ބެންޒިމާ އަލްހިލާލަށް ބަދަލުވުމަށް ހުރަސްތަކެއް

ބެންޒިމާ އަލްހިލާލަށް ބަދަލުވުމަށް ހުރަސްތަކެއް

ޓްރާންސްފާ މާކެޓް ބަންދުވާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ކަރީމް ބެންޒީމާ އަލް އިއްތިހާދުން އަލް ހިލާލަށް ބަދަލުވުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ކުޅިވަރާ ބެހޭ ވުޒާރާއާއި، އެ ގައުމުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ކުރިން މި ޓްރާންސްފާ ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވީ ނަމަވެސް، މިހާރު ވަނީ މި މުއާމަލާތް މަޑުޖައްސާލުމަށް ނިންމާފައެވެ.

އުމުރުން 38 އަހަރުގެ ފްރާންސްގެ ހުނަރުވެރި ފޯވާޑް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އަލް ހިލާލާ ގުޅުމަށް އެއްބަސްވެފައި އޮތް ނަމަވެސް، މިހާރު މިކަން ކުރިއަށްދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މުއާމަލާތް ލަސްވަމުންދަނީ އަލް ނަސްރަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކުރަމުންދަނީ، އޭނާގެ ކްލަބް އަލް ނަސްރަށް އައު ކުޅުންތެރިން ގެނައުމަށް އެކަށީގެންވާ އިންވެސްޓްމަންޓެއް ނުކޮށް، ވާދަވެރި އަލް ހިލާލް އިތުރަށް ވަރުގަދަކުރުމަށް ބެންޒީމާ ފަދަ ކުޅުންތެރިން ގެންނާތީ ކަމަށްވެއެވެ.

މި އަންނަ ޖޫން މަހު އަލް އިއްތިހާދާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ބެންޒީމާ ހުރީ އަލް ހިލާލަށް ބަދަލުވާން ވަރަށް ބޮޑަށް ބޭނުންވެފައެވެ. މީގެ އިތުރުން، އަލް އިއްތިހާދުން އޭނާގެ އެއްބަސްވުން އާކުރުމަށް ހުށަހެޅި ގޮތާމެދު ވެސް ބެންޒީމާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި ދަނޑިވަޅުގައި، ތުރުކީގެ ފެނަރބާޗޭ އިން ވެސް ދަނީ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ބެންޒީމާ އެ ކްލަބަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.