ކަންގަނާ ބޮލީވުޑަށް: ޕާކިސްތާނާއެކު އޮތް ލޯބީގެ ގުޅުން ނިމޭނީ ކޮންއިރަކުން
ކަންގަނާގެ ފާޑުކިޔުން އަމާޒުކޮށްފައިވަނީ، "ބަޓްވާރާ 1947" ރިލީޒްކުރަން ތައްޔާރުވަމުންދަނިކޮށް
ސަނީ ޑިއޯލްގެ "ބަޓްވާރާ 1947" ރިލީޒްކުރުމުގެ ކުރިން، ބޮލީވުޑުން ޕާކިސްތާނަށް ބާއްވާ ކަމަށް ބުނާ "ލޯބީގެ ގުޅުމަށް" ކަންގަނާ ރަނާވަތު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އޭނާގެ މި ވާހަކަތައް އައިސްފައިވަނީ، ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު "މޭން ވާޕަސް އާނގާ" ނެޓްފްލިކްސްއަށް އައިސްފައިވާ ދުވަސްވަރެއްގައެވެ. "ބަޓްވާރާ 1947" ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިވުމާ ގުޅިގެން ހުރަސްތަކެއް ކުރިމަތިވި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
ޖަންތަރު މަންތަރުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަރާތްތަކުން ވަކި ބަޔަކަށް ތާއީދުކޮށް ވާހަކަދައްކާތީ އެކަމަށް އިޝާރާތްކޮށް އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ، "ޖަންތަރު މަންތަރުގެ މުޒާހަރާތަކާ ގުޅިގެން ފޭކު ކަރުނަ އެޅި ފިލްމީ ދާއިރާގެ މީހުން، މިހާރު ޖަރުކަންދުގައި ތިބި ކުޑަކުދިންނަށްޓަކައިވެސް އެ ކަރުނަ އަޅަންޖެހޭނެ. އެ ކުދިންވެސް ދަނީ ވަރަށް ދަތި ހާލުގައި އުޅެމުން" ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، "އެމީހުންގެ ފިލްމުތަކުން ވިޔަސް، ބަޔާންތަކުން ވިޔަސް ނުވަތަ އިންޓަވިއުތަކުން ވިޔަސް، ޕާކިސްތާނާއެކު އޮތް މި ލޯބީގެ ގުޅުން ނިމުމަކަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟ އެމީހުން އަބަދުވެސް ތިބެނީ ޕާކިސްތާނާ މެދު މާ ބޮޑަށް ފިކުރު ބޮޑުވެފައެވެ."
ކަންގަނާ ބޭނުންވަނީ މިއީ ކީއްވެގެންވާ ކަމެއްތޯ ބަލާށެވެ. "ގައުމު ބައިވިތާ މިހާ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް، މި ލޯބީގެ ވާހަކަ ނިމުމަކަށް ނާަންނަނީ ކީއްވެ ހެއްޔެވެ؟ ބޮލީވުޑާއި ޕާކިސްތާނުގެ މި ގުޅުން އެންމެ ފަހުން ނިމުމަކަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟ މިކަމަށް އެމީހުން ޖަވާބުދާރީވާން ޖެހޭނެއެވެ." ކަންގަނާ ބުނެއެވެ.
ކުރިންވެސް ކަންގަނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ނަސީރުއްދީން ޝާހަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ހިންދީ ބަހުން އޭނާ ލިޔެފައިވާގޮތުގައި "ހަގީގަތަކީ އަހަރެމެން އެންމެންނަކީވެސް ކޮންމެވެސް ފަރާތަކަށް ވަފާތެރި ބައެކެވެ. ނަމަވެސް އަހަރެން ފަހުރުވެރިވަނީ އަހަރެން ކައިބޮއެ އުޅޭ ގައުމަށްޓަކައި މަސައްކަތް ކުރާތީއެވެ. އެކަމަކު ނަސީރުއްދީން ޝާހު މި ގައުމުން އާމްދަނީ ހޯދައިގެން މަސައްކަތް ކުރަނީ އަވަށްޓެރި ގައުމަށް (ޕާކިސްތާނަށް) އެހީތެރިވުމަށެވެ."
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަންގަނާގެ މި ބަސްތައް އަމާޒުކޮށްފައިވަނީ "މޭން ވާޕަސް އާނގާ" ފިލްމަށެވެ. އެ ފިލްމުގައި ނަސީރުއްދީން ޝާހު ކުޅެފައިވަނީ ގައުމު ބައިވުމާ ގުޅިގެން އަމިއްލަ ގެދޮރު ދޫކޮށް ދާން މަޖުބޫރުވި ޕާކިސްތާނުގެ ސަރުގޯދާއަށް ނިސްބަތްވާ މީހެއްގެ ރޯލެވެ.
މީގެ ކުރިން ނަސީރުއްދީން ޝާހު ވެސް ވަނީ ޖަންތަރު މަންތަރުގައި މުޒާހަރާކުރި ދަރިވަރުންނަށް ތާއީދުކޮށް ވާހަކަ ނުދައްކިޔަސް ބޮލީވުޑްގެ އެކްޓަރުންނަށް ފާޑުކިޔައިފައެވެ.
ކަންގަނާ އެކަމާހުޅިގެން ބުނެފައިވަނީ، "އެމީހުން ކަމަކާ ގުޅޭގޮތުން ވާހަކަދައްކާނީ އެމީހުންގެ ޒަމީރު އެކަމަށް އެދުމުންނެވެ. ބުނެއުޅޭ ބަހެއް އޮވެއެވެ؛ އަނގަޔަށް ކަށިގަނޑެއް ލައިގެން އޮންނަ ކުއްތާއަކަށް ވައްވަކެއް ނުޖެހޭނެއެވެ. އަނގައިން އެ ކަށިގަނޑު ވެއްޓުމުން ނުވަތަ ދަތްތައް ބިންދައިގެން ދިއުމުން، އެ ކުއްތާ އަޑުއުފުލަން ފަށާނެއެވެ."


