މިޔަރެއްގެ ހަމަލާގައި މީހަކު މަރުވެއްޖެ

މިޔަރެއްގެ ހަމަލާގައި މީހަކު މަރުވެއްޖެ

އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރި ކައިރިން ހޮނިހިރު ދުވަހު މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް މީހަކު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މިއީ މިއަހަރުގެ މިހާތަނަށް އޮސްޓްރޭލިއާގައި މިޔަރު ހަމަލާދީގެން މީހަކު މަރުވި ދެވަނަ ހާދިސާއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 38 އަހަރުގެ މި މީހާއަށް މިޔަރު ހަމަލާދީފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އޮސްޓްރޭލިއާގެ ވެރިރަށް ޕާތުގެ ހުޅަނގުން ގާތްގަނޑަކަށް 31 ކިލޯމީޓަރު (19.2 މޭލު) ދުރުގައި އޮންނަ ރޮޓްނެސްޓް އައިލެންޑް ކައިރީގައިވާ ހޯސްޝޫ ރީފް ސަރަހައްދުގައެވެ. 

މިޔަރު ހަމަލާދިނުމާ ގުޅިގެން އެމީހާ އެއްގަމަށް ގެނެވުނު ނަމަވެސް، އޭނާ ސަލާމަތްކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މި ހާދިސާއާ ގުޅިގެން ކޯޓަށް ހުށަހަޅަންޖެހޭ ތަހުގީގީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ރޮޓްނެސްޓް އައިލެންޑްގެ މޫދަށް އެރޭ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އިރުޝާދު ދީފައެވެ.

އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އޭބީސީ) އިން އާންމުކޮށްފައިވާ ވީޑިއޯ މަންޒަރުތަކުން ފެންނަ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންގެ އުޅަނދަކާއި، ފުލުހުންގެ އޮފިސަރުންގެ އިތުރުން މީހުން ސަލާމަތްކުރުމަށް ބޭނުންކުރާ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަމުން ދިޔައެވެ.

ހާދިސާ ހިނގާފައި މިވަނީ، އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރީގައި މިޔަރު ހަމަލާދިނުމުގެ ސިލްސިލާ ހާދިސާތަކެއް ހިނގަމުންދަނިކޮށް، މިދިޔަ ޖެނުއަރީ މަހު ސިޑްނީ ހާބަރ ސަރަހައްދުގައި މިޔަރެއް ހަމަލާދީ ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހުގައެވެ.

އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް ވެލްފެއަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިޔަރުގެ ގިނަ ހަމަލާތައް ހިނގަނީ އެގައުމުގެ އިރުމަތީ އަދި ދެކުނު އިރުމަތީ އައްސޭރި ސަރަހައްދުތަކުގައެވެ. އަދި އެ ގައުމުގައި އަހަރަކު އެވްރެޖްކޮށް މިފަދަ 20 ހާދިސާ ހިނގާކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.