ހުވަފެނީ ސުވަރުގެ | ފުރޭތައިންގެ ސަހަރަކަށް
ރަން ސިޓީގެ ފްލެޓްތަކަކީ ސްކަޭމަރުންގެ ހާއްޔެއް | ވަދެ ގަދަވެގަތީ ފޭރުމުގެ ވިއުގަތަކެއް
ދުރުން ބަލާއިރު، މެލޭޝިޔާގެ ފޮރެސްޓް ސިޓީ ފެންނަނީ ތްރީޑީ - ޕްރިންޓްއެއްގެ ގޮތުގައެވެ. އެއީ އެއްގޮތަކަށް ހުރި ހުދު ކުލައިގެ އިމާރާތްތަކެއް، އާދައިގެ އަތިރިމައްޗެއްގައި ފުނިޖެހިފައިވާ މަންޒަރެކެވެ.
2016 ވަނަ އަހަރު ޗައިނާގެ ކުންފުނިތަކުން މި މަޝްރޫއު އިފްތިތާހު ކުރިއިރު، 100 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ސިފަކުރީ "މުޅި އިންސާނިއްޔަތަށް އޮތް ހުވަފެނީ ސުވަރުގެއެއް" ގެ ގޮތުގައެވެ. އެއީ ގާތްގަނޑަކަށް 700000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހެދި ހާއްސަ މާލީ ސަރަހައްދެކެވެ. ނަމަވެސް، ދިހަ އަހަރު ފަހުން، ސިންގަޕޫރާ އިންވެގެން އޮތް މި 14 އަކަ ކިލޯމީޓަރުގެ މަސްނޫއީ ރަށުގައި ދިރިއުޅެނީ އަމާޒުކުރި އާބާދީގެ އެންމެ ޕަސެންޓަކަށްވުރެ ވެސް މަދު ބައެކެވެ.
ފަޅަށް ހުރި އުސް އިމާރާތްތައް ހަމަހިމޭން މަގުތަކުގެ މައްޗަށް ބޯދިއްކޮށްލައިގެން ތިބި އިރު، ހުސްކޮށް ހުރި ފްލެޓްތަކުގެ ކައުންޓަރުތަކާއި ކުޑަދޮރުތަކުގައި ވަނީ ހިރަފުސް ބޯވެފައެވެ.
ފޮރެސްޓް ސިޓީން އެންމެ ފުރަތަމަ ފްލެޓް ގަތް އިންވެސްޓަރުންގެ ތެރޭގައި ހިމެނޭ، އުމުރުން 56 އަހަރުގެ ޖޭސަން ޑެންގް އަށް ވަރަށް ވަރަށް ރީތި - ރަން ސިޓީއެއްގެ ގޮތުގައި؛ 2016ގައި އެތަން ސިފަކޮށްދިނުމުން އޭނާ ވަނީ ބޮޑު އަދަދެއްގެ ފައިސާ ހޭދަކޮށްގެން ފަސް ޕްރޮޕަޓީ ގަނެފައެވެ. "މިތަނުގެ ހާލަތު މިހާ ދަށްވާނެކަން އެނގުނު ނަމަ މިހާ ގިނަ ފްލެޓެއް ނުގަތީމުސް. އަހަރެން ހީކުރީ މިއަށްވުރެ މާ ބޮޑަށްވެސް ރަނގަޅުވާނެ ކަމަށް،" އޭނާ މިހާރު ބުނެއެވެ. ނަމަވެސް، މިތަނަކީ ބައެއް މީހުންނަށް "ރަން ސިޓީ" އަކަށް ވެއްޖެއެވެ. އެކަމަކު އެއީ މި މަޝްރޫއު ހިންގި ފަރާތްތަކުން އުންމީދުކުރި ކަހަލަ ބައަކަށް ނޫނެވެ.

ޖުލައި މަހުގެ މެދުތެރޭގައި މެލޭޝިޔާގެ ފުލުހުން ވަނީ ފޮރެސްޓް ސިޓީގެ 32 ތަނެއް ރޭޑްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދާ (ސްކޭމް) ދެ އޮޕަރޭޝަނެއް ހުއްޓުވާފައެވެ. މި ރޭޑްގައި 335 މީހުން ހައްޔަރުކޮށް، ގާތްގަނޑަކަށް އެއް މިލިއަން ރިންގިޓް (245000 ޑޮލަރު) ގެ މުދާ ހިފެހެއްޓިއެވެ. އޭގެ ތެރޭގައި 313 ކޮމްޕިއުޓަރާއި، 1557 މޮބައިލް ފޯނާއި، 17 ލެޕްޓޮޕް އަދި 10 މޮޑެމް ހިމެނެއެވެ.
ފުލުހުން ބުނާ ގޮތުގައި، މި ދެ "ކޯލް ސެންޓަރު" މެދުވެރިކޮށް ކްރިޕްޓޯކަރަންސީ ސިންޑިކޭޓްތަކުން ދިޔައީ ގައުމުން ބޭރުގެ މީހުންނަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް އަދި "ލަވް ސްކޭމް" ތައް ހިންގަމުންނެވެ. އޭގެ ތެރެއިން އެއް ސެންޓަރު ހިންގަމުން ދިޔައީ އެޕާޓްމަންޓް އިމާރާތެއްގެ ފަސް ފަންގިފިލާއެއްގައި ހުރި 27 ފްލެޓެއްގައެވެ. އަދި އަނެއް ސެންޓަރު ހުރީ ފަސް ބަންގްލޯއެއްގައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި 309 ޗައިނާ މީހުންނާއި، 19 އިންޑޮނޭޝިޔާ މީހުންނާއި، 3 މެލޭޝިޔާ މީހުން އަދި މިޔަންމާގެ 4 މީހުން ހިމެނެއެވެ. ޖޮހޯރުގެ ފުލުހުންގެ ވެރިޔާ އަބް ރަހްމާން އަރުޝަދު ވިދާޅުވީ، މި އޮޕަރޭޝަންތަކުގެ އަޑީގައި ތިބި އިސް މީހުން ހޯދުމަށް އިންޓަޕޯލްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަމާބެހޭ މާހިރުންނާއި އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި މިއީ ފެންނަން އޮތް ކުޑަ މިންވަރެކެވެ. އަދި މިއީ ދުނިޔޭގައި ފެތުރެމުންދާ، ކުރިއަރަމުން އަންނަ "ސްކޭމް އިންޑަސްޓްރީ" ގެ އަލާމާތެކެވެ.
"ހަގީގަތަކީ މިފަދަ ގިނަ ޖަމާއަތްތައް މިހާރު ވައްތަރީ އާދައިގެ ކުށްކުރާ ގްރޫޕްތަކަކަށްވުރެ ބޮޑަށް މަލްޓިނޭޝަނަލް ކޯޕަރޭޝަންތަކާ،" ކަމަށް ކްރިޕްޓޯ ކުށްތައް ތަހުގީގުކުރާ "ޓީއާރުއެމް ލެބްސް" ގެ އެނަލިސްޓް ޖޯން ވޮޖިކް ވިދާޅުވިއެވެ. އެމީހުންގެ ތެރޭގައި ވަކިވަކި ރެކްރޫޓްމަންޓް ޓީމުތަކާއި، އައިޓީ ޑިޕާޓްމަންޓްތަކާއި، މަނީ ލޯންޑަރިން މާހިރުންނާއި ވަސީލަތްތައް ހުންނަކަމަށްވެސް އޭނާ ބުންޏެވެ.
ކަމާބެހޭ ފަރާތްތަކާއި މާހިރުން އެއްބަސްވާ ގޮތުގައި، ފޮރެސްޓް ސިޓީގައި މަސައްކަތް ކުރަމުން ދިޔައީ ކެމްބޯޑިއާއިން ބޭރުކޮށްލާފައިވާ ކުށްވެރިންނެވެ. ކެމްބޯޑިއާއަކީ ބައިނަލްއަގުވާމީ ސްކޭމްތަކުގެ މައި މަރުކަޒެކެވެ.
ފާއިތުވި ފަސް އަހަރު ތެރޭގައި، މި ކުށްވެރި ދާއިރާ ވަނީ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ބަދަލުވެފައެވެ. މިއީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އަނިޔާކޮށް، މަޖުބޫރުން މަސައްކަތް ކުރުވައިގެން ހިންގާ ދާއިރާއެކެވެ.
ނަމަވެސް، ފޮރެސްޓް ސިޓީގައި ހިންގި އޮޕަރޭޝަންތަކަކީ އާދައިގެ "ސްކޭމް ކޮމްޕައުންޑް" ތަކާ ތަފާތު ތަންތަނެވެ. މިޔަންމާ ނުވަތަ ކެމްބޯޑިއާގެ ބޯޑަރު ސަރަހައްދުތަކުގައި ހުންނަ ފާރުލީ ބިޔަ ކޮމްޕްލެކްސްތަކާ ހިލާފަށް، ފޮރެސްޓް ސިޓީގެ ތަންތަން ފެންނަނީ ވަރަށް "ޕްރޮފެޝަނަލް" ކޮށެވެ. އެތަންތަނުގައި މަސައްކަތް ކުރަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގޮތުގައި ތިބެއެވެ.
ފޮރެސްޓް ސިޓީގައި ދިރިއުޅޭ އަދި ޕްރޮޕަޓީ ސޭލްސްގައި މަސައްކަތްކުރާ ކެވިން (އަސްލު ނަމެއް ނޫން) ގަބޫލުކުރާ ގޮތުގައި އަދިވެސް އެ ސަރަހައްދުގެ އެޕާޓްމަންޓްތަކުގައި މިފަދަ ގްރޫޕްތައް އުޅެއެވެ.
"އަހަރެމެންނަށް އެނގޭ އެމީހުން ކުރާ ކަމެއް،" އޭނާ ބުންޏެވެ. "މިއީ ޖޮހޯރު ސިޓީއާއި ކުއާލަލަމްޕޫރުގައި ވެސް އާންމު ކަމެއް، އެކަމަކު ފޮރެސްޓް ސިޓީގައި މިކަން މާ ހާއްސަ." ކަމަށް އޭނާ ބުނެއެވެ.
ކެވިންއާއި ވޮޖިކް ފާހަގަކުރާ ގޮތުގައި ފޮރެސްޓް ސިޓީ މިކަމަށް "ހާއްސަ" ވަނީ އެތަނަކީ ފަޅުވެފައިވާ "ގޯސްޓް ސިޓީ" އެއްގެ ގޮތުގައި އޮތުމުންނެވެ.
"ކުންފުނިން އަހަރެމެން ގާތު ބުނަނީ ކަސްޓަމަރުން ގާތު ބުނާށޭ މިތަނުގައި 23000 މީހުން ދިރިއުޅެޔޭ. އެކަމަކު ހަގީގަތަކީ 5000 މީހުން ވެސް ނޫޅޭކަން،" ކެވިން ބުންޏެވެ. "އެއީ ސްކޭމަރުން މިތަން އިހްތިޔާރު ކުރާ ސަބަބަކީ. އެމީހުންނަށް މިތަނުގައި މިނިވަންކަން ލިބޭ... އެއްވެސް މީހަކު މިތަނަކަށް ނާދޭ." ކަން ހިނގާ ގޮތް އޭނާ ކިޔާދިނެވެ.
ޗައިނާގެ އެންމެ ބޮޑު އެއް ޑިވެލޮޕަރު ކަމަށްވާ "ކަންޓްރީ ގާޑަން" އާއި މެލޭޝިޔާގެ ސުލްތާން އިބްރާހިމް އިސްކަންދަރުގެ އަމިއްލަ ކުންފުންޏެއް ގުޅިގެން ފެށި މި މަޝްރޫއު ފެއިލްވާން މެދުވެރިވީ ކޮވިޑްގެ ބަލިމަޑުކަމާއި، ޗައިނާގެ އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުންނެވެ.
ވޮޖިކް ވިދާޅުވާ ގޮތުގައި، މިފަދަ ބޮޑެތި، ޒަމާނީ ވަސީލަތްތައް ހުރި ނަމަވެސް ފަޅަށް ހުންނަ ތަންތަނަކީ ކުށްވެރި ސިންޑިކޭޓްތަކަށް ވަރަށް "ފައްކާ" ތަންތަނެވެ. އެތަންތަނުގައި ޒަމާނީ އިންފްރާސްޓްރަކްޗަރއާއި، އިންޓަނެޓްގެ ހިދުމަތް ހުރެފައި، ގިނަ އަދަދަކަށް ހުސް ފްލެޓްތައް ހުރުމުން، ސިއްރުން ކަންކަން ހިންގަން ފަސޭހަވެއެވެ.

މިކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ފޮރެސްޓް ސިޓީގެ ރީތި ބޭރުފުށުން ސިފަވަނީ މިޔަންމާގެ ތައިލެންޑް ބޯޑަރުގައި އޮންނަ "ޝްވޭ ކޮކޯ" ކަމަށް ބެލެވޭ ރަށެވެ. އެއީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ސްކޭމް މަރުކަޒެވެ. ޗައިނާގެ ކުންފުންޏަކުން ބިނާކޮށްފައިވާ އެ ސިޓީއަކީ މުއްސަނދިންނަށް އަމާޒުކޮށްގެން ހެދި ތަނެއް ކަމަށް ދެއްކި ނަމަވެސް، އޭގެ ފަހަތުގައި ވަނީ އޮޅުވާލުމާއި، މަނީ ލޯންޑަރިން އަދި އިންސާނީ ވަގުފާރީގެ ބޮޑު ވިއުގައެކެވެ.
ފޮރެސްޓް ސިޓީގެ އަސްލު މަޝްރޫއުގެ އެންމެ 15 ނުވަތަ 20 އިންސައްތަ ނިމިފައިވީ ނަމަވެސް، އަދިވެސް އެތަން އިޝްތިހާރު ކުރަނީ ޓެކްނޮލޮޖީއާއި ވިޔަފާރީގެ އުންމީދީ މަރުކަޒެއްގެ ގޮތުގައެވެ. މިފަދަ "ވިޔަފާރިވެރި" ސިފައެއްގައި އެތަން ބަނދެވިފައި އޮތް އޮތުމަކީ، ކުށްވެރިންނަށް އެއްވެސް މީހެއްގެ ޝައްކެއް ނެތި އެ މީހުންގެ ވިއުގަތައް ފުޅާކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.
ވޮޖިކް ތަފްސީލުކޮށްދެއްވި ގޮތުގައި، މިފަދަ އާދައިގެ ގޮތަކަށް ވިޔަފާރި މަރުކަޒުތަކުގެ ތެރޭގައި ސްކޭމް ސިންޑިކޭޓްތަކަށް ހިމާޔަތް ހޯދޭނަމަ، އެމީހުން ހޯދައި ހުއްޓުވުމަށް އުނދަގޫވެއެވެ. އަދި އޭގެ ސަބަބުން ލިބޭ ބޮޑު ފައިދާއިން އެމީހުންގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.
މި ސިނާއަތް މިހާރު ދަނީ އިތުރަށް ހަރުދަނާވެ، ޕްރޮފެޝަނަލް ވަމުންނެވެ. އިންސާނީ ވަގުފާރީގެ ތެރެއިން މަޖުބޫރުން މަސައްކަތް ކުރުވާ މީހުން އަދިވެސް ގިނަ ނަމަވެސް، މިހާރު ތަޖުރިބާކާރު ސްކޭމަރުންނަށް ބޮޑު މުސާރައާއި ރަނގަޅު ހިދުމަތްތައް ދީގެން ވަޒީފާގައި ބޭތިއްބުމުގެ އާދަ ވަނީ ފެށިފައެވެ. ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކުގައި، ކުށްކުރުމުގެ ތަޖުރިބާ ހުރި މީހުން އެ މީހުންގެ ވަނަވަރު ހިއްސާކޮށް، މިފަދަ ވަޒީފާތަކަށް ކުރިމަތިލަމުންދާ ކަމަށް ވެއެވެ.
ފޮރެސްޓް ސިޓީގެ ރޭޑްތަކުން އެނގެނީ ބައިނަލްއަގުވާމީ ސްކޭމް ސިނާއަތުގެ ބައްޓަމާއި މިންވަރު ބަދަލުވަމުންދާ ކަމެވެ. މިއީ މެލޭޝިޔާގައި މިފަދަ ކަމެއް ފާހަގަވި ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރުގެ ތެރޭގައި ވެސް ޖޮހޯރު، ޕިނޭންގް އަދި ކުއާލަލަމްޕޫރުގެ އެޕާޓްމަންޓްތަކުގައި ހިންގި މިފަދަ އެތައް މަރުކަޒެއް ފުލުހުން ވަނީ ރޭޑްކޮށްފައެވެ.
ފޮރެސްޓް ސިޓީގައި ދިރިއުޅޭ ކެވިން ބުނާ ގޮތުގައި، އެތަނުގައި ސްކޭމްތައް ހިންގުމަކީ "އެންމެންނަށް އެނގޭ ސިއްރެކެވެ". އަދި އޭނާ ހައިރާންވީ ފުލުހުން އެކަން ހުއްޓުވަން ފިޔަވަޅު އެޅުމުންނެވެ. ނަމަވެސް، އޭނާގެ އަވަށްޓެރިންނަކީ ބޮޑެތި މަކަރުވެރިން ކަމަށް ވިޔަސް، އޭނާ އެކަމާ މާ ބޮޑަކަށް އަޅައެއް ނުލައެވެ. "އަހަރެންނަށް އެކަމަކުން ކަމެއްނުވޭ. އެއީ އަހަރެންގެ ކަމެއް ނޫން. އަހަރެން މިތަނުގައި އުޅެނީ ހަމައެކަނި މުސާރައަށްޓަކައި،" އޭނާ ބުންޏެވެ.
އެތަނުގައި ދިރިއުޅޭ އެހެން މީހެއް ކަމަށްވާ ފިލިޕް (އަސްލު ނަމެއް ނޫން) ވެސް ބުނީ މި ހަބަރު އިވުމުން ހައިރާން ނުވާ ކަމަށެވެ. އޭނާ އެތަނަށް ބަދަލުވީ އަގު ހެޔޮކޮށް ރަނގަޅު ފްލެޓެއް ލިބޭތީއެވެ. "އަހަރެންގެ ދޮރުމަތީގައި ވެސް އެމީހުން ތިބެދާނެ، އަހަރެންގެ އަވަށްޓެރިންނަށް ވެސް ވެދާނެ. ކޮންމެ ތަނަކަށް ދިޔަސް މިފަދަ ކަންކަން ހިނގާނެ،" އޭނާ ބުންޏެވެ.
ފިލިޕް ފާހަގަކުރި ގޮތުގައި އޭނާ އެންމެ ބޮޑަށް ހައިރާންވަނީ ފޮރެސްޓް ސިޓީއަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވަމުންދާތީއެވެ. "މި މަޝްރޫއުގެ ސަބަބުން އެތައް ބައެއްގެ ފައިސާ ގެއްލިއްޖެ. އެކަމަކު ފާއިތުވި ތިން މަސް ތެރޭގައި، އެޕާޓްމަންޓްތަކުގެ ބޮކިތައް ދިއްލިފައި ހުންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ކުރިން 20 ފްލެޓުން އެއް ފްލެޓް ދިއްލިފައި ހުރި ނަމަ، މިހާރު ކޮންމެ ފަސް ފްލެޓަކުން އެއް ފްލެޓް ހުރީ ދިއްލިފައި،" އޭނާ ބުންޏެވެ.


