ޝަހީދުވިތާ 24 ގަޑިއިރު ނުވަނީސް ދަރިއަކު ލިބިއްޖެ
ފަލަސްތީނުގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އެތައް މުސްލިމަކު ޝަހީދު ކޮށްލުމަށް އިއްޔެ ހިންގި އުދުވާނުގައި އުމުރުން 26 އަހަރުގެ ޒުވާނެއްކަމުގައިވާ ނާއިފް ސަމަރޫ ވަނީ ޝަހީދު ކޮށްލާފައެވެ. ޝަހީދު ނާއިފް ސަމާރޫ ޝަހީދުކޮށްލިތާ 24 ގަޑިއިރު ވެސް ނުވަނީސް، އޭނާގެ ފުރަތަމަ ދަރިފުޅު ނާބުލުސްގައި އުފަންވެއްޖެއެވެ.
ސިއްހީ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހޯމަ ދުވަހު އެ ސިޓީގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން މި ކުއްޖާ ވިއްސާފައިވާއިރު، މަންމަ އާއި ދަރިފުޅުގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި، މި ކުއްޖާއަށް "ޔަމަން" ގެ ނަމުން ނަން ދީފައިވަނީ އޭނާގެ ބައްޕަގެ އެދުމުގެ މަތިންނެވެ. ނާއިފް ސަމާރޫ ޝަހީދުވުމުގެ ކުޑަވަގުތުކޮޅެއް ކުރިންވެސް އޭނާ ހުރީ އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްގެނެވެ.
އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ނާއިފް ޝަހީދުވި ދުވަހު، އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް މި އައީ ބައްޕަގެ ލޯތްބާއި އަޅާލުމުން މަހުރޫމްވެފައިވާ ހާލުގައެވެ.


