ސިޓީ ކައުންސިލް ވައުދު ވަޒީރުން
އެކި ފެންވަރުގެ އެކި މީހުން ކޮންސަލްޓެންޓުންގެ ގޮތުގައި ގެންގުޅުއްވި
ރައީސް މުއިއްޒު މާލޭ ސިޓީ މޭޔަރަކަށް އުޅުއްވިއިރު ސިޓީކައުންސިލަށް ކޮންސަލްޓެންޓުންގެ ގޮތުގައި ބަޔަކަށް ކޮންޓްރެކްޓް އުސޫލުން ބޮޑެތި އަދަދުން މުސާރަ ދެއްވަމުން ގެންދެވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ކޮންސަލްޓެންޓުންގެ ގޮތުގައި ޑރ. ހައިދަރާއި މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އާދަމް ނަސީރު އިބްރާހީމް ފަދަ ބޭފުޅުން ގެންގުޅުއްވިއެވެ. އެބޭފުޅުން ނޫނަސް އެކި ފެންވަރުގެ އެކި މީހުން ކޮންސަލްޓެންޓުންގެ ގޮތުގައި ގެންގުޅުއްވިއެވެ.
ވެރިކަން ލިބި ވަޑައިގެންފިނަމަ ވަޒީރުކަމުން ފެށިގެން އެކިވަރުގެ ސިޔާސީ މަގާމު އެބޭބޭފުޅުންނަށް ދެއްވުމަށް މުއިއްޒު ވައުދުވެ ވަޑައިގަތެވެ. ޑރ. ހައިދަރާއި މުހައްމަދު ހުސައިން ޝަރީފް (މުންދު)އާއި އާދަމް ނަސީރު އިބްރާހީމްއަކީ އެބޭފުޅަކާ ގުޅޭ ދާއިރާއަކުން ވަޒީރުކަން ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެން ތިން ބޭފުޅުންނެވެ.
ޑރ. ހައިދަރަކީ ޕްލޭނިންގ ގެ ދާއިރާއިން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ހައިދަރަށް ދެއްވީ ހައުސިންގ މިނިސްޓަރކަމެވެ. ކިތަންމެ ހާވެސް ހައިދަރާ ގުޅޭ ދާއިރާއެކެވެ.
މުންދުއަކީ ހާރިޖީދާއިރާގައި ތަޖުރިބާ ތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވާތީ މުންދަށް ދެއްވަން ނިންމެވީ ފޮރިން މިނިސްޓަރކަމެވެ. ކަންދިމާކުރި ގޮތުން އެހެނެއްް އެކަމެއް ނުވިއެވެ. ފޮރިން މިނިސްޓަރުކަން ދެއްވަން މަޖުބޫރުވެ ވަޑައިގަތީ މޫސާ ޒަމީރަށެވެ.
މޫސާ ޒަމީރަކީ ރައީސް މުއިއްޒުގެ ކެންޕޭނުގައި ވަރަށް ބޮޑު ހޭދައެއް ކުރެއްވި ބޭފުޅަކަށްވެފައި ނަމިރާ ނާޒިމުގެ މިތުރަށް ވާތީ ޒަމީރަށް ދެއްވަން މުއިއްޒު ނިންމެވީ ޓޫރިޒަމް މިނިސްޓަރުކަމެވެ. އެހެން ނަމަވެސް އަދުރޭ ފޫކަހާލުމުން އަދުރޭގެ ދަރިފުޅު ފައިސަލަށް ޓޫރިޒަމް މިނިސްޓަރކަން ނުދީ ފަރަކު ނުޖެއްސުނެވެ. އެހެން ދިމާވުމުން ޓޫރިޒަމް މިނިސްޓްރީއަށްވުރެ ނަފާވެރިކަން ކުޑަ ނޫން މިނިސްޓްރީއެއް ޒަމީރަށް ދެއްވަންޖެހިވަޑައިގެން ފޮރިން މިނިސްޓަރު ކަމަށް ޒަމީރު ހަމަޖައްސަވަން މަޖުބޫރުވެ ވަޑައިގަތީއެވެ.
އެންމެފަހުން ރައީސް މުއިއްޒަށް ޖެހިވަޑައިގަތީ މިނިސްޓރު ފެންވަރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ކަމަށް މުންދު ހަމަޖައްސަވާށެވެ. އަދުރޭއާއިހެދި މުންދުއަށް އޮތް ކެބިނެޓް ޕޯޓިފޯލިއޯ ގެއްލި ވަޑައިގަތީއެވެ.
ރައީސް މުއިއްޒުގެ ވައުދު ލިސްޓްގައި ވަޒީރުކަން ދެއްވަން ދެން ވިދާޅުވެވިފައި އޮތީ އާދަމް ނަސީރު އިބްރާހީމަށެވެ. ސިޔާސީ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. ޕަބްލިކް އޮފީހެއް ހިންގެވުމުގައިވެސް އުޅުއްވި ބޭފުޅެއްނޫނެވެ. ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ޝައުގުވެރި މަސައްކަތްޕުޅު ތަކެއް ކުރައްވާ މުދައްރިސެކެވެ. އެމަނިކުފާނަށް ވަޒީރުކަމެއް ދެއްވަންޏާ ދެއްވެން އޮތީ އެދާއިރާއިންނެވެ. އެހެންކަމުން ގައުމިއްޔަތު ދިރުވުމުގެ ނަމުގައި އާދަމް ނަސީރަށް މިނިސްޓްރީއެއް އުފައްދަވާ ދެއްވީއެވެ.
ހަގީގަތުގައި އާދަމް ނަސީރު ކުރައްވަން އޮތީ ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ކުރި މަސައްކަތްތަކެވެ. ދިވެހި ބަހުގެ އެކަޑަމީއަކާއި ގައުމީ އަރުޝީފަކާއި ގައުމީ ދާރުލް އަސާރެއް ހުއްޓާ އެ މިނިސްޓްރީން ކުރަން އޮންނާނީ ވަކީން ކޮންކަމެއް ހެއްޔެވެ. ގައުމީ ތަރިކައިގެ ކޮލެޖަކާއި ގައުމީ ތަރިކައިގެ މަރުކަޒަކާ ޗާޕްހާނާއެއް ހަދައިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ.
ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ތެރޭން ދިވެހި އަދަބިއްޔާތާއި ތާރީހާ ސަގާފަތާއި ގައުމީ ތަރިކައާއި ބެހޭ ދިރާސާތަކާއި އެނޫންވެސް ބަހާއި ސަގާފަތާއި ތަރިކައާއި ގުޅޭ އިލްމީ މަސައްކަތްތައް ކުރެވެން އެބައޮތެވެ. ސަރުކާރުގެ ޗާޕްހާނާއެއް ނުހެއްޖަސް ގައުމީ ދާރުލް އާސާރާއި ގައުމީ އަރުޝީފާއި ބަހުގެ އެކަޑަމީގެ ތެރެއިން ވަށާނުޖެހޭ ގައުމިއްޔަތެއް ނުއޮންނާނެއެވެ. ގުޅުންހުރި ކޮންމެވެސް މިނިސްޓރީއެއްގެ މޭންޑޭޓްގެ ތެރެއަށް ފައްތާލައިގެން އެކަންކަމުގެ ސިޔާސަތުތައް ކަޑައަޅާ ދެމެހެއްޓިދާނެއެވެ. ދައުލަތުގެ ހަރަދުތައް އަތްގުޅިނުކެއުން ނޫން އެހެން ކަމެއް އެ ކަމަކުން ނުވާނެއެވެ.