މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށް މޭޔަރ އާޒިމް ގޮވާލައްވައިފި

މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށް މޭޔަރ އާޒިމް ގޮވާލައްވައިފި

މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށް މަލޭ މޭޔަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ. މޭޔަރ އާޒިމް އެހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭޑޭ" ގެ މުނާސަބަތުގައި، ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ހުރިހާ ހާލަތެއްގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދިނުމަށާއި، އެ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް ގޮވާލައްވަމުން މާލޭ މޭޔަރ ވިދާޅުވީ ދިވެހިރާއްޖޭގެ ހީވާގި، މުރާލި، ފަންނުވެރި އަދި ހިދުމަތްތެރި ހުރިހާ މަސައްކަތްތެރިންނަށް ލޯތްބާއެކު ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިދުމަތްތެރި މަސައްކަތްތެރިންނަށް ހުރިހާ ގޮތަކުން ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން މޭޔަރ އާޒިމް ވިދާޅުވީ ދުނިޔެއާއި ދިވެހިރާއްޖެ މިއަދު މިދެކޭ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ މޭސްތިރިންނަކީ މަސައްކަތްތެރިން ކަމަށެވެ. 

"ޝައްކެއްނެތް ދުނިޔެ ވެސް އަދި ދިވެހިރާއްޖެ ވެސް މި ދެކޭ ތަރައްގީއާއި ކުރިއެރުމުގެ މުގުލުގައި ތިއްބެވި މޭސްތިރިންނަކީ، މަސައްކަތްތެރިން. މިއަދު އަޅުގަނޑުމެންނަށް ފަހިވެފައިވާ ހުރިހައި ފަސޭހަތަކެއްގެ އަސްލަކީ، ހިދުމަތްތެރި މަސައްކަތްތެރިން،" މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.

އާދަމް އާޒިމަކީ އަމަލާ ބަހުން މަސައްކަތްތެރިކަމާއި މަސައްކަތްތެރިންނަށް ލޯބިކުރައްވާ ނަތީޖާ ނެރެދެއްވުމުގައި މަދުންނޫނީ ނުފެންނަވަރުގެ ނަމޫނާ ބޭފުޅެކެވެ. ފަހުގެ ތާރީހުގައި ރާއްޖޭގައި ކުރެވުނު ބޮޑެތި ގިނަ ކަންކަމުގައި އާދަމް އާޒިމުގެ މޭސްތިރިކަމާއި އަމަލީ ބައިވެރިވުމާއި ލީދަރޝީޕް ފެނިގެން ގޮސްފައިވެއެވެ.