ބިރުވެރި ހުވަފެނެއް ހަގީގަތަކަށްވީ ޖިނާއީ އަދުލުގެ އިހުމާލުން

ދެ މީހަކު މަރާލި ގާތިލަކށް އިތުރު ހަމަލާތަކެއް ދިނުމަށް ފުރުސަތު ލިބުނު

ބިރުވެރި ހުވަފެނެއް ހަގީގަތަކަށްވީ ޖިނާއީ އަދުލުގެ އިހުމާލުން

ދެ މީހަކު މަރާލި ގާތިލަކު އިތުރު ހަމަލާތަކެއް ދިނުމަށް ފުރުސަތު ދިނުމުން، ބިރުވެރި ހުވަފެނެއް ހަގީގަތަކަށް ވެއްޖެ ކަމަށް އޭނާގެ ޝިކާރައަކަށްވި އަންހެނަކު ބުނެފިއެވެ. މީގެ އަށް އަހަރު ކުރިން، ދެ މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ސައިމަން ލެވީގެ ހަމަލާ އަމާޒުވި އަންހެނަކު ކިޔައިދީފައިވާ ގޮތުގައި، ފުލުހުން އޭނާ ދޫކޮށްލުމުގެ ސަބަބުން އިތުރު އަންހެނުންތަކަކަށް ހަމަލާދީ މަރާލުމުގެ ފުރުސަތު ލިބި، އޭނާ ދެކެމުންދިޔަ ބިރުވެރި ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ.

ލޯރާ (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި، އޭނާ 2018 ވަނަ އަހަރު ލެވީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެހެން އަންހެނުން ރައްކާތެރިކުރުމުގެ މަގުސަދުގައެވެ. ނަމަވެސް، ޖަލުން މިނިވަންވުމަށްފަހު އޭނާ ހިންގި ޖަރީމާތަކުގެ ސަބަބުން، ނިޒާމުގެ ތެރެއިން އޭނާއަށް އޮޅުވާލާފައިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ލޯރާ ބުންޏެވެ.

ލަންޑަނުގައި 2025 ވަނަ އަހަރު ކާމެންޒާ ވެލެންސިއާ-ޓްރުޖިލޯ އަދި ޝެރިލް ވިލްކިންސް މަރާލުމާއި، އިތުރު އަންހެނަކު ރޭޕްކުރި ކަމުގެ ކުށް ވޭތުވެދިޔަ ހުކުރު ދުވަހު ލެވީގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އޭނާއަށް ހުކުމް ކުރުން އޮންނާނީ ކުރިއަށް އޮތް ބުދަ ދުވަހުއެވެ. މީގެ އިތުރުން، 2023 އާއި 2025 އާ ދެމެދު ރޭލުތަކާއި ސަބްވޭތަކުގައި 11 އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށްވެސް މިއަހަރު ކުރީކޮޅު އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ލެވީ މިނިވަންވެ ހުރުމަށް މަގުފަހިވީ ފުލުހުންނާއި، ޕްރޮސިކިއުޓަރުން އަދި ކޯޓުތަކުން ނިންމި ނުބައި ނިންމުންތަކެއްގެ ސަބަބުންނެވެ. އޭނާއަކީ މެޓް ޕޮލިހުން ބަލަހައްޓަމުންދިޔަ ޖިންސީ ކުށްވެރިއަކަށް ވީނަމަވެސް، ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ އިތުރު 14 އަންހެނަކަށް ހަމަލާދީފައެވެ.

ލެވީއަކީ 2018 ވަނަ އަހަރު ލޯރާ އާއި އިތުރު އަންހެނަކަށް ޖިންސީ ގޯނާކުރުމުގެ ސަބަބުން ޖިންސީ ކުށްވެރިންގެ ދަފްތަރުގައި ހިމެނިފައިވާ މީހެކެވެ. ލޯރާ ސިފަކުރި ގޮތުގައި ލެވީއަކީ "ނުލަފާ" މީހެކެވެ. އަދި އޭނާގެ އެ ހަމަލާގެ ސަބަބުން ލޯރާގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔަ ކަމަށް ބުންޏެވެ.

އޭނާގެ އަމިއްލަ ސަލާމަތަށްޓަކައި ނަން ހާމަނުކުރުމުގެ އިހުތިޔާރު ދޫކޮށްލަމުން ލޯރާ ބުނީ، އޭނާ މަސައްކަތް ކުރީ ލެވީ ޖަލަށްލައި އެހެން އަންހެނުން ސަލާމަތް ކުރެވޭތޯ ކަމަށެވެ. "އަހަރެން ރިޕޯޓު ކުރިއިރު ހީކުރީ ކުރެވެނީ ރަނގަޅު ކަމެއް ކަމަށް. އެހެން އަންހެނުން ރައްކާތެރިކުރަން ކުރެވޭ ކަމެއް ކަމަށް،" އޭނާ ބުންޏެވެ. "އޭނާގެ ސަބަބުން އަނިޔާ ލިބުނު ހުރިހާ އަންހެނުންނާއި އެމީހުންގެ އާއިލާތަކަށްޓަކައި އަހަރެން ހިތާމަކުރަން." ކަމަށް ލޯރާ ބުންޏެވެ.

ޖިނާއީ އަދުލުގެ ނިޒާމާއި، ފުލުހުންނާއި، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލި ފަނޑިޔާރުންނާއި، ޕްރޮސިކިއުޝަން ސާވިސްއިން އޭނާ މާޔޫސްކޮށްލާފައިވާ ކަމަށް ލޯރާ ބުންޏެވެ. "އޭނާ ކުރަމުންދިޔަ ކަންތައްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގައި އެ އެންމެންވެސް ކުށްވެރިވޭ. އެތައް އަންހެނުންނަކަށް ލިބުނު އަނިޔާ އާއި ދެމީހެއްގެ ފުރާނަ ގެއްލުން އެމީހުންނަށް ހުއްޓުވުނީސް،" އޭނާ އިތުރަށް ބުންޏެވެ.

ލޯރާ އާއި ލެވީ ފުރަތަމަ ދިމާވީ 2018 ވަނަ އަހަރު ނޮޓިންގް ހިލް ކާނިވަަލަށް ދިޔަ މަގުމަތީގައެވެ. ލެވީ އެމީހުންގެ ފަހަތުން ގޮސް، ލޯރާއަށް ބޮޑު ޖިންސީ ހަމަލާއެއް ދިނެވެ. އެވަގުތު ފުލުހުންނަށް ރިޕޯޓުކުރަން އުޅުމުން، ދެ ފުލުހަކު ވަނީ އެއަށްވުރެ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށް ބުނެ އޭނާ ފޮނުވާލާފައެވެ. އޭގެ ތިން އަހަރު ފަހުން 2021 ގައި ލެވީ ޖަލަށްލެވުނު ނަމަވެސް، ޖަލު އޮފިސަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައިވެސް އޭނާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލިއެވެ.

ލޯރާ ބުނި ގޮތުގައި، ލެވީއަކީ 2017 ވަނަ އަހަރުވެސް އެހެން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ތަހުގީގު ކުރެވުނު މީހެކެވެ. ނަމަވެސް އެފަހަރު ދައުވާ ނުކުރުމަކީ ފުލުހުންނާއި ޕްރޮސިކިއުޝަނުން ހެދި ބޮޑު ގޯހެއް ކަމަށް މިހާރު ގަބޫލުކުރެވެއެވެ. "އެފަހަރު އޭނާއަށް ދައުވާ ކުރިނަމަ، އަހަރެންގެ މައްސަލަ ކޯޓަށް ދާކަށް ނުޖެހުނީސް، އަދި އަހަންނަށް އެ ހަމަލާއާ ކުރިމަތިލާކަށްވެސް ނުޖެހުނީސް،" އޭނާ ބުންޏެވެ.

ލޯރާ އުންމީދު ކުރަނީ މުސްތަގުބަލުގައި އަނިޔާ ލިބޭ މީހުންގެ ވާހަކަތައް ގަބޫލުކޮށް، އެމީހުންނަށް އިންސާފު ހޯދައިދިނުމުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމުވެގެން ދިއުމަށެވެ.