އަޅާހާ ފިޔަވަޅަކުން ދައުރުވާ ރުފިޔާ މަދުވެ ޑޮލަރު ހެވެއްނުވާނެ!

ބޭންކުތަކުން ރުފިޔާ މަދުވުމުން ބިކަވާނީ އާއްމު ރައްޔިތުން

އަޅާހާ ފިޔަވަޅަކުން ދައުރުވާ ރުފިޔާ މަދުވެ ޑޮލަރު ހެވެއްނުވާނެ!

މާލީގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑެތި މާހިރުންނަށް ނުވިޔަސް ކޮންމެ މީހަކަށްވެސް ވަމުންދާގޮތް އިހުސާސްކޮށްލެވޭނެއެވެ. ވާނުވާ ނޭނގޭވަރު ރޮކެޓް ސައިންސަކަށް ރާއްޖޭގެ މާލީ ނިޒާމުނުވެއެވެ. ކޮންމެ މޮޅުވާހަކައެއް ދެއްކިޔަސް މާމޮޅުކަމެއް ސަރުކާރުތަކަކަށް ނުކުރެވެއެވެ. ޖަޒްބާތުގައި ނޫނީ އެއްވެސް ކަމެއްކުރަން ނޭނގޭ ވެރިން ކުރާ ކޮންމެ ކަމަކީ އެއްފަރާތް ވޮޑޭ އަނެއް ފަރާތް ގިރާ ކަމަކަށް ނޫނީ ވެފައެއް ނޯވެއެވެ.

ހަމަ އެގޮތަށް ރާއްޖޭގެ ބާޒާރުގައި ދައުރުވާ ދިވެހިރުފިޔާ މަދުކުރަން ހަމަ ހުރެފާ އަޅާ ފިޔަވަޅަކުން ވެސް ލިބޭނެ ހައްލެއް ނުއޮންނާނެއެވެ. ބޭންކުތަކުން މަނިޓަރީ އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) މަތިކުރިޔަސް، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކުރިޔަސް ޑޮލަރުގެ އަގެއް ނުވެއްޓޭނެއެވެ. 

މިހާރުން މިހާރަށް ޑޮލަރުގެ އަގުދަށް ކުރަން ބޭނުމިއްޔާ ފުރަތަމަ ކުރަންވީ ކަމަކީ ޑޮލަރުން ކުރާ އިސްރާފް ކުޑަކުރުމެވެ. ޑޮލަރުން އަގުދައްކަންޖެހޭ ރަސްމާލެ ހިއްކުންފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުން މެދު ކަނޑާލުމެވެ. ބޭރު ގައުމުތަކުގައިހުރި ޑޮލަރުން ހޭދަކުރާ އެންބަސީތައް ބޮޑުތަނުން މަދުކޮށްލުމެވެ. ތެލާއި ކާޑާއި ބޭސްފަރުވާއާއި އިމާރާތްކުރާ އަސާސީ މުދާ ނޫން އެހެން ހަރަދުތަކަށް ސަރުކާރުން ޑޮލަރު ހޭދަކުރުން ހުއްޓާލުމެވެ. ސަރުކާރުގެ ހަރަދުގައި ކުރާ ބޭރު ދަތުރުތައް މެދު ކަނޑާލުމެވެ. 

ދަތިނުވާ ވަރަށް ޑޮލަރު ލިބޭ

ރާއްޖެއަށް މިހާރު އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ރާއްޖޭގެ ކަންކަން ހަމަޖެއްސޭ ވަރަށް ޑޮލަރު ލިބެއެވެ. ސަރުކާރު ހިންގުމަށާއި ޑޮލަރުން އަގު ދޭގޮތަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގުން ހުއްޓާލައިފިނަމަ ބޭންކްތަކަށް ދޭނެ ޑޮލަރު ސެންޓްރަލް ބޭންކްގައި ހުންނާނެއެވެ. ބޭންކް ރޭޓްގައި ޑޮލަރު ގަންނަން ލިބެން ނުހުރެއެއް ނުދާނެއެވެ. 

ވޯކް ޕާމިޓެއް ވިސާއެއް ނެތި ރާއްޖޭގައި އެނބުރޭ ބޭރުމީހުން ހޯދާ އެމީހުން ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ ހިއްވަރު ހުރުމަކީވެސް ބޭރުވާ ޑޮލަރު މަދުކުރަން ކުރަން މަޖުބޫރު ކަމެކެވެ. ވަގުތުން ވަގުތައް ކުރެވެން ހުރި ކަންކަން ނުކޮށްތިބެ ޑޮލަރު ހޯދާ ވިޔަފާރިތަކުން ބޮޑެތި ޓެކްސް ނަގާ، ބޮޑެތި އަދަދު އަދަދުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ހެދުމަކުންވެސް ޑޮލަރުގެ އަގެއް ހެވެއް ނުވާނެއެވެ.

ހަމައެކަނި މައްސަލައަކީ ފައިސާ ޗާޕްކުރުމެއް ނޫން 

މުޅި އިގްތިސޯދު ފުނޑުފުނޑުވުމުގެ ހަމައެކަނި ސަބަބަކީ ކުރީ ސަރުކާރުން ފައިސާ ޗާޕްކުރިކުރުން ކަމަކަށް ނުހެދޭނެއެވެ. ސަރުކާރަށް ލިބޭހާ ޑޮލަރެއް ވެރިންގެ އުފަލާއި ލެގަސީއަށްޓަކާ ތަޅާބުރުމުގެ ނިވާފަތްގަނޑަކަށް ބާޒާރުގައި ދިވެހި ފައިސާ ގިނަވާކަމަށް ހެދިޔަސް އާއްމުންގެ އަތުގައި ފައިސާއެއް ނެތެވެ. ކުރިން ޖެހެލުމެއްނެތި ދުވާލަކު ހާސްދެހާސް ރުފިޔާގެ ވިޔަފާރި ކަންމަތީ ފިހާރަތަކުން ކުރި ގިނަ އާއިލާތަކުން މިހާރު ދުވާލަކު 200 ރުފިޔާވެސް ވިއްކަން ބިރުގަނެއެވެ.  

އާއްމު ރައްޔިތުންގެ އަތްމަތި އެހާ ދަތިއިރު ބޭންކްތަކުގައި ހުންނަ ދިވެހި ރުފިޔާއިން ބޮޑު ބައެއް ގެންގޮސް މަނިޓަރީގައި ހިފަހައްޓާ ވަރަކަށް ރައްޔިތުން ވާނީ ބިކައެވެ. އާއްމު ރައްޔިތުންނަށް އިންތިހާއަށް ދަތިވުންނޫން ކަމެއް އެކަމަކުން ނުވާނެއެވެ. ބޭންކްގައި ހުންނަ ދިވެހި ރުފިޔާ މަދުވާ ވަރަކަށް އާއްމުންނަށް ލޯނު ލިބުން ދަތިވެ އުފެއްދުންތެރިކަން ދަށްވުންނޫން ކަމެއް ނުވާނެއެވެ. ގަވައިދުން މުސާރައެއް ލިބޭ މަދު މީހަކު ނޫނީ ގިނަ މީހުން މިހާރުވެސް ދިރިއުޅެނީ އެކިވަރުގެ ލޯނުގެ އެހީގައެވެ.

އުފެއްދުންތެރިކަމަށް އިންވެސްޓްކުރަންޖެހޭ

ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ކާބޯތަކެތި ހައްދުވާ އެތަކެތީގެ ވިޔަފާރި ފުޅާކުރަން ޖެހެއެވެ. އިންޑަސްޓްރިއަލް ފެންވަރެއްގައި ޕޯލްޓްރީ ފާމްތަކާއި ޑެއިރީ ފާމްތައް ހަދައިގެން ހެޔޮ އަގުގައި ބާޒާރުގައި ވިއްކޭ ވަރަށް އަމިއްލަ ފަރާތްތަކަށް އިންވެސްޓް ކޮށްދޭން ސަރަހައްދީ ޑިވްލޮޕްމެންޓް ބެންކުތައް އުފައްދައިގެން ވެސް މަސައްކަތް ކުރަންޖެހެއެވެ. 

ކޮށްދޭ ކޮންމެ އިންވެސްޓްމެންޓަކުން ބޮޑު ފައިދާ ހޯދަން ދިޔަފެލާލުމުގެ ވިސްނުން ދޫކޮށް ފުދުންތެރި ރައްޔިތެއް ބިނާކުރަން ސަރުކާރާއި އެމްއެމްއޭއިން އަމާޒު ހިފައިގެން ނޫނީ އެދޭ ރާއްޖެއެއް ނުލިބޭނެއެވެ. ދުނިޔޭގައި ނެތްވަރުގެ އިންފްރާންސްޓްރަކްޗަރތައް ހަދައިގެން ކަންދައްކަން  އުޅުމަށްވުރެ މުހިންމީ ރައްޔިތުންގެ ސަވައިވަލްއެވެ.