ނަޝީދު ކާމިޔާބު ކޮށްފިނަމަ އެމްޑީޕީއަށް ވެރިކަން ގެއްލޭނެ

ބައެއް މީހުން ތިމާމެން ހިމެނޭ ސަރުކާރު ވައްޓާލައިގެން މިހާރު ނުލިބޭ މޮޅެއް ލިބިދާނެކަމަށް ހީކުރޭ

ނަޝީދު ކާމިޔާބު ކޮށްފިނަމަ އެމްޑީޕީއަށް ވެރިކަން ގެއްލޭނެ

ރައީސް ނަޝީދު ބާއްވާ ޕްރައިމަރީ އެއްވުން ތަކުގައި ގިނަ އަދަދަކަށް ޕީޕީއެމް ސަޕޯޓަރުން ބައިވެރި ވާތީ އެބަ ފެނެއެވެ. ޕީޕީއެމުން އެހާވަރަކުން ނަޝީދަށް ޕްރައިމަރީ ކާމިޔާބު ކޮށްދޭން މިއުޅެނީ ކީއްވެގެން ހެއްޔެވެ. ޓްވިޓަރއާއި ސޯޝަލް މީޑިއާގެ އެހެނިހެން އޮޅިތަކުގައި ހެސްކިޔާފައި ޕީޕީއެމުން ނަޝީދަށް ތައުރީފްކޮށް ޕްރަމޯޓް ކުރާ ސަބަބާ މެދު ވިސްނާލުން ބުއްދިވެރިއެވެ. ނަޝީދަކީ ހަމަ އެމީހުން އެހާ ލޯބިވާ މީހަކީ ހެއްޔެވެ. ނަޝީދަށް ވެރިކަން ލިބިގެން ޕީޕީއެމަށް މޮޅުތަކެއް ވާން އޮތީ ހެއްޔެވެ. ނޫނެކެވެ.

އެމްޑީޕީގެ ޓިކެޓްގައި ރައީސް ނަޝީދު ރިޔާސީ އިންތިހާބަށް ނިކުންނަވައިފި ނަމަ ފަސޭހަކަމާއެކު ބަލިކޮށް ލެވޭނެ ކަން އެ މިީހުނަށް ކަށަވަރުވެއެވެ. އެހެން ކަމުން ހެދުނު އެއްޗެއް ހަދައިގެން އެމްޑީޕީގެ ޕްރައިމަރީ ނަޝީދަށް ކާމިޔާބުކޮށް ދެވެން އޮތް ގޮތަކަށް ކާމިޔާބު ކޮށްދޭން ޕީޕީއެމް ލީޑަރޝިޕް މަސައްކަތް އެބަކުރެއެވެ. ކުރާނެވެސް މެއެވެ.

އާނއެކެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ލޯބި އޮތް ބޭފުޅެކެވެ. އެހެނެއް ކަމަކު މުޅި އެމްޑީޕީ އެއްކޮށް ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވޯޓު ދިނަސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވޭ ވަރަކަށް ވޯޓެއް ލިބި ވަޑައެއް ނުގަންނަވާނެއެވެ. މަރަށް ފުރާނައަށް ވެސް ރާއްޖޭގެ ވޯޓުލާ އާބާދީގެ ސާޅީހަކަށް ޕަސެންޓަށް ވުރެ ބޮޑު އެއްޗެއް އެމްޑީޕީއަކަށް ނުހޯދެއެވެ. އެހެން ޕާޓީތައް އުޅެނީ އެ އަށްވުރެ ދަށުގައެއެވެ. %50 އަށް ވުރެ އިތުރަށް ވޯޓު ހޯދަން އެމްޑީޕީން ވެސް އެހެން ބައެއްގެ އެހީތެރިކަން ހޯދަން ޖެހެއެވެ. 2008 ގައި އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ ވަތަން އެދޭ އިއްތިހާދުންނެވެ. 2018 ގައި %68 އިންސައްތަ ލިބިގެން ވެރިކަމަށް އާދެވުނީ ވެސް ބޮޑު ކޯލިޝަނަކުންނެވެ.

2013 އަކީ ރައީސް ނަޝީދުގެ އެންމެ ޕޮޕިއުލާ އަހަރެވެ. ނަޝީދުގެ ވެރިކަން 2012 ގައި ވެއްޓުމާ ގުޅިގެން މުޅި އެމްޑީޕީއާއި އެމްޑީޕީއަށް ހެޔޮއެދޭ މިހުންނާއި ހަމްދަރުދީގެ ވޯޓުން ވެސް ރައީސް ނަޝީދަށް 2013 ވެރިކަން ނުހޯއްދެވުނެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުންނަ ގޮތުން ސިޔާސީ ބުރަދަނެއް ހުރި އެއްވެސް ޕާޓީއަކުން ނުވަތަ ޖަމާއަތަކުން ރައީސް ނަޝީދަށް އިތުބާރެއް ނުކުރެއެވެ. ވެރިކަމަށް ވަޑައިގަތުމުގައި އެހީތެރިކަން ދޭ އެއްވެސް ބަޔަކަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކަމޭ ހިއްތެވުން ނެތުމުގެ ތަޖުރިބާ ހުރިހާ ސިޔާސީވެރިން ވަރަށް ރަނަގަޅަށް ތިބީ ކޮށްގެނެވެ. ގިނަ ސިޔާސީވެރިން ތިބީ އެއްގޮތެއް ނެތަސް ރައީސް ނަޝީދާ ބައިއަތު ހިފާ ގޮތަކަށް ނޫނެވެ. އަމްދުން ރައިސް ސާލިހުގެ ސަރުކާރާއި މެދު ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްމަގު ބަހައްޓަވާ ގޮތުން ރައީސް ނަޝީދަށް އިތުބާރު ކުރާނެ އެއްވެސް ސިޔާސީ ޕާޓީއެއް އަދި ޖަމާއަތެއް ރާއްޖެއަކު ނެތެވެ.

ރައީސް ނަޝީދު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި ނަމަ އެމްޑީޕީ އެކަނި ނިކުމެ ގަނަތެޅި ޕާޓީގައި އޮތްވެރިކަން ގެއްލުން ނޫންކަމެއް ނުވާނެއެވެ. ރައީސް ނަޝީދަށް ޓިކެޓް ދީގެން އެމްޑީޕީ ވާދަކުރަން ނިކުންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ވަންޏާ ވާނީ މުއުޖިޒާތަކުންނެވެ. ރައީސް ނަޝީދަށް ތާއީދުކޮށް ޕްރައިމަރީ ހޯދަދޭން އުޅޭ އުޅުމުން އެމްޑީޕީގައި އޮތް ވެރިކަން ގެއްލުން ނޫން ކަމެއް ނުވާނެއެވެ.

އެންމެ އަޖައިބު ކަމަކީ ރައީސް ސާލިހު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކޮށްފައި ތިބި ސިޔާސީ ވެރިންގެ ތެރެއިން ބައެއް މީހުންނަށް ކުރެވޭ ނުކުރެވޭ ކަން ނޭގުމެވެ. ރައީސް ސާލިހުގެ އެމްޑީޕީ ސަރުކާރުން އެ މީހުނަށް ލިބިފައިއޮތް މަގާމު ނަގާލަން އަމިއްލައަށް މަސައްކަތް ކުރާކުރުމެވެ. އެމްޑީޕީއަށް އޮތް ވެރިކަން ގެއްލި އެ މިީހުން އެތިބި މަގާމު ގެއްލި އަމިއްލައަށް މަގުމަތިވާން އުޅޭ އުޅުމެވެ. ތިމާމެން ހިމެނޭ ސަރުކާރު ވައްޓާލައިގެން މިހާރު ނުލިބޭ މޮޅެއް ލިބިދާނެކަމަށް ހީކުރެވޭ ހީކުރުމެވެ. ޕާޓީގައި ކިތަންމެ ތާއިދު ބޮޑަސް ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ވެރިކަން ދޭން ބޭނުން ނުވާ އަދި އެހެން ސިޔާސީ ވެރިން އެއްގަލަށް ނާރާނެ މީހަކަށް ވެރިކަން ލިބޭނެ ކަމަށް ހިސާބު ޖަހާޖެހުމެވެ. ނަޝީދު ވެރިކަމަށް ގެންނަން ތާއީދުކޮށްގެން ތިމާއަށް ލިބިލިބި އޮތް މޮޅުން އަތް ދޮވެލާ އަނެއްކާ ވެސް މަގުމަތިވާން އުޅޭ އެމްޑީޕީގެ ސިޔާސީ ވެރިންގެ މޮޔަކަމާއެވެ.