މުއިއްޒުގެ މައްޗަށް ނަޝީދަށް ފަސޭހަކަމާއެކު ކުރި ހޯއްދެވިދާނެތަ!
ރައީސް ނަޝީދަށް ޓިކެޓް ދީގެން ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާދަކުރުމަކީ ކޮށިވިސްނުމެއް
އެމްޑީޕީއަށް ނިސްބަތްވާ މީހުންނާއި އެމްޑީޕީއަށް ތާއިދުކުރާ މީހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެން ދޭނެ މީހަކާ ދޭތެރޭގައި ވަރަށް ބޮޑަށް ދަނީ ވިސްނަމުންނެވެ. އެގޮތުން ބައެއް މީހުންދެކޭ ގޮތުގައި މިފަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަ ކުރައްވަން އެންމެ ލާއިގު ބޭފުޅަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ރިޔާސީ ރޭހަށް ނިކުންނަވައިފި ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ ކަމަށް އެ މީހުން ގަބޫލުކުރެއެވެ.
އަނެއްބަޔަކު ދެކޭގޮތުގައި ރައީސް ނަޝީދަށް އިންތިހާ ކާމިޔާބު ކުރެއްވުމަކީ ވުމަށްވުރެ ނުވުމާ ގާތް ކަމެކެވެ. އެމަނިކުފާނުގެ މޫސުން ފަސްދީފިކަމަށް ދެކޭމީހުންވެސް މަދެއްނޫނެވެ. ރައީސް ނަޝީދަށް ޓިކެޓް ދީގެން ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާދަކުރުމަކީ ވަރަށް ކޮށި ވިސްނުމެއްކަމަށް ދެކޭ މީހުންވެސް ބައިވަރެވެ. ކޮންމެ ހެނެއްވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މައުމޫނުގެ 30 އަހަރުގެ ވެރިކަމަށްފަހު، ރައްޔިތުން ބޭނުންވީ ބަދަލެކެވެ. އެ ވަގުތު ކޯލިޝަނެއްގެ އެހީތެރިކަމާއެކު އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ނަސީބު ލިބިވަޑައިގަތީ ނަޝީދަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ކަންތައްތަކެއް ކުރެވި، ރައްޔިތުންގެ ތަރުހީބު ލިބުނެވެ. ނަމަވެސް، އޭގެ މާނައަކީ މިއްޔަކީ 2008ގެ ހާލަތެއް ނޫނެވެ. 2013 އެއްވެސް ނޫނެވެ. އޭރު އޮތް ތަރުހީބު އަދިވެސް އެގޮތުގައި އެބައޮތޭ ބަޔަކަށް ހީވިޔަސް އެއްޔަކީ ތެދެއް ނޫނެވެ.
ރައީސް މުއިއްޒުގެ މައްޗަށް ނަޝީދަށް ފަސޭހަކަމާއެކު ކުރިހޯއްދެވިދާނެ ކަމަށް ހީނުކުރާށެވެ. ނަޝީދު ކުރިމަތިލައްވައިފިނަމަ، މާ އިތުބާރު ހުރި އެހެން ކެންޑިޑޭޓަކު ފެންމަތިވުމުގެ ފުރުސަތު ބޮޑެވެ. ނަޝީދުގެ ސިޔާސީ ހަޔާތުގައި ފާޑުކިޔުން އަމާޒުވާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި ދިވެހިން ބަލައިނުގަންނަ، ނުވަތަ ހިތްހަމަނުޖެހޭ ފަދަ ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ފާޅުގައި ދައްކަވާފައިވާ ވާހަކަތަކަކީ ރައީސް ނަޝީދުގެ އެންމެ ބޮޑު ބަލިފައެވެ.
އެމްޑީޕީގެ މަދު އެކްޓިވިސްޓުން ކޮޅެއް ފިޔަވައި، އެ ޕާޓީގެ ގިނަ ސަޕޯޓަރުން ބޭނުންވަނީ ނަޝީދު އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއަކާ ކުރިމަތިލެއްވުމުގެ ބަދަލުގައި، ޕާޓީގެ ތެރޭގައި ހުންނަވައިގެން ގައުމު އިސްލާހުކުރުމަށާއި، ވެރިކަން ހިންގުން ހަރުދަނާކޮށް، އެމްޑީޕީގެ ސަރުކާރެއް މެދުވެރިކޮށް ރައްޔިތުންނަށް " ހައްގު މިންވަރު" ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމަށެވެ.


