ދައުވާ ކުރަންކުރަން ހުއްޓާ އެ ވިއްކާލަނީ ފޯޅަވަހި
ވެރިކަމަށް އައީ ޗާގޯސް ހޯދާދިނުމުގެ ވައުދާއެކު
ފޯޅަވަހި ހިމެނޭހެން މުޅި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތު އޮތް ތަނެއްކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. މުއިއްޒު ވެރިކަމަށް އައުމަށް ބޭނުންކުރި އެންމެ ވަރުގަދަ އެއް ހަތިޔާރަކީވެސް ޗާގޯހެވެ. މުއިއްޒުގެ ވެރިކަމުގައި ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދުމަށް މުއިއްޒު ވައުދުވިއެވެ.
މޮރިޝަޝްއަށް ޗާގޯހުގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް އދ ގެ އާއްމު މަޖިލީހުން ނިންމާފައިވާ ނިންމުމާއި ދުނިޔޭގެ ކޯޓުން ނެރެފައިވާ އިސްތިޝާރީ ލަފާ ވެސް މުއިއްޒު ސަރުކާރުން ގަބޫލެއް ނުކުރާކަމަށް ބުނިބުނުމަކީވެސް އޮޅުވާލުމަކީތާއެވެ. އިނގިރޭސި ޕާލަމަންޓްގައި އެވާހަ ދައްކުވާފާ ދައުވާ ނުކޮށް ދަންމާލައިގެން ހުންނަ ހުރުމަކީ ވަގުޑީލެއް ހެދުން ކަމަށް ބެލެވެއެވެ. އެމެރިކާގެ ރައީސް އާއި އިނގިރޭސި ބޮޑުވަޒީރަށް ވެސް އެކަން މުއިއްޒު އަންގާފައިވާނެ ކަމަށް ސަރުކާރުން ބުނެ ރައްޔިތުންނަށް ހަގީގީ މަންޒަރު އޮޅުވާލަނީތާއެވެ.
ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމުގެ ތާރީހީ ހެކި ހުރިކަން ކަށަވަރު ކޮށްދެމުން ޗާގޯހުގެ ސިޔާދަތު ރާއްޖެއަށް އޮންނަން ޖެހޭކަމަށް ދެކޭ ކިތަންމެ ބަޔަކުވެސް ރާއްޖޭގައި މިހާރު އެބަތިއްބެވެ. ފުޅާދާއިރާއެއްގައި އެކަމަށް މަސައްކަތްކުރާ ލޮބީ ގްރޫޕްތައްވެސް މިހާރު ރާއްޖޭގައި އެބަތިއްބެވެ. އެ މީހުންގެ ކަން ބޮޑުވުމަކީ އެކަމަށްޓަކާ ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖޭގެ ސަރުކާރުން ކުރަން ހުރިކަންކަން ނުކޮށް ސަރުކާރުތައް އޮތް އޮތުމެވެ.
ކުރީ ސަރުކާރުތަކާއި ހިލާފަށް މުއިއްޒު ސަރުކާރު އައީވެސް ޗާގޯސް ރާއްޖެއަށް ހޯދާދޭށެވެ. މޮރިޝަޝްއަށް ޗާގޯސް އޮތް އޮތުން ބަދަލުކުރާށެވެ. އިގނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ޗާގޯސް މިނިވަންވެ މޮރިޝަޝްގެ ދަށަށް ދިޔުމަކަށް ރާއްޖެ ގަބޫލެއް ނޫނެވެ. ބައެއްގެ ދަށަށް ޗާގޯސް ދަންޏާ ދާންޖެހޭނީ ރާއްޖޭގެ ދަށަށް ކަމަށް ދެކޭ މީހުން ރާއްޖޭގައި ގިނައެވެ.
ރާއްޖެއާއި ޗާގޯހުގެ ގުޅުމުގެ ތާރީހުގެ ތެރެއަށް މިވަގުތު ދާކަށްނެތީމެވެ. މިހާރު ދައްކަން އޮތް ވާހަކައަކީ ޗާގޯސް ރާއްޖެއަށް ހޯދާދޭން އައި ސަރުކާރުން ކުރަން ކުރަން އޮއްވާ އެމެރިކާއިން ޗާގޯސް ގަނެލާ ވާހަކައެވެ.
ޗާގޯހަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ވަރަށް މުހިންމު އަސްކަރީ މަސްލަހަތު އޮތްތަނަކަށް ވުމުން ޗާގޯހުގެ މިލްކުވެރިކަން އެމެރިކާއަށް ނެގުމުގެ މަސައްކަތް މިހާރު އެ އޮތީފަށާފައެވެ. މޮރިޝަޝް އަތުން ޗާގޯސް ގަތުމުގެ ތައްޔާރީތައް މިހާރު ފެށިއްޖެއެވެ.
މޮރިޝަޝް އާއި ސިޔާސީ ގުޅުން ކަނޑާލައިގެން ޗާގޯހަކީ ތިމަންނަމެންގެ ތަނެކޭ ކިޔާލަ ކިޔާލާ ހުއްޓަކަސް ކަމަކު ދާކަށްނެތެވެ. މުއިއްޒު ދައުވާ ކުރަންކުރަން ހުއްޓާ އެމެރިކާއިން ފޯޅަވަހި ގަނެލަނީއެވެ.


