ހަށިވިއްކާ މީހުން މެރުމުގައި 17 އަހަރު ހޭދަކުރި ސީރިއަލްކިލަރ އުމުރަށް ޖަލަށް

ކަލެއަކީ ފަކުރުގަންނަ ފަދަ ނާތަހުޒީބު މީހެއް. ކަލެއަކީ އިންސާނެއް ނަމަ، އެއީ ވަރަށް ދަށު ދަރަޖައިގެ ފިނޑިއެއް: ފަނޑިޔާރު

ހަށިވިއްކާ މީހުން މެރުމުގައި 17 އަހަރު ހޭދަކުރި ސީރިއަލްކިލަރ އުމުރަށް ޖަލަށް

އެޕްރީލް މަހު ހަތް މީހަކު މަރާލިކަމަށް އިއުތިރާފުވި އުމުރުން 62 އަހަރުގެ ކުރީގެ އާކިޓެކްޓް، ރެކްސް ހިއުއާމަންގެ މުޅި އުމުރު ޖަލުގައި ހޭދަކުރަން ޖެހޭ ގޮތަށް ހުކުމްކޮށްފިއެވެ.

ހިއުއާމަން ވަނީ 17 އަހަރު ވަންދެން ސިއްރިއްޔާތުގައި ސީރިއަލް ކިލަރެއްގެ ގޮތުގައި އުޅެފައެވެ. އޭނާ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ހަށިވިއްކާ މީހުންނަށެވެ. އެމީހުން ކަރުގައި ހިފާ މަރާލުމަށްފަހު، އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި އޮންނަ ކަނޑުއޮޅި ސަރަހައްދަށް ހަށިތައް އެއްލާލައެވެ.

މިއެންމެން މަރާލި މައްސަލައިގެ ތަހުގީގު ފެށުނީ 2010 ވަނަ އަހަރު ގެއްލުނު އަންހެނަކު ހޯދުމުގެ ތެރޭގައި ގިނަ އަދަދެއްގެ އިންސާނީ ކަށިތަކެއް ފެނުމާ ގުޅިގެންނެވެ. މިއާއެކު އެ ސަރަހައްދުގައި ސީރިއަލް ކިލަރެއް އުޅޭކަމަށް ކަމާބެހޭ ފަރާތްތަކަށް ޔަގީންވިއެވެ. މި މައްސަލައިގައި ކުރިއެރުމެއް ލިބުނީ، ހިއުއާމަން އެއްލާލާފައި އޮތް ޕިއްޒާ ފޮއްޓެއްގެ ތެރޭގައި އޮތް ޕިއްޒާ އެތިކޮޅަކުން ފެނުނު ޑީ.އެން.އޭ މެދުވެރިކޮށް 'ގިލްގޯ ބީޗް ހޯމިސައިޑް ޓާސްކް ފޯސް' އިން އޭނާ ދެނެގަތުމުންނެވެ.

މެލީސާ ބާތެލެމީ، މޭގަން ވޯޓަރމަން، އެމްބަރ ކޮސްޓެލޯ، މައުރީން ބްރެއިނާޑް-ބާންސް، ޖެސިކާ ޓޭލަރ، ސަންޑްރާ ކޮސްޓިލާ އަދި ވެލަރީ މެކް މަރާލިކަމުގެ ހަތް ދައުވާއަށް ހިއުއާމަން ވަނީ އޭޕްރީލް 8 ވަނަ ދުވަހު އިއުތިރާފުވެފައެވެ. މީގެ އިތުރުން، އަށްވަނަ މީހެއް ކަމަށްވާ ކަރީން ވާގާޓާ މަރާލިކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

ޔޫ.އެސް.އޭ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޫން 17 ވަނަ ދުވަހު ހިއުއާމަންގެ މައްޗަށް ވަނީ ބާތެލެމީ، ވޯޓަރމަން އަދި ކޮސްޓެލޯ މަރާލި މައްސަލައިގައި ޕެރޯލްގެ ފުރުސަތެއް ނެތް ގޮތަށް އުމުރުދުވަހުގެ ތިން ޖަލު ހުކުމެއް އިއްވާފައެވެ. އަދި ބްރެއިނާޑް-ބާންސް، ޓޭލަރ، ކޮސްޓިލާ އަދި މެކް މަރާލި މައްސަލައިގައި 25 އަހަރުގެ ހަތަރު ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ޑަބްލިޔު.ބީ.އޭ.އެލް އިން ރިޕޯޓްކުރާ ގޮތުގައި، ހިއުއާމަން ހައްޔަރުކުރި ފަހުން ވޭތުވެދިޔަ ތިން އަހަރު އޭނާ ހޭދަކުރީ ވަކިން ހާއްސަކޮށްފައިވާ ގޮޅިއެއްގައެވެ. އެ ނޫހުން ބުނާ ގޮތުގައި އޭނާ ގިނަ ވަގުތު ހޭދަކުރަނީ ކުށްކުރުމާ ގުޅޭ ވާހަކަ ފޮތްތައް ކިޔުމުގައެވެ. އަދި އެހެން ސީރިއަލް ކިލަރަކާ ސިޓީ މެދުވެރިކޮށް މުއާމަލާތް ކުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

ހުކުމް އިއްވުމުގެ މަޖިލީހުގައި، މަރުވި މީހުންގެ އާއިލާތަކުގެ ފަރާތުން ބަޔާންތައް ދީފައިވެއެވެ. ޓޭލަރގެ ދެބެންގެ ދެދަރި ކޮއްކޮ ޖަސްމިން ރޮބިންސަން ބުނި ގޮތުގައި، މިލިއަން އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އިއްވިޔަސް އެއީ މަދު މިންވަރެކެވެ.

ބާތެލެމީ ގެއްލުނު އިރު އޭނާގެ ކޮއްކޮ އަމަންޑާ ފަންޑަރބާގްގެ އުމުރަކީ 15 އަހަރެވެ. ހުކުމް އިއްވި މަޖިލީހުގައި އޭނާ ހިއުއާމަންއާ މުހާތަބުކޮށް ބުނީ، "އަހަރެން އެދެނީ ކަލެއަށް ވޭން ލިބުމަށް" ކަމަށެވެ. ބާތެލެމީ މަރާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިއުއާމަން އޭނާއަށް ފޯނުން ގުޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ވޯޓަރމަން ގެއްލުނު އިރު އޭނާގެ ދަރިފުޅު ލިލިއާނާ ވޯޓަރމަންގެ އުމުރަކީ އެންމެ ތިން އަހަރެވެ. ހުކުމް އިއްވި މަޖިލީހުގައި އޭނާ ބުނީ، އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާގެ މުޅި ދުނިޔެ ބަދަލުވެގެން ދިޔަ ކަމަށެވެ.

ސަފޮކް ކައުންޓީގެ ފަނޑިޔާރު ޓިމޮތީ މަޒެއި ހުކުމް އިއްވުމުގެ ކުރިން ހިއުއާމަންއާ މުހާތަބުކޮށް ވިދާޅުވީ، "ކަލެއަކީ ފަކުރުގަންނަ ފަދަ ނާތަހުޒީބު މީހެއް. ކަލެއަކީ އިންސާނެއް ނަމަ، އެއީ ވަރަށް ދަށު ދަރަޖައިގެ ފިނޑިއެއް" ކަމަށެވެ.

ހިއުއާމަންގެ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އެފް.ބީ.އައި ގެ ބިހޭވިއަރަލް އެނަލިސިސް ޔުނިޓާ އެކު މަސައްކަތް ކުރުމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އެފް.ބީ.އައި އިން އުންމީދު ކުރަނީ މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފަދަ އެހެން ގާތިލުން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އެން.ބީ.ސީ އިން ރިޕޯޓްކުރާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ވާގާޓާ މަރާލި މައްސަލައިގައި އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާއެއް ނުކުރެއެވެ.