ކުރާ ކުދިކުދި ދައުވާކޮށް އެތައްބަޔަކު ހަލާކުކޮށްލުން
ނިމޭ މައްސަލައިގެ %31 ދައުވާ ވަނީ ބާތިލު
ޓްރަމްޕްގެ ވެރިކަމުގައި ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އެތައް ސަތޭކަ ބަޔަކަށް ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާކުރިއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކެއް ފަހުން އަނބުރާ ގެންދިޔަ ނަމަވެސް، އެކަމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންނަށް ހަމަލާދިނުމާއި، އެމީހުންގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މުޒާހަރާތަކުގެ ބައިވެރިންނަށް ވަރަށް ހަރުކަށިކޮށް ދައުވާ އުފުލާފައެވެ. ނަމަވެސް، ދިރާސާއަކުން ދައްކާ ގޮތުގައި، އާންމުކޮށް މިފަދަ މައްސަލަތައް އަނބުރާ ގެންދާ މިންވަރަށް ވުރެ މާ މަތީ އަދަދަކަށް ޕްރޮސެކިއުޓަރުން ދަނީ މި މައްސަލަތައް ދޫކޮށްލަމުންނެވެ. މައްސަލަތައް އަނބުރާ ގެންދިޔަ ނަމަވެސް، ތުހުމަތު ކުރެވުނު ފަރާތްތަކުގެ ވަޒީފާ ގެއްލުމާއި، އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވި ފުރައްސާރައާއި، ގާނޫނީ ފީތަކުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނެވެ.
މިގޮތުން ދިމާވި އެއް ހާދިސާއަކީ، މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އިމިގްރޭޝަނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން، ލޮސް އެންޖެލިސް ކައިރީގައި ހުރި ފެޑެރަލް އިމާރާތެއް ބަލަހައްޓަން ތިބި އޮފިސަރުންނާ ދިމާލަށް ފެންފުޅިއެއް އެއްލި ކަމަށް އިއުތިރާފުވި ކްރިސްޓިއަން ގާސިއާގެ މައްސަލައެވެ. 32 އަހަރުގެ ފޮޓޯގްރާފަރެއް ކަމަށްވާ ގާސިއާ ބުނި ގޮތުގައި އެއީ ހުސް ޕްލާސްޓިކް ފުޅިއެކެވެ. އޭނާ އެއްލި ފުޅި އެއްވެސް މީހެއްގެ ގައިގައި ނުޖެހި އެނބުރި އައިސް ޖެހުނީ ހުދު އޭނާގެ ގައިގައެވެ. ނަމަވެސް، އޭނާ ހައްޔަރުކޮށް، ތިން ދުވަހު ޖަލުގައި ބަންދުކުރުމަށްފަހު، އެއް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ދައުވާއެއް އުފުލިއެވެ. އޭނާ ވަޒީފާ އަދާކުރާ ފަރާތްތަކަށް ތަހުގީގީ އިދާރާތަކުން ގުޅުމާ ގުޅިގެން، އޭނާ އަދާކުރަމުންދިޔަ ދެ ވަޒީފާވެސް ގެއްލުނެވެ. އެންމެ ފަހުން، އެއްވެސް ރަސްމީ ސަބަބެއް ހާމަކުރުމެއް ނެތި ޕްރޮސެކިއުޓަރުން އެ މައްސަލަ އަނބުރާ ގެންދިޔައެވެ.
ޓްރަމްޕްގެ ސަރުކާރުން ފެޑެރަލް އޮފިސަރުންނަށް ހަމަލާދިނުމުގެ ތުހުމަތުގައި މަދުވެގެން 851 މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވެއެވެ. ފެޑެރަލް ކޯޓުތަކުގެ ރެކޯޑުތައް ބައިނަލްއަގުވާމީ ނޫސްއެޖެންސީއަކުން ވަނީ ކޮށްފައެވެ. އެ ދިރާސާ ދައްކާގޮތުން މިހާތަނަށް ނިމިފައިވާ މައްސަލަތަކުގެ 31 އިންސައްތަ މައްސަލައަކީ ބާތިލުކޮށްފައިވާ މައްސަލައެވެ. މިއީ އާންމުކޮށް ފެޑެރަލް ޖިނާއީ މައްސަލަތައް ބާތިލުކުރާ ނިސްބަތް ކަމަށްވާ 8 އިންސައްތައަށްވުރެ މާ މަތީ އަދަދެކެވެ.
ދައުވާތަކުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބައެއް މީހުންނަށް ވަޒީފާ ގެއްލިފައިވާއިރު، އަނެއް ބަޔަކަށް ބޮޑެތި ގާނޫނީ ފީތައް ދައްކަން ޖެހި، އަދި ސަރުކާރުން އެމީހުން ހައްޔަރުކުރިކަން އާންމުކުރުމާ ގުޅިގެން އިންޓަނެޓްގައި މަރުގެ އިންޒާރުތަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ.
ގާސިއާ ބުނި ގޮތުގައި އޭނާގެ މައްސަލަ ބާތިލުކުރި ނަމަވެސް، އަލުން ވަޒީފާއެއް ނުލިބުނެވެ. އަދި އޭނާގެ އަތުން އަތުލި ފޯނުވެސް އަނބުރާ ނުލިބޭ ކަމަށް އޭނާ ބުންޏެވެ. "އަހަރެންގެ މުޅި ދިރިއުޅުން އެންމެ ދުވަހަކުން ބަދަލުވެއްޖެ، އެއްވެސް އިންސާފެއް ނުލިބުނު،" އޭނާ ކިޔައިދިނެވެ.
މިފަދަ ހާދިސާތަކަކީ ދައުވާ ކުރާނެ ކަންކަމެއް ނޫން ކަމަށް ކުރީން ޕްރޮސެކިއުޓަރުން ބުނަމުން ދިޔަ ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ އެފަދަ ކުދިކުދި ކަންކަމުގައިވެސް ފެޑެރަލް ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި، ވަރަށް މަޑުން ދުއްވާފައި ގޮސް އޮފިސަރެއްގެ ކާރުގައި ޖެއްސި އަންހެނަކާއި، އޮފިސަރަކާ ތަޅާފޮޅަން ގޮންޖެހި ނަމަވެސް އެއްވެސް ހަމަލާއެއް ނުދޭ މީހަކާއި، އަދި އޮފިސަރެއްގެ ގައިގައި ޖެހި ބައުންސްވި ސޭންޑްވިޗެއް އެއްލި މީހެއްގެ މައްޗަށް ކުރި ދައުވާ ހިމެނެއެވެ.
ކޯޓު ރެކޯޑުތަކާއި ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ވަނީ މިފަދަ މައްސަލަތައް ކޯޓަށް ވެއްދުމުގެ މިންގަނޑު ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމާނަމަ، އެކަން ވޮޝިންގްޓަނަށް ސަބަބާއެކު އަންގަން ޖެހޭ ގޮތަށް އޮތުމުން، ޕްރޮސެކިއުޓަރުންނަށް ވަނީ މައްސަލަތައް ކުރިއަށް ގެންދަން މަޖުބޫރުވެފައެވެ.
ނަމަވެސް، މި މައްސަލަތައް ކޯޓުގައި ސާބިތުކޮށްދިނުމުގައި ޕްރޮސެކިއުޓަރުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ބައެއް ހާދިސާތަކުގައި އޮފިސަރުން ދީފައިވާ ބަޔާންތަކަކީ ދޮގު ބަޔާންތަކެއްކަން ވީޑިއޯ ފުޓޭޖްތަކުން ސާބިތުވެފައިވެއެވެ. މީގެ ސަބަބުން ސަރުކާރުގެ ވަކީލުންނަށް ފަނޑިޔާރުން ކުރާ އިތުބާރު ކުޑަވެގެންދާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.
އެއް މައްސަލައެއްގައި ފަނޑިޔާރަކު ވަނީ ޕްރޮސެކިއުޓަރުން އަމަލުކުރި ގޮތުން، ސަރުކާރުގެ ވަކީލުންނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.


