ފުރަތަމަ ކަމަނާ 2.0 ގެ އިންތިޒާރުގައި.
އެމާ އެއްލާލެވޭކަށް ނެތް، މިމާ ވެސް ނުބިނދެވާކަށް ނެތް،
ދެމާ އެކުގައި ލިބޭކަށް ނެތް، ދިމާގު ސަމާލުވެވޭކަށް ނެތް.
އައު ހަޔާތެއް ފަށަން، ބޭނުން ނުވާނީ ކޮން އެކަނިވެރި މައެއްތޯއެވެ. ހަޔާތަށް ތަނަވަސް ބާރުގަދަ މީހަކު ހޯދަން ބޭނުންނުވާނީ އުމުރުން ދޮށި ވަމުންދާ ކޮން ކަނބަލެއްތޯއެވެ.
އެކަނިވެރިކަން އިހުސާސް ކުރަމުންދާ ބައެއް ކަނބަލުންނަކީ ބާރުވެރި ކޮންމެވެސް މީހެއްގެ ޝިކާރަކަށް ވުމުގެ ފުރުސަތު ބޮޑު ބައެއްކަން ދިވެހި ސަގާފާތުގެ ތެރެއިން ފެނިގެން ދެއެވެ. މަސައްކަތް ކުރާ މާހައުލުގައި ހަރަކާތްތެރިވާ ކަނަބަލުންނަށް ވެރީންގެ ނަޒަރު ހުއްޓި ޝިކާރައަކަށް ވުމަކީ ޒަމާނުންސުރެ ހަމައެކަނި ދިވެހިންގެ ތެރެއިން ނޫނަސް ފެންނަމުންދާ މަންޒަރެކެވެ. އެކަނިވެރި ހަޔާތަށާއި ދަރީންނާއި އާއިލާއަށް އުލުޖާލާކަމެއް ގެނައުމުގެ އުންމީދުގައެވެ.
ދައުލަތެއްގެ އެންމެ މަތީވެރިޔާގެ ޖާރިޔާ އަކަށްވާން ނުވަތަ ހަޔާތުގެ ބައިވެރިއަކަށްވާން ބޭނުން ނުވާނެ ކަނަބަލުން ތިބޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންނަމަވެސް ކެހިވެރި ވެރިއެއް ޖަހާ މަޅިއަށް ފެެތޭނެ ނިސްބަތް އިތުރުވުމަކީ ހައިރާން ކުރުވަނިވި ކަމެއް ނޫނެވެ. ބޮޑެތި އަގުބޮޑު ހަދިޔާތަކާއި، ހަރަދު ކޮށްލާނެ ފައިސާ އެފަދަ ފަރާތަކުން ދެވޭނެ މިންވަރަށް އެހެން މީހަކަށް ނުދެވިދާނެއެވެ. ހުންނާނެ ތަނެއް ހޯދާ ދިނުމާއި ހައްސާނަކު މެދުވެރިކޮށް ފޮނުވި ސިޓީ އުރަތައް ބަރާބަރަށް ރައްދުވެއެވެ. އަބަދު ކުރިމަތީން ފެންނާނެހެން ވެރިޔާގެ އޮފީހުން ވަޒީފާ ކޮންމެ ކޮންމެ މީހަކަށް ނުވެސް ދެވޭނެއެވެ. އެހެން ނަމަވެސް އެކަން ކުރެވޭނެ ފެންވަރުގެ މީހުންވެސް ތިބޭނެއެވެ.
ދިވެހީންގެ އާންމު ކޮއްތެއްގެ ގޮތުގައި މަޝްހޫރީ ކަޅުބިލަ މަހެވެ. އެމަސް ބާނަނީ ހުސްބުޅީގައެވެ. އެހެން ގޮތަކަށް ބުނާނަމަ މަކަރާއި ހީލަތުންނެވެ. އެ މަކަރުވެރިކަން ދިވެހީންގެ ތެރޭގައި ހުރުމަކީ ދުރުކަމެއް ނޫނެވެ. އަދި އެ މަސްކާ އާބާދީއެއްގައި ކޮންމެވެސް ވަރަކަށް މާދުރަށް ނުވިސްނާ މީހުންވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ މީހުން ބުއްދިވެރީންގެ ޝިކާރަވެރިންނަށް ވެއެވެ. ބައެއް މައްސަލަތައް ބަލާ އިރު ދައުލަތުން ފޮނުވާ ސްޓޭޓް އެޓާނީންނާއި ގާތް ގުޅުންތަކެއް އުފައްދައެވެ. އަދި ބާރުވެރިކަން ލިބުމުން ދެވަނަ އަންބަކަަށް ވެސް ހަދައެވެ. މުސްހަފުން އާޔަތްތައް ކިޔާފައި ބޮނަކުއާ ފެން ފުޅިއަކަށް ރުގްޔާ ކުރެއެވެ. ގޮވައިގެން އެކަހެރި ތަންތަނަށްވެސް ވަދެއެވެ. އަރަބިބަސް ދަންނާތީ ސަލާމަތްވާނެ ގޮތުގެ ޝޯޓުކަޓު ދަސްވެފައި އޮތީ ކަމަށް ވެދާނެއެވެ. ދީނީ އިލްމުވެރިންނަކީ މަގުދައްކާދޭން ތިބޭ ބައެކެވެ. ގޯސްތައް ފޮރުވާ ފަރުދާ ކުރަން ތިބޭ ބައެއް ނޫނެވެ. ހުކުރު ހުތުބާގައި ގައުމު ހިންގަން ތިބި ވެރީންނަށް ދުއާކުރުން މިހާލަތުގައިވެސް ހުއްދަތޯ އަހާލަން މީހަކު ބުންޏެވެ.
މިއީ އާދައިގެ ލެވެލްއެވެ. ނަމަވެސް އެކަކަށް ވުރެ ގިނަ މީހުންނާއި އިނދެލައިގެން ދުނިޔޭގެ އުފާ ހޯދާލަން ބޭނުންވާ މީހުން މަދެއް ނޫނެވެ. ވެރީންގެ ފެންވަރުގައާއި ދީނީ އިލްމުވެރީންގެ ތެރޭގައި މިއީ އާންމު ކަމެކެވެ. ބަރާބަރަށް ރަނުން ރަނަށް ހަމަހަމަކޮށް ކަންކަން ފުއްދާދޭތޯ އެއީ ކުރެވޭ ސުވާލެކެވެ. ބައެއް މީހުންނަށް ނުކެރެނީއެވެ. ފޫކަހާފައި އިތުރު މީހަކާއި އިންނަތަނުން ދޮށީ އަނބި ފޫކަހާފައިދަނީ ކޯޓަށެވެ. ދިވެހިރާއްޖެއަކީ ވަރީގެ ރެކޯޑު އޮތް ގައުމެކެވެ. ޝުކުރިއްޔާއެވެ.
ފުރަތަމަ އަންހެނާއަށް ފުއްދަދޭނެ ކަމަށް ވީ ވައުދާއި އަތާއަތާއި ޖެހުމުން އޮޅުނީއެވެ. އުޅުނީ ލޯބިން ކަމަށް ހީވީއެވެ. “ލޯބިވާއެވެ. އަޅުގަނޑަކަށް ޖާރިޔާއަކަށް ވެގެނެއް ނޫޅެވޭނެއެވެ. އަޅުގަނޑު ބޭނުމިއްޔާ އަޅުގަނޑާއި އިންނާށެވެ”. ފުރަތަމަ އަންހެނާ 2.0 ނުވީ ހަމަ ކިރިޔާއެވެ. 1.0 އަށް އެނގި ފަޅާއެރި ހިސާބުން ފޯނުން ބުލޮކް ކޮށް ޗެޓުލޮގް ޑިލީޓު ކޮށްލީއެވެ. ގޮތެއް ހޯދުމަށް އެ އެކަނިވެރި އަންހެނާ އިތުރު މީހަކާއި ހިތާވެގެންވެސް ނޫޅެވުމެވެ. “ ނަން- ތިޔަކަން ހުއްޓާލާ، އެއީ އަހަރެންގެ ކަމެއް، އަހަންނާ ދޭތެރޭ ކޮންމެވެސް ވަރަކަށް ވިސްނާލާ” މި ފަދަ މެސެޖު ދެތިން މީހަކަށް ދިޔަކަމަށް ބުނާ މީހުން އެބައުޅެއެވެ.
މަސައްކަތުގެ މާހައުލުގައި ރައްކައުތެރިކަން ނެތިގެން ކޮންމެ އޮފީހެއްގައި އެފަދަ މައްސަލަތައް ހިއްސާ ކުރާނެ މޭޒެއް ހުންނާން ޖެހެއެވެ. ވިކްޓިމް ސަޕޯޓް، ވިކްޓިމް ޕްރޮޓެކްޝަން ދައުލަތުގެ ބޮސްއަށް ވާނީ ސައި ބޯނި ބޮތްކެށެވެ. ނަމަވެސް އޭނާ ދުށީ ހަގީގަތުގައިވެސް ލޯބިވީކަމަށެވެ. އަމިއްލަ ނަފުސު އެކީ ވެދުން ކޮށް ހަވާލުކުރީއެވެ. ކޮންމެހެން ފުރަތަމަ އަންހެނާ 2.0 އަކަށް ވާކަށް ނޫނެވެ. ދަރިފުޅަށާއި އެކަނިވެރިކަމަށް އަދި އާއިލާއަށް ހެޔޮގޮތްތަކެއް ހޯދާދޭށެވެ. ޒުވާން ކިތައް ކަނބަލުންނަށް މިފަދަ އަނިޔާވެރިކަން ތަހައްމަލު ކުރަން ޖެހިފައިވާނެ ބާވައޭވެސް ހިތަށް އަރައެވެ.
ޝޭހް އަކަށް ކުރެވުނު ގޯނާއަކުން މާޒީގެ ސަފުހާތަކުގައި އަންހެން ކުއްޖެއްގެ ރުއިން އިވެއެވެ. ދިވެހިރާއްޖެ ކުޑައެވެ. އާބާދީވެސް މަދެވެ. ނަމަވެސް އާބާދީއާއި ގައުމެއްގެ ނިސްބަތުން ކުރާ ގޯސްކަންތައްތައް މަދެއް ނޫނެވެ. ކުއްވެރި އަމަލުތައްވެސް މަދެއް ނޫނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ބޮޑު ސޯބުގެ ދަށުން ކުދި ސޯބު އެނބުރޭނެއެވެ. ފުރަތަމަ އަންހެނާ 2.0 ގެ ހުވަފެން ބެލި ދޮޅަހަކަށް މީހުން ތިބުމަކީ ދުރުކަމަކަށް ނުވާނެއެވެ.


