ޕާކްކުރެވެން އޮތް ހުރިހާ ތަނެއް ސްލޮޓް ވިއްކާ ހުސްކޮށްފި

ޒޯނުން ބޭރުގައި ޕާކްކުރަނީ މުއިއްޒުގެ ޕާކިންގ ސްލޮޓް ވިޔަފާރި ބޮޑުވެގެން

ޕާކްކުރެވެން އޮތް ހުރިހާ ތަނެއް ސްލޮޓް ވިއްކާ ހުސްކޮށްފި

މާލެސިޓީއަކީ މުއިއްޒު ބޭނުން ގޮތަކަށް މޮޑޭން އޮތް ފުއްގަޑެއް ނޫނެވެ. މާލެ ސިޓީއަކީ ދިވެހި ސަރުކާރުގެ އިހުތިސާސުން ބޭރުގައި އޮތް ތަނެއް ވެސްނޫނެވެ. މާލެ ސިޓީއަށް ވެސް ހިނގާނީ ދިވެހި ސަރުކާރުގެ ސިޔާސަތާއި އުސޫލެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ އާރެއް ބާރެއް މުއިއްޒަކަށް ނުއޮންނާނެއެވެ. މާލެ ސިޓީގެ މިލްކްވެރިއަކީ މުއިއްޒެއް އެއްނޫނެވެ. ދިވެހި ދައުލަތެވެ.

މާލެ ސިޓީގެ ކަންކަން ކުރަންޖެހޭ ގޮތާއި ކުރެވެން އޮތްގޮތް ކަނޑައަޅާނީ ދިވެހި ސަރުކާރުންނެވެ. ސިޓީ ކައުންސިލަކީ ސަރުކާރުގެ ސިޔަސަތާއި އެއްގޮތަށް މާލެ ސިޓީގެ ކަންކަން ހިންގާ ދިނުމަށް ރައްޔިތުން އިންތިހާބު ކުރާބައެކެވެ.

އެހެނެއް ކަމަކު ސިޓީ ކައުންސިލަކީ ފެޑެރަލް ސަރުކާރެއް ކަމުގެ އިހުސާސް މުއިއްޒަށް ކުރެވި ތަނެއް ދޮރެއް ނުބަލާ ބިންތައް ކުއްޔަށް ދިނުން ފަދަ މުޅި ނިޒާމް ގަޑުބަޑުވާ ޒާތުގެ ކަންކަން ކުރުމަކީ މުއިއްޒުގެ އާދައަކަށް ހަދައިފިއެވެ. އަސާސީ ހިދުމަތާ ގުޅުން ހުރި ކަންކަމުން ވެސް އަތްގުޅި ނުކާވަރުގެ އަގު އެބަ ނަގައެވެ.

މާލެ ސަރަހައްދުގައި ބިން ހިއްކުމާއި އެ ނޫންވެސް ބޮޑެތި ބޮޑެތި ކަންކަން ކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަންކަމެވެ. ގުދުރަތީ ބިމަކަސް، ހިއްކި ބިމަކަސް، ބިމަކަށް ވުމަށްފަހު އެ ބިމުގެ މިލްކްވެރިކަން މާލޭ ސަރަހައްދުގައި އޮންނަން ޖެހެނީ މުއިއްޒަށެވެ. ހިތުހުރި ވަރަކަށް ކަޓް ނަގައިގެން ހިތުހުރި ތާކުން ޕާކިންގ ވިއްކަނީއެވެ. ނަރީޝްމެންގެ ޖީބަށް މިލިޔަން ރުފިޔާ ވައްދައިގެން ބިން ދޫކުރެވޭނީ ގިނަގިނައިން ކަނިވާ ސަހައްދު ކަހަލަ ބިންތަން ސިޓީކައުންސިލަށް އޮވެގެންތާއެވެ.

ހަމަތެދެކެވެ. މަގުބަންދު ބޯޑެއް ވެސް ބަހައްޓާލެވެނީ މުއިއްޒު ބުނާ ވަރަކަށް ފައިސާ ދީގެންނެވެ. މަގު ބަންދު ކުރަން ހުއްދަ ނަގަން ޖެހެނީ ވަކި ހަމައެއްގެ މަތިން ތަރުތީބެއް ހިފެހެއްޓުމަށެވެ. ހިނގާ ބިނގާވެ އުޅެ މީހުންނާއި ދުއްވާ އެއްޗިއްސަށް ވީހާވެސް ތަކުލީފް ކުޑަކޮށް ދިނުމަށެވެ. މަގުބަންދު ބޯޑަށް ނަގާ ބޮޑު އަގަކުން މަގު ބަންދު ކުރުމުން އާއްމުން އުފުލަން ޖެހޭ ތަކުލީފް ކުޑައެއް ނުވެއެވެ. އަގެއް ނުނެގިޔަސް މަގު ބަންދު ކުރަން ހުއްދަ ދެވޭނެއެވެ. އެކަމަކުން ލޯލާރިއެއް ވެސް ސިޓީ ކައުންސިލަކަށް ނުގެއްލޭނެއެވެ. މަގު ބަންދު ހުއްދަދިނުމުގައި އުޅޭ މީހުނަށް ދައުލަތުން މުސާރަ ދެއެވެ. ކައުންސިލުން ދޭންޖެހޭ ހިދުމަތް ދިނުމަށް ބަޖެޓް އޮވެއެވެ.

ކަރަންޓާއި ފެނާ ނަރުދަމާއާއި ކެބަލްޓީވި ފަދަ ހިދުމަތްތައް ދިނުމާއި ގުޅިގެން މަގެއް ކޮނުމާއި ޖަގްޝަނެއްގެ މަތި ނެގުން ފަދަ ކަމަކަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލަށް ބޮޑު އަގެއް ނަގަން ޖެހޭ ސަބަބެއް ނެތެވެ. އެކަމަށް ނަގަފައިސައަކުން މަގުމަތި ބެނުންކުރާ މީހުން އުފުލަންޖެހޭ އުދަނގުލަކަށް ލުޔެއް ނުލިބެއެވެ. ކަރަންޓްގެ ހިދުމަތާ ގުޅިގެން ނަގާ ހުއްދައަށް ސިޓީކައުންސިލަށް ފައިސާ ނެގެނީ ސްޓެލްކޯ އަކުން ނޫނެވެ. މާލޭ މީހާގެ ޖީބުންނެވެ. މުއިއްޒު ކުރަންވީމާ އެކަންކަން އޯކޭއެވެ.  

މާލެތެރެއިން ބޮޑެތި އަގު ތަކުގައި ޕާކިންގ ސްލޮޓް ވިއްކާ އާއްމުކޮށް ޕާކްކުރެވެން އޮތް ހުރިހާ ތަނެއް މުއިއްޒުގެ ވިޔާފަރިއަކަށް ހެދީމާ ޕާކްކުރާނެ ތަން ހުސްވެއެވެ. ވަކިވަކި މީހުންގެ ވަގުފު ބިންކޮޅުތައް ގިނަވެ ލާރިނެތް މީހާ ޕާކް ކުރާނޭ ތަނެއް ނޯވެއެވެ. އެއްގަމު އުޅަނދު ޕާކު ކުރެވޭނެ ފުރިހަމަ އިންތިޒާމް ތަކެއްނެތީ މާލޭގެ މަގުތަކަކީ މުއިއްޒުގެ ވިޔަފާރި މުދަލަކަށް ހެދުމުންނެވެ. 

ބޮޑުއަގުގައި މާލޭން ޕާކިންގ ސްލޮޓް ވިއްކައިގެން އާއްމު ޕާކިންގ އޭރިޔާތައް ހުސްކޮށްގެން ހުރެ ފާޑުފާޑުގެ ގޮވާލުން ގޮވާލާކަށް މުއިއްޒު ތާހިރެއް ނޫނެވެ. މާލޭގެ އާއްމު ސަރަހައްދުތަކުގައި ވަގުފުބިމުގެ ގޮތުގައި ބޮޑު އަގު ނަގައިގެން ވަކިބަޔަކަށް ބިންތަކެއް ހާއްސަކޮށްފައި އޮތުމުން އާއްމުކޮށް ޕާކްކުރާނެ ތަނެއް ނޯވެއެވެ. ޒޯނުން ބޭރުގައި ގިނަ ބަޔަކަށް ޕާކްކުރަން ޖެހެނީ މުއިއްޒު ޕާކިންގ ސްލޮޓްގެ ވިޔަފާރި ފެށުމުންނެވެ. މުއިއްޒުގެ ޕާކިންގ ސްލޮޓް ވިޔަފާރި ބޮޑުވެގެންނެވެ. ޕާކިންގ ސްޓިކާރގެ ވާހަކަ ދެއްކުމުގެ ކުރިން ސިޓީ ކައުންސިލުން އާއްމު ހިދުމަތަށް ހޯދާ ހުއްދަ ތަކަށް ނަގާ އަގުނެގުން ހުއްޓާލާފާ އެހެން ބައެއްގެ ވާހަކަ ދައްކަބަލާށެވެ.