ދަރިން ތަރުބިއްޔަތު ކުރުމަށް އަގުބޮޑު އެއްޗެހި ބޭނުމެއްނުވޭ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް

ދަރިން ތަރުބިއްޔަތު ކުރުމަށް އަގުބޮޑު އެއްޗެހި ބޭނުމެއްނުވޭ.

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަމާއެކުއެވެ. ކުށެއްނެތް މައުސޫމް ހާލުގައެވެ، މައިންބަފައިންގެ އުއްމީދަކީވެސް އެދަރިފުޅު ލޯތްބާއި އޯގާތެރިކަމާއެކު ދޭންޖެހޭ ހުރިހާ ތަރުބިއްޔަތެއްދީގެން ބަލާ ބޮޑުކުރުމެވެ. މައިންބަފައިން މުސްކުޅިވެ އެހީއަށް ބޭނުންވާދުވަހު އެދަރިންގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ލިބުމެވެ. އެހެންނަމަވެސް މިދެންނެވި އުއްމީދުތައް ހާޞިލްވަނީ ކިތައްމީހުންނަށް ބާވައެވެ. ހިތްހަމަޖެހިލައިގެން ތިބާގެ ދަރިފުޅުގެ ވާހަކަދައްކާލުމުގެ ފުރުސަތު ލިބޭހެއްޔެވެ. މިއީ މިއަދު އެންމެންވެސް ދައްކާ ވާހަކައެވެ. ކުރަމުން އަންނަ ސުވާލެވެ.

ދަރިންގެ ތަރުބިއްޔަތުގެ ފެށުން

ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ދަރިންގެ ތަރުބިއްޔަތުފެށޭނީ އެ ދަރިފުޅު ދުނިޔެއަށް އުފަންވުމަށް ފަހުކަމަށެވެ. ދަރިފުޅަށްޓަކައި ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް ކުރަން ފަށަންޖެހޭނީ ދަރިފުޅު ލޮލަށްފެނި އަތަށް ލިބޭ ހިސާބުން ކަމަށެވެ. އެހެންނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. މައިމީހާގެ ރަހިމުގައި ދަރިފުޅު ޣަރުބަގަތީއްސުރެ އެދަރިފުޅަށްޓަކައި ހާޞިލްކުރަން ބެނުންވާ އުއްމީދުތައް ފަށަންޖެހެއެވެ.

އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކުރުމާއި ދުޢާކުރުމާއި ފައިދާހުރި ރަނގަޅުކާނާ ކެއެއުމާއި ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި މިފަދަ ކަންކަމަކީވެސް ދަރިފުޅަށްދެވޭ ތަރުބިއްޔަތާއި ލޯތްބެވެ.

ދަރިފުޅު އުފަންވުން.

ކޮންމެ އާއިލާއަކަށްވެސް ދަރިޔަކު އުފަންވާ ދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. ޚާއްޞަކޮށް އެދަރިފުޅުގެ މަންމަޔާއި ބައްޕަޔަށް އެއީ އީދެއްފަދަ ދުވަހެކެވެ. އަދި އެދަރިފުޅާއިމެދު ހަމައެދުވަހުންފެށިގެން ވިސްނަން ފަށައެވެ. ދަރިފުޅު ގެންގުޅޭނެ ގޮތާއި ތަރުބިއްޔަތު ކުރާނެ ގޮތެވެ. ލައްވާނެ އަންނައުނާއި ކާންދޭނެ އެއްޗެއްސާއި މެދުގައެވެ. ކުޅެން ހޯދާނެ ކުޅޭއެއްޗެއްސާއި ކޮޓަރި ތައްޔާރު ކުރާނެގޮތެވެ. އަދި މިނޫންވެސް މިފަދަ އެތައްކަމެކެވެ. ޚާއްޞަގޮތެއްގައި ދަރިފުޅަށް އުގަނަނައިދޭނެ ގޮތަކާމެދުގައެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް.

އަޅުގަނޑުމެންގެ ތެރޭގައި ކިޔަވައިގެން ތިބި މީހުން ގިނަ ނަމަވެސް ވިސްނުން ތަރައްގީވެފައިވާ މީހުންގެ އަދަދު ނިސްބަތުން ގިނައޭ ބުނެވޭކަށް ނެތެވެ. މިކަން އެންމެ ބޮޑަށް ހާމަވަމުންދަނީ ދަރިންގެ ތަޢުލީމަށް ބިންގާ އަޅާ ހިސާބުންނެވެ. ކޮންމެ މަންމައަކާއި ބައްޕައެއްގެ އުއްމީދަކީވެސް ދަރިފުޅު ޢިލްމީ ގޮތުން ޤާބިލް ކުއްޖަކަށް ހެދުމެވެ. މިކަމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމަކަށް ތައްޔާރުވާން އެބައެއްގެ ފެންވަރުން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އަދިވެސް ގިނަ ބެލެނިވެރިންނަށް ވިސްނާނުލެވޭ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަމެވެ. ވަކި މީހަކަށް ހެދުމަށް ނުވަތަ ވަކި މީހެއްގެ ދަރިޔަކާ އެއްހަމަ ކުރުމަށް އުގަންނައިދޭން ވިސްނާ ވިސްނުމެވެ. ސްކޫލްގެ އެންމެ މަތީ ވަނަތައް ހާޞިލް ކުރުމަށް ދަރިފުޅަށް ކުރާ މަޖުބޫރެވެ. އަދި ވަކި ފެންވަރެއްގެ ނަތީޖާއެއް ނުލިބިއްޖެނަމަ އެދަރިފުޅުދެކެ ރުޅިއައުމާ އެދަރިފުޅަށް ބައެއްފަހަރު ކޮށްދޭން ބުނާކަންކަން ނުކޮށްދީ އަދި ބައެއް ހާލަތްތަކުގައި ދެވޭ އަދަބު ތަކެވެ. މީ ވަރަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކިކުދިންގެ ވިސްނުން ތަރައްގީވަމުން އަންނާނީ އެކިވަރަށެވެ. އެކިކުދިން ހެދިބޮޑުވަމުންވެސް އަންނަނީ އެކިވަރަށެވެ. ދިރިއުޅުމުގެ މާހައުލާއި ކާނާއާއި މާލީ ހާލަތާއި ބަސްމޮށުންތެރިކަމާއި ޢިލްމީ ޤާބިލްކަން އަދި ތަފާތު ހުނަރުތައް އެކި އާއިލާތަކަށް ލިބިފައިވާނީވެސް އެކިވަރަށެވެ. ވުމާއެކު ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފެންވަރުން އުގަންނައިދޭން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކޮންމެ ބެލެނިވެރިޔަކަށްވެސް ކޮށްދެވިދާނެ ކަންކަން.

ޢިލްމީ ޤާބިލްކަން އުފައްދައި ދަރިން ތަރުބިއްޔަތު ކުރުމުގައި އަގުބޮޑު ނުވަތަ މަޝްހޫރު ބްރޭންޑްތަކުގެ އެއްޗެހި ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ދެވިދާނެ މާއަގުބޮޑު އެއްޗެހި އެބަހުއްޓެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި: މައިންބަފައިންގެ ރުހުމާއި އިތުބާރު އޮތްކަން ހާމަ ކުރުމަށްޓަކައި އެކުގައި ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހޭދަކޮށްލުން، ހުސްވަގުތު ލިބޭވަރަކުން ބޭރަށް ނިކުމެ މާހައުލު ބަދަލުކޮށްލުން، ކަންކަމުގައި ހިތްވަރުދީ އުއްމީދު އުފައްދައި ދިނުން، ކުރެވޭ ނުރަނގަޅު ކަންތައްތަކަށްވުރެ، ރަނގަޅު ކަންކަން ބޮޑަށް ފާހަގަކުރުން، ބިރުދައްކައިގެން، މަޖުބޫރުކޮށްގެން  އަދި ހަދިޔާ ދީގެން ކަންކަން ކުރުވުމުގެ ބަދަލުގައި ވިސްނައިދީގެން ރުއްސައިގެން ކަންކަން ކުރުވުން، ކުދިންގެ ވާހަކަ ކަނުލާ އަޑުއެހުމާއި ކަންކަން ހިއްސާކުރުން. އަދި ނިދުމުގެ ކުރިން ދަރިފުޅު ގަޔާވާކަހަލަ މެސެޖެއް ދަރިފުޅަށް ރައްދުކުރުން ހިމެނެއެވެ. މިފަދަ ކަންކަމަކީ ދަރިފުޅާ ބެލެނިވެރިންނާދޭތެރޭ ބަދަހި ގުޅުމެއް އުފެދުމުގެ އިތުރުން ދަރިފުޅުގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ލިބޭ ހިތްވަރު އިތުރުވެގެން ދާނެ ކަންކަމެވެ. އަދި މީ ދަރިފުޅުގެ އުގެނނުމަށްވެސް ކޮށިގެންދާ މަގެކެވެ.