ. އެ ސަރަހައްދުގެ ބާރު ދޫނުކުރާނެ ކަމަށް އީރާނުން ބުނަމުންދާއިރު، އޮމާންގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ދަތުރުކުރާ އުޅަނދުފަހަރަށްވެސް އީރާނުން މީގެ ކުރިން ހަމަލާދީފައިވެއެވެ.
އީރާނުގެ ހަމަލާތަކާއެކުވެސް، ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ކަނޑުއޮޅި އޮތީ "ހުޅުވިފައި" ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ދެކުނު މަގުން ދަތުރުކުރާ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު އެމެރިކާއިން ވަނީ އަލުން ހަމަލާތައް ދޭން ފަށާފައެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތައް ދިނީ ހޮރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލުމަށް ބޭނުންކުރަން އުޅުނު ރޮކެޓް ލޯންޗަރުތަކަކަށެވެ. އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން "ވަރަށް ވަރުގަދަ ހަމަލާއެއް" ދީފައިވާ ކަމަށާއި، ނަމަވެސް މި ހަމަނުޖެހުން މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ޔޫ.އޭ.އީ، ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައެވެ.
އީރާނުގެ ދެކުނުގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވީ އެކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. ނަމަވެސް އެމެރިކާއިން އެކަން ތަހުގީގު ކުރާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ. އީރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި ސިރިކްގައި ހުރި ގެއަކަށް މިސައިލެއްގެ ބައިތައް އެރުމުގެ ސަބަބުން މީހުން މަރުވެފައިވާތީ، އީރާނުން ވަނީ އެއީ "ހަނގުރާމައިގެ ކުށެއް" ކަމަށް ކަނޑައަޅާފައެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް 60 ދުވަހުގެ ސުލްހައިގެ އެއްބަސްވުން މިދިޔަ މަހު ހަމަވެފައިވާއިރު، ސިޔާސީ ހައްލެއް ފެންނާކަށް ނެތެވެ. އެއްބަސްވުން ހަމަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީރާނަށާއި އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކާ ދެކޮޅަށް އިގްތިސާދީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
ހުކުރު ދުވަހުވެސް ޓްރަމްޕް ތަކުރާރުކުރެއްވީ މިއީ "ހަނގުރާމައެއް" ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ "އަސްކަރީ ކުރިމަތިލުމެއް" ކަމަށާއި، އެމެރިކާއަށް މިއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ފުޅާދާއިރާއެއްގައި ފުރަތަމަ ހަމަލާދީފައިވަނީ ފެބުރުއަރީ 28 ގައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި، ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ ބައިވެރި ގައުމުތަކަށް ހަމަލާދީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ހުއްޓުވާފައެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލާ ހޮރްމޫޒް ކަނޑުއޮޅިއަކީ ކުރިން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފުލާ އެއް މަގު ނަމަވެސް، މިހާރު އެ ސަރަހައްދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ވަނީ އުފުލިފައެވެ. ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކާ ގުޅިގެން ޓްރަމްޕަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.
ހުކުރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ޑީސަލް ލީޓަރެއްގެ އެވްރެޖް އަގު ހުރީ 5.85 ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 3.71 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.


