އަނިޔާ ކުރާފުލުހުންނަށް ހިއްވަރުދިނުމަކީ އަނިޔާއަށް ހުޅުވާލުން

އަނިޔާ ކުރާފުލުހުންނަށް ހިއްވަރުދިނުމަކީ އަނިޔާއަށް ހުޅުވާލުން

ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ ފުލުހުންނެއް ކަމަކު މީހުނަށް ބިރުދައްކަން ނޫޅޭށެވެ. ފުލުހެއްވިޔަސް އެ މީހަކަށް ލިބިއޮތް ގާނޫނީ ބާރުވެރިކަން ނަހަމަ ގޮތުގައި ބޭނުން ކުރަންޏާ އެވާހަކަ ދައްކާނެއެވެ. ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވަންވެސް މަސައްކަތް ކުރާނެއެވެ. 

ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި އަނިޔާވެރިވުމާއި ހިތުހުރި ކަމެއް ކުރުމަކަށް އެއްވެސް މީހަކަށް ގާނޫނުން ބާރު ދީފައެއް ނުވެއެވެ. މީހަކަށް ހައްގުނޫން އަދަބެއް ނުވަތަ އަނިޔާއެއް ލިބޭނަމަ އެކަމެއް ހުއްޓުވުން ކޮންމެ މީހަކަށް ގާނޫނު ލާޒިމު ކުރެއެވެ. 

ފުލުހުންނަކި ކުށުން ހުސްތޯހިރު ވެފައިވާ ބައެއް ނޫނެވެ. ބޮޑެތި ކުއްތައް ކުރުމުގައާއި ކުއްކުރުވުމުގައި ފުލުހުންނަކީ އެތައް ރެކޯޑެއް އޮތް ބައެކެވެ. ނަހަމަ ގޮތުގައި މީހުނަށް އަނިޔާވެރިވުމާއި ޒާތީ ހަސަދަ ފިލުވުމާއި ގައިރު ގާނޫނީ އަމުރުކުރުމާއި ގައިރު ގާނޫނީ އަމުރަށް ތަބާ ވުމަކީ ފުލުހުންގެ ތެރޭގައި އާއްމު ކަމެކެވެ. 

އަނިޔާކުރާ ފުލުހުން އެ ގޮތުގައި ދެމިތިބުމަށް ބާރުއަޅާ އާއްމު ރައްޔިތުންނަށް ބިރުދައްކަން ޕުލުހުންގެ މުއައްސަސާ ނިކުތުމަކީ ފުލުހުން ހިތުހުރި ކަމެއް ކުރުމަށާއި އަނިޔާވެރިވުމަށް ދެވޭ ލައިސަންސެކެވެ. ގާނޫނުގެ ނިވަލުގައި ތިބެގެން ޒާތީ ހަސަދައާއި ސިޔާސީ އުލުބޭންދުންމަށް ހުޅުވާލަދޭ ދޮރެކެވެ. 

އަނިޔާވެރި ފުލުހުންގެ ކިބައިން ފުލުހުންގެ މުއައްސަސާއަށް ލިބޭ ހުތުރު ނަމުން މުއައްސަސާ ސަލާމަތްކޮށް އިތުބާރު ކުރެވޭ ތަނަކަށް ހަދަން ބޭނުންވާނަމަ އަނިޔާ ދިފާއެއް ނުކުރާނެއެވެ. ފުލުހުން ކުރާ ނޭއްގާނި ކަންކަމުގެ ވާހަކަ ދައްކާ އާއްމު ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބިރެއް ނުދައްކާނެއެވެ. އޭގެ ބަދަލުގައި ތަހުގީގުކޮށް ފިޔަވަޅު އަޅާނީ އަނިޔާވެރިވާ ފުލުހަށެވެ.