ކޮލަމްބިޔާގެ ރައީސްކަން ޓްރަމްޕް ތާއިދުކުރާ މިލިޔަނަރ ކާމިޔާބުކޮށްފި
މަހުޖަނު ލޯޔަރ އެސްޕްރިއޭލާ ކާމިޔާބުކުރީ 49.66 އިންސައްތަ ވޯޓުން
ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ، ކޮލަމްބިއާގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މުއްސަނދި ވަކީލު އަދި އަމިއްލައަށް "އައުޓްސައިޑަރެއް" ގެ ގޮތުގައި ސިފަކުރައްވާ އަބެލާޑޯ ޑި ލަ އެސްޕްރިއޭލާ، އެ ގައުމުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައިފިއެވެ. އޭނާ މި އިންތިހާބު ކާމިޔާބު ކުރެއްވީ ވާތު ފިޔައިގެ ސެނެޓަރ އިވާން ސެޕޭޑާއާ ވާދަކުރައްވައެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުގެ %99.99 ގުނާ ނިމުނުއިރު، އެސްޕްރިއޭލާއަށް ލިބިވަޑައިގަތީ 12.96 މިލިއަން ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %49.66 އެވެ. އޭނާއާ ވާދަކުރެއްވި ސެޕޭޑާއަށް ލިބިވަޑައިގަތީ 12.7 މިލިއަން ވޯޓެވެ. އެޢި %48.7 އެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރީ އެންމެ 250,830 ވޯޓުގެ ތަފާތެކެވެ. މީގެ އިތުރުން %1.6 ވޯޓަކީ ބާތިލު ވޯޓެވެ.
މީގެ ތިން ހަފުތާ ކުރިން ބޭއްވުނު އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، މިފަހަރުގެ ނަތީޖާގެ ފަރަގު ވަނީ ކުޑަވެފައެވެ. ފުރަތަމަ ބުރުގައި އެސްޕްރިއޭލާ ކުރި ހޯއްދެވީ 673,000 ވޯޓުގެ ތަފާތަކުންނެވެ.
އެސްޕްރިއޭލާގެ މި ކާމިޔާބީއާއެކު، ކޮލަމްބިއާގެ ސިޔާސީ މިސްރާބު އަނެއްކާވެސް ކަނާތު ފިޔައިގެ ފިކުރަށް ވަނީ އެނބުރިފައެވެ. މިއީ އެ ގައުމުގެ ފުރަތަމަ ވާތު ފިޔައިގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ހަތަރު އަހަރުގެ ދައުރަށްފަހު އައި ބަދަލެކެވެ. ގާނޫނުއަސާސީ ހުރަސްއަޅާތީ ދެވަނަ ދައުރަކަށް ކުރިމަތިނުލެއްވުނު ޕެޓްރޯ ތާއީދުކުރެއްވީ ސެޕޭޑާއަށެވެ.
މި ނަތީޖާއަކީ މުޅި ލެޓިން އެމެރިކާ ސަރަހައްދުގައި ކަނާތު ފިޔައިގެ ހަރުކަށި ކެންޑިޑޭޓުންނަށް ލިބެމުންދާ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މީގެ ކުރިން ހޮންޑިއުރަސްގައި ނަސްރީ އަސްފޫރާ އަދި ޗިލީގައި ހޯޒޭ އެންޓޯނިއޯ ކާސްޓް ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. އަދި ޕެރޫގެ ވޯޓު ގުނުމުގެ ކުރީގައި އުޅުއްވަނީ ކެއިކޯ ފުޖިމޯރީއެވެ.
އެހެން ކެންޑިޑޭޓުންނެކޭ އެއްފަދައިން، އެސްޕްރިއޭލާއަށް ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު ލިބިވަޑައިގަތެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި "އޭނާ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި" ކަމަށް ވިދާޅުވެ މަރުހަބާ ވިދާޅުވެފައެވެ.
އޭނާގެ ކެމްޕޭން ހެޑްކުއާޓަރު ހުންނަ ބަރަންކުއިލާގައި ދެއްވި ކާމިޔާބީގެ ހިތޯބުގައި، އެސްޕްރިއޭލާ ވަނީ ގާނޫނުއަސާސީއަށް އިހުތިރާމްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ކެމްޕޭން ތެރޭގައި ވާތު ފިޔައިގެ ފިކުރު "ނައްތާލާނެ" ކަމަށް ވިދާޅުވި ނަމަވެސް، އޭނާއަކީ ހުރިހާ ކޮލަމްބިއާ ރައްޔިތުންގެ ރައީސް ކަމުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭނާއަށް ވޯޓު ނުދޭ މީހުންގެ ހައްގުތަކަށް ވެސް އިހުތިރާމްކުރާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށް ޖާގަ އޮންނާނެ ކަމަށެވެ.
އެމެރިކާގެ ކޮންގްރެސް މެންބަރު މާރިއާ އެލްވީރާ ސަލާޒާ އާންމުކުރެއްވި ވީޑިއޯއެއްގައި އެސްޕްރިއޭލާ ވިދާޅުވީ، ކޮލަމްބިއާގެ މައްސަލަތައް ހައްލުކުރުމަށް އެމެރިކާއާއެކު ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ އެސްޕްރިއޭލާއަށް މަރުހަބާ ވިދާޅުވެ، ސަރަހައްދީ ސަލާމަތާއި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރުގެ ރައީސް ޕެޓްރޯ މަގާމުން ވަކިވެވަޑައިގަތުމުން، މުޅި ސަރަހައްދުގައި ވާތު ފިޔައިގެ ސަރުކާރުތައް އޮންނާނީ ހަމައެކަނި މެކްސިކޯ، ބްރެޒިލް، އުރުގުއާއީ އަދި ގުއަޓެމާލާގައެވެ.
ޕެޓްރޯ ވަނީ ވޯޓު ގުނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރައްވައި، ރަސްމީ ނަތީޖާ އިއުލާނުކުރަންދެން ނަތީޖާ ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ސެޕޭޑާ ވެސް ވަނީ މި ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާފައެވެ. މިއާއެކު ބައެއް ސިޓީތަކުގައި މުޒާހަރާތަކެއް ވެސް ވަނީ ފެށިފައެވެ.
އެސްޕްރިއޭލާގެ ކެމްޕޭން ބިނާވެފައި އޮތީ ކުށްކުރާ ގްރޫޕްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ މައްޗަށެވެ. "އެލް ޓިގްރޭ" (ނުވަތަ މިނިކާވަގު) ގެ ނަމުން މަޝްހޫރުވެފައިވާ އެސްޕްރިއޭލާ ވަނީ ބޮޑު 10 ޖަލު ހަދައި، ކުށްވެރިންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވައުދުވެފައެވެ. އޭނާ ގަބޫލުކުރައްވަނީ ކުށްވެރިންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހޭ ކަމަށެވެ.
ބޮގޮޓާގައި އުފަންވި ނަމަވެސް ކެރީބިއަން ސަރަހައްދުގައި ބޮޑުވި އެސްޕްރިއޭލާއަކީ މީގެ ކުރިން ވެސް ކަނާތު ފިޔައިގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ވަކީލެއްގެ ގޮތުގައި މަޝްހޫރުވި ބޭފުޅެކެވެ. އޭނާގެ ނައިބު ރައީސަކަށް ހުންނަވާނީ އިގްތިސާދީ މާހިރު ހޯޒޭ މެނުއަލް ރެސްޓްރޭޕޯއެވެ. އެ ދެ ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަންނަވާނީ އޯގަސްޓް 7 ގައެވެ.


