އައިސްލޭންޑްގެ ސަރަހައްދެއްގައި އަލިފާނުގެ ކޯރުތަކެއް!

ސްވަރސެންގީގައި ގާތްގަނޑަކަށް 26 މިލިއަން ކިއުބިކް ޔާޑް ގެ ސަރަހައްދަކަށް ފެތުރިފައިވޭ

އައިސްލޭންޑްގެ ސަރަހައްދެއްގައި އަލިފާނުގެ ކޯރުތަކެއް!

އައިސްލޭންޑްގެ ހުޅަނގު ދެކުނުގައި ޑިސެމްބަރު މަހުގެ ފަހުން ފަސް ފަހަރު އަލިފާން ފަރުބަދައެއް ވަނީ ގޮވާފައެވެ. ފަސްވަނަ ފަހަރަށް ފާރގަޑޯސްފިޗް ކިޔާ އަލިފާން ފަރުބަދައެވެ. އެ ފަރުބަދަ ގޮވީ މިދިޔަ ބުދަ ދުވަހުއެވެ.

ފަރުބަދަ ގޮވުމުން ދިޔާ އަލިފާން ނުވަތަ ލާވާގެ ރަތް ކޯރުތައް ފެތުރި މަޝްހޫރު ބްލޫ ލެގޫން ޖިއޮތަމަލް ސްޕާ ހުސްކުރަން ޖެހުނެވެ. 

އެންމެ ފަސްވަނަ ގޮވުމުގެ ސަބަބުން އުފެދުނު ވިލާގަނޑު ގާތްގަނޑަކަށް 3.5 ކިލޯމީޓަރުގެ އުސްމިނަށް އަރައިގެން ދިޔައެވެ. އޭގެ ސަބަބުން 1 ކިލޯމީޓަރަށް ވުރެ ދިގު ކަމަށް ލަފާކުރެވޭ ފިޝަރެއް އުފެދި ކަމަށް އައިސްލޭންޑުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބުދަ ދުވަހު އެ ސަރަހައްދުގެ ފެސިލިޓީތައް ހުސްކޮށްފައިވާ ކަމަށް އައިސްލޭންޑްގެ އެންމެ ބޮޑު ޓޫރިސްޓް އެޓްރެކްޝަން ކަމަށްވާ ބްލޫ ލެގޫން އިން ބުންޏެވެ.

30،000 މީހުންނަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ހުންނަ އިންޖީނުގެއެއް ހުންނަ ސަރަހައްދެއް ކަމަށްވާ ސްވަރސެންގީގެ ތިރީގައިވާ އަލިފާނުގެ ކޯރުތައް ގާތްގަނޑަކަށް 20 މިލިއަން ކިއުބިކް މީޓަރު (26 މިލިއަން ކިއުބިކް ޔާޑް) ގެ ސަރަހައްދަކަށް ޖަމާވެ ފެތުރިފައިވާ ކަމަށް ބުންޏެވެ.

ގޮވި އަލިފާން ފަރުބަދައާއި ކައިރި ސަރަހައްދެއްގައި އޮންނަ ގްރިންޑަވިކް ޓައުންގެ 4000 މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ނޮވެމްބަރު މަހު ދާއިމަށް އެ ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.