އަގުހެޔޮކޮށް ތައިލެންޑަށް ކުރި ދަތުރުވީ ބިރުވެރި ހާދިސާއަކަށް

އަގުހެޔޮ ޓުއަރ ޕެކޭޖުތަކަށް އާންމުން ސަމާލުވާންޖެހޭ

އަގުހެޔޮކޮށް ތައިލެންޑަށް ކުރި ދަތުރުވީ ބިރުވެރި ހާދިސާއަކަށް

އަގުހެޔޮކޮށް ތައިލެންޑަށް ކުރި ދަތުރެއް ބިރުވެރި ހާދިސާއަކަށް ބަދަލުވެ، ތިން އިންޑިއާ މީހަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ތައިލެންޑުގައި އުފާވެރި ޗުއްޓީއެއް ހޭދަކޮށްލުމަށް ކުރި އުންމީދުތައް ފެނަށްވެ، ތިން އިންޑިއާ ރައްޔިތަކު ހަފުތާއެއް ވަންދެން ރަހީނުކޮށް ލާއިންސާނީ އަނިޔާދީފައި ވާކަމަށް ތަހުގީގީ އިދާރާތަކުން ހާމަކޮށްފިއެވެ. މި 3 މީހުން ތައިލެންޑަށް ގެންގޮސްފައިވަނީ އިންޑިއާ އަދި ޕާކިސްތާނު މީހުން ހިމެނޭ ގުރޫޕަކުން އޮޅުވާލައިގެން ހަދާފައިވާ "ފޭކް" ޓުއަރ ޕެކޭޖެއްގެ ދަށުންނެވެ.

ދަތުރު ހަމަޖައްސައިދިން ގުރޫޕުން ވަނީ ރަހީނުކުރި 3 މީހުންނަށް އަނިޔާކޮށް، އެމީހުންގެ އާއިލާތަކުގެ އަތުން ފައިސާ ހޯދުމަށް މަޖުބޫރުކުރުވާފައެވެ. ނަމަވެސް، ތައިލެންޑުގެ ފުލުހުން ކުރި މަސައްކަތުން މި މީހުން ފޮރުވާފައި ތިބި ތަން ހޯދައި، އެމީހުން ވަނީ ސަލާމަތްކޮށްފައެވެ.

ހާދިސާގައި އަނިޔާ ލިބުނު މީހުންނަކީ އުމުރުން 23 އަހަރާއި 26 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ ޕަޓާޔާގެ ބަންގް ލާމުންގް އަވަށުގައި ހުރި ދެބުރި އިމާރާތަކުންނެވެ. ރަހީނުކުރި މީހުން ވަނީ މި ތިން މީހުންގެ އާއިލާތަކުން ޖުމްލަ 2.4 މިލިއަން ބާތު (ގާތްގަނޑަކަށް 70 ލައްކަ އިންޑިއާ ރުޕީސް) އަށް ޑިމާންޑްކޮށްފައެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، މި މީހުން ތައިލެންޑަށް ދިޔުމުގެ ކުރިން ކޮންމެ މީހަކު 70،000 ބާތު (ގާތްގަނޑަކަށް 2 ލައްކަ އިންޑިއާ ރުޕީސް) ޓުއަރ ޕެކޭޖަށް ދައްކާފައިވެއެވެ. ބެންކޮކްގެ އެއާޕޯޓަށް ފޭބުމަށްފަހު، އެމީހުން ޕަޓާޔާއަށް ދިޔައީ ޓެކްސީއެއްގައެވެ. އެތަނުން އިންޑިއާ މީހަކު މޮޓޯސައިކަލެއްގައި އެމީހުން އެކަކު އަނެކަކާ ވަކިން ކުއްޔަށް ހިފާފައިވާ ގެއަކަށް ގެންދިޔައެވެ. އެ ގެއަށް ދިޔުމާއެކު ޕާކިސްތާނުގެ ހަތަރު މީހަކާއި އިންޑިއާ މީހަކުވެގެން އެމީހުން ބަންދުކުރީއެވެ.

ރަހީނުކުރި މީހުންނަށް ދިން ލާއިންސާނީ އަނިޔާ

ފުލުހުން އެ ގެ ރޭޑްކުރިއިރު، ތިން މީހުން ތިބީ އަތާއި ފައި އަދި އަނގަ ބަނދެފައި ދެ ކޮޓަރިއެއްގައި ބަންދުކޮށްފައެވެ. އެމީހުންގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. ތަހުގީގުގައި އެމީހުން ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް އެމީހުންނަށް އަނިޔާކުރާ ކަމަށެވެ. އެގޮތުން ބޯ ތިރިއަށްވާ ގޮތަށް އެލުވުމާއި، ފައިގެ ކޮޅުގައި ބާރަށް ތެޅުމާއި، ކާބޯތަކެއްޗާއި ފާހާނާ ބޭނުންކުރުމުން މަހްރޫމްކޮށްފައިވާ ކަމަށް އެމީހުން ކިޔައިދިނެވެ.

މީގެ އިތުރުން، އާއިލާގެ މީހުންނަށް ވީޑިއޯ ކޯލް ކުރާއިރު، ގިނަ އަދަދަކަށް ލޭ އަންނަ ކަން ދެއްކުމަށްޓަކައި އެމީހުންގެ ގަޔަށް ރަތް ކުލަ އޮއްސާފައިވާ ފޮޓޯތަކެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ތަހުގީގާއި ހައްޔަރުކުރުން

މައްސަލާގައި ތައިލެންޑު ފުލުހުން ވަނީ އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަވްތާރު ސިންގް، ޖަގްޖިތު ސިންގް، ރާމްބަލަކް ކުމާރު، ސުކްބީރު ސިންގް އަދި ކުލްރާ ސިންގް އެވެ. އެމީހުން ހައްޔަރުކުރީ ބެންކޮކުން ފުރަން އުޅެނިކޮށެވެ. ހައްޔަރުކުރި މީހުން ބުނި ގޮތުގައި މިކަން ރޭވީ ޗެޓް އެޕްލިކޭޝަނަކުން ދިމާވި ޕާކިސްތާނު މީހެކެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި މި ޖަރީމާގެ އަސްލު މޭސްތިރިއަކީ ދުބާއީގައި ހުރި މީހެކެވެ. އެމީހުން ރަހީނުންގެ އަތުން ހޯދާ ފައިސާ ބަދަލުކުރުމަށް ރޭވީ ކްރިޕްޓޯކަރަންސީ މެދުވެރިކޮށެވެ. އަދި ހައްޔަރުކުރި މީހުންނަށް މިކަމުގެ ބަދަލެއްގެ ގޮތުން ފައިސާއާއި، ރަހީނުންގެ އަތުން ފޭރޭ ތަކެއްޗާއި، ތައިލެންޑުން ފުރައިގެން ދިއުމުގެ ޓިކެޓް ދޭނެކަމަށް ވަނީ ވައުދުވެފައެވެ.

މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ އިމިގްރޭޝަން އިސް އޮފިޝަލަކު ވިދާޅުވީ، މިއީ ބޭރުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށާއި، އަގުހެޔޮ ޓުއަރ ޕެކޭޖުތަކަށް އާންމުން ސަމާލުވާންޖެހޭ ކަމަށެވެ. މި ހާދިސާ ހިނގާފައި މިވަނީ އިންޑިއާގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތައިލެންޑަށް ވަދެވޭ ގޮތަށް ހަމަޖެއްސިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.