ސާޖިދާގެ ނޯޕޭލީވުން ފެށިގެން މުޅި ސަރުކާރުގައި ކޮރަޕްޝަން!

ސާޖިދާގެ ނޯޕޭލީވުން ފެށިގެން މުޅި ސަރުކާރުގައި ކޮރަޕްޝަން!

ކޮރަޕްޓް ނުވެ ސަރުކާރު ހިންގާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ޑރ. މުއިއްޒު ދިނެވެ. ކޮރަޕްޝަނުގެ ކަމެއް ހިނގާނަމަ އަޅަންޖެހޭ ގާނޫނި ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނެކަމަށް ވެސް ބުންޏެވެ. ހިޔާލު ތަފާތުވުމެއް އެކަމުގައި ނޯންނާނެކަމަށް ވެސް މުއިއްޒު ބުންޏެވެ. 2023 ގައި ރާއްޖޭގެ ވެރިކަން ހޯދުމަށް ފަހު ޑރ. މުއިއްޒުގެ ވާހަކަ ހުރީ އެހެންނެވެ. 

ހަގީގަތުގައިވެސް ޑރ. މުއިއްޒު ސަރުކާރު ހިންގަނީ ކޮރަޕްޓް ނުވެހެއްޔެވެ. ވެރިކަމުގައި ނިމެމުން މިދާ 2 އަހަރު ތެރޭގައި ސަރުކާރުގެ ކޮރަޕްޓް ވާހަކަ ނޫން ވާހަކައެއް ނުއިވެއެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކޮރަޕްޝަނާއި ފަސާދަ ހިންގާތަނެވެ.

އަނބިމީހާ އަށް ހައްގުނޫން ނޯޕޭ ލީވެއް ދީގެން ކޮންޓްރެކްޓު އުސޫލުން ސިވިލް ސާވިސްގައި ގެންގުޅެމުން ފަސްޓްލޭޑީ އެލަވަންސް ނެގުމުން ފެށިގެން ކޮރަޕްޝަން ނުހިންގާ ވަކިކަމެއް ނެތެވެ. އިދިކޮޅު ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން 13 މެންބަރުން ރިޝްވަތުގެ ހުތުރު ފައިސާއާއި ސިޔާސީ ވަޒީފާތައް ދީގެން ގަނެލި ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. 

ބިޔަ ބޮޑު ޕީޕީއެމް ވުޖޫދުން ފުހެލާ ޕީޕީއެމަށް ދައުލަތުން ދިން ހުރިހާ ފައިސާއާއި ޕީޕީއެމްގެ މުދަލާއި މެންބަރުން ޕިއެންސީއަށް ފުރޮޅާލީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިންނެވެ. ރޯމާދުވާލު ޑީއެންއާރުން މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީ ބޮޑުކޮށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޖަންކެއް ފޭރިގަތް ބަޔަކަށް ޕީއެންސީ ހެދީ ކޮރަޕްޝަނުގެ ތެރެއިންނެވެ. އާއިލާ މީހުންނާއި ރައްޓެހިންނާއި ސަނާކިޔާހާ މީހަކަށް ސަރުކާރުގެ ވަޒީފާތައް ބަހާލާ ސިޔާސީ ވެރިން އިސްކޮށްގެން ދައުލަތް ލޫޓުވާލަނީ ކޮރަޕްޝަނުގެ ތެރެއިންނެވެ. 

ބަޖެތް ނެތި ރަސްމާލެ ހިއްކަންފަށާ ރާޖޫއަށް ބިޔަ ބޮޑެތި ބިންތައްދީ އެއްބަސްވުން ބާތިލުކޮށް ދައުލަތުގެ އަގުބޮޑު އެތައް ބިމެއް ރާޖޫއަށް ވަނީ ދީފައެވެ. ދުނިޔޭގެ ސްކޭމަރުންގެ އެތައް ބަޔަކާއެކު ބޮޑެތި ޑީލްތައް ހަދާ ދައުލަތުން އެތައް މިލިޔަން ޑޮލަރެއް ތާޅާ ބުރުވާލައިފިއެވެ. 

ކޮރަޕްޝަނާއި ފަސާދައިގެތެރެއިން އެޗްޑީސީ ފަޒްލު އިސްވެހުރެ ވަނީ ނޮޅާލާފައެވެ. ބާރަށު ޝުޖާއު އާއި ފަލާހު ކަހަލަ އެތައް ބަޔަކު ދައުލަތުގެ ތެރެއިން ހައްގުނޫން މުއްސަދިކަން ހޯދާ ދައުލަތް ދަނީ ލޫޓްވަމުންނެވެ. 

ބަލަންޖެހޭ ބެލުމެއް ބަލާ އަޅަންޖެހޭ އެއްވެސް ގާނޫނީ ފިޔަވަޅެއް އަޅާފައެއް ނެތެވެ. ހިޔާލު ތަފާތުވުމެއް ނެތި އަޅާނެކަމަށް ބުނި އެންމެ ފިޔަވަޅެއްވެސް މުއިއްޒަކަށް ނޭޅެއެވެ. އަޅާނެ ހިއްވަރެއް ކެރުމެއްވެސް މުއިއްޒުގެ ނެތެވެ. ޓީމުން އެހެން މީހަކަށް ފިޔަވަޅެއް އެޅޭނީ މުއިއްޒުގައި ކޮރަޕްޝަނާއި ރިޝްވަތާއި ހިޔާނާތްތެރިކަން ނެތްނަމަތާއެވެ. ދައުލަތުގެ އެކިފެންވަރުގެ ވެރިން ކުރާކޮންމެ ވައްކަމަކުން މުއިއްޒަށް ބައިއެޅޭކަމަށް ބުނަ މީހުން ގައުމުގައި މަދެއް ނޫނެވެ.