ކާބޯތަކެއްޗަށް ޖެހުމުގެ ނުރައްކާތެރި ކާރިސާއެއް

ކާބޯތަކެއްޗަށް ޖެހުމުގެ ނުރައްކާތެރި ކާރިސާއެއް

ޑޮކްޓާރސް ވިތައުޓް ބޯޑާރސް (އެމް.އެސް.އެފް) އިން ނެރުނު އައު ރިޕޯޓެއްގައި، އިސްރާއީލުން ގަސްތުގައި ގައްޒާއަށް ކާބޯތަކެއްޗާއި އެހީ އަދި ޒަރޫރީ ސާމާނު އެތެރެކުރުން ހަނިކޮށް، އެ ސަރަހައްދުގައި ކާނާއަށް ޖެހުމުގެ ނުރައްކާތެރި ކާރިސާއެއް ކުރިމަތިކުރުވާފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ތަކްލީފެއް އުފުލަންޖެހިފައިވަނީ މާބަނޑު މީހުންނާއި، ގާތުންދޭ މައިންނާއި، ތުއްތުކުދިންގެ އިތުރުން ކުޑަކުދިންނެވެ. ދިރާސާކުރެވުނު މައިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މާބަނޑު ދުވަސްވަރު އެކަށީގެންވާ ކާނާ ނުލިބުމުގެ މައްސަލަ ތަހައްމަލުކޮށްފައިވާއިރު، މީގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމާއި، އުފަންވާއިރު ކުދިންގެ ބަރުދަން ލުއިވުމާއި، ބަނޑަށް ދަރިފުޅު މަރުވުމުގެ އިތުރުން ތުއްތުކުދިން މަރުވުމުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެމް.އެސް.އެފް އިން ހާމަކުރި ގޮތުގައި މި ކާރިސާ ކުރިމަތިވީ ހަމައެކަނި އެހީ ހުއްޓުވުމުގެ ސަބަބަކުން ނޫނެވެ. އިސްރާއީލުން ވަނީ ގައްޒާގެ ކާބޯތަކެތި އުފައްދާ ނިޒާމު އެކީއެކަށް ސުންނާފަތިކޮށްލާފައެވެ. މީގެ ތެރޭގައި ދަނޑުބިންތަކާއި، މަސްވެރިކަމުގެ ބަނދަރުތަކާއި، ކާބޯތަކެތި ރައްކާކުރާ ގުދަންތަކާއި، ފެނުގެ ނިޒާމުތައް އަދި ބާޒާރުތައް ހިމެނެއެވެ. އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ގައްޒާގެ ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ބިމެއް މިހާރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ.

މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ''ގައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަށް ވެސް މި ރިޕޯޓުގައި ވަނީ ފާޑުކިޔާފައެވެ. އެގޮތުން އެހީ ފޯރުކޮށްދޭ މަރުކަޒުތަކަކީ ނުރައްކާތެރި އަދި މީހުން އިންތިހާއަށް ތޮއްޖެހިފައިވާ ތަންތަން ކަމަށް ފާހަގަކޮށްފައިވެއެވެ. އދ. އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެހީ ބަހާ ސަރަހައްދުތަކާއި އެހީ ހިފައިގެންދާ އުޅަނދުތައް ދަތުރުކުރާ މަގުތަކުން ކާބޯތަކެތި ހޯދަން އުޅުނު އެތައް ފަލަސްތީނު ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލާފައެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާއި އދ. ގެ އިސްވެރިން ތަކުރާރުކޮށް އިންޒާރު ދެމުންދަނީ، ޒަރޫރީ ތަކެތި ހުއްޓުވުމުގެ ސަބަބުން ގައްޒާގައި ބޮޑު ބަޑުހައިހޫނުކަމެއް ފެތުރިދާނެ ކަމަށެވެ. ރިޕޯޓުގައި ހަވާލާދީފައިވާ މާހިރުން ސިފަކުރައްވާ ގޮތުގައި، މި ބަޑުހައިހޫނުކަމަކީ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ނޫންގޮތެއް ނެތިގެން ދިމާވި ކަމެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ގަސްތުގައި ރޭވިގެން ހިންގާ ސިޔާސަތުތަކެއްގެ ނަތީޖާއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރިއަށްދާ މި ލާއިންސާނީ ހަނގުރާމައިގައި މިހާތަނަށް 72,600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ 90 އިންސައްތަ ވަނީ ބިމާހަމަކޮށް ސުންނާފަތިކޮށްލާފައެވެ.