ސަލާމަތުން އޮތް ދެ ކުންފުނި ވެސް ލޫޓުވާލަން މުއިއްޒު ތައްޔާރުވަނީ
މުއިއްޒު ވެރިކަމުގައި އެޗްޑީސީ އާއި ސްޓެލްކޯ ނޮޅާލައި އެސްޓީއޯ އިނދަޖައްސާލައި އެއަރޕޯޓްސް ކޮމްޕެނީ ބޮއްސުން ދުއްވާލައިފި
ޒަމާނުއްސުރެ ރާއްޖޭގައި އެންމެ ރަނގަޅަށް އޮތް ދައުލަތުގެ ކުންފުނިތަކަކީ ބީއެމްއެލް އާއި އެސްޓީއޯއާއި އެއަރޕޯޓްސް ކޮންޕެނީއާއި އެޗްޑީސީއާއި ސްޓެލްކޯއާއި ދިރާގާއި އެމްޑަބްލިޔުއެސްސީ ކަމުގައި ބުނެވިދާނެއެވެ. އޭގެތެރެއިން ދިރާގާއި އެމްޑަބްލިޔުއެސްސީ ގެ ހިއްސާ ބޭރުގެ ފުދުންތެރި ކުންފުނިތަކަކަށް ވިއްކާލުމުގެ ސަބަބުން އެކުންފުނިތަކުން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ވަނީ ގެއްލިފައެވެ.
އެނޫން އެހެން ކުންފުނިތަކުގެ ކޮންޓްރޯލް ސަރުކާރަށް އޮތުމުން އެއިރަކު ސަރުކާރު ހިންގަން ތިބި ބަޔަކު ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑު ތަކަކަށް އެކުންފުނިތައް ވެފައިވާކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެހެން ކަމުން އެއިރަކު ސަރުކާރުން ބޭނުންވާ ކުޅިއެއް އެކުންފުނިތަކުގައި ކުޅެއެވެ.
ދައުލަތުގެ ކުންފުނިތައް ސަރުކާރު ދިފާއުކުރާން ގެންގުޅޭ އައްޑަނަތަކަކަށް އޮންނަނީ ހަދާފައެވެ. ކުންފުނިތަކުގެ ބޯޑު ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްގެން ސަރުކާރުގެ ވިދުބައްދާ ފުޓުނިގަނޑަކަށް އެ ކުންފުނިތައް ވަނީ ވެފައެވެ. ކުންފުނިތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ނާޖާއިޒު ސިޔާސީ މަންފާ ހޯދާ ތަންތަނުގެ ގޮތުގައި ދައުލަތުގެ ކުންފުނިތައް ވަނީ މަޝްހޫރުވެފައެވެ.
މުއިއްޒު ވެރިކަމުގައި އެކަން ހައްދު ފަހަނަ އަޅާގޮސް ދައުލަތުގެ ހުރިހާ ކުންފުންޏެއް ބަނގުރޫޓުވާ ހިސާބަށް ކަންކަން ވަނީ ދުއްވާލާފައެވެ. ގައުމީ ބޭންކްގެ ޗެއަރމަނަކަށް ރައީސް އޮފީހުގެ އެންމެ ބާރުގަދަ ސިޔާސީ އެކަކު ލައިގެން ބޭންކްގެ ބާރުވެރިކަން ރައީސްގެ އުނގުތެރެއަށް ގެންދިޔައިމާ ވާނެގޮތް ހިތައް އަރުވާލާށެވެ.
މުއިއްޒު ވެރިކަމުގައި އެޗްޑީސީ އާއި ސްޓެލްކޯ ނޮޅާލައިފިއެވެ. އެސްޓީއޯ އިނދަ ޖައްސާލައިފިއެވެ. އެއަރޕޯޓްސް ކޮމްޕެނީ ރޫޅާލާ ބޮއްސުން ދުއްވާލައިފިއެވެ. މުއިއްޒު ސަރުކާރު ހިންގުމުގައި ގެންގުޅޭ ދޯހަޅި ގަބު އުސޫލުތަކުގެ ސަބަބުން ރިޒާވް ދޮވެނުލާ އެންމެ ކުންފުންޏެއްވެސް ސަރުކާރުގެ ކޮންޓްރޯލުދަށުގައި ނެތެވެ.
އެންމެފަހުން އެދިމާ ކުރަނީ ދިރާގާ އެމްޑަބްލިޔުއެސްސީ އިރާވީދާ ކުދިކޮށްލާށެވެ. ސަރުކާރުގެ ނުފޫޒުން ބޭރުގައި ރަނގަޅު ތަރުތީބަކުން ހިދުމަތް ދެމުންގެންދާ ކާމިޔާބު ދެ ކުންފުނި މުއިއްޒަށް ނޮޅާލެވެން އޮތީ ބޭރު ކުންފުނތަކުގައި އޮތް ހިއްސާ ސަރުކާރަށް އަނބުރާލައިގެންނެވެ. އަމިއްލަ ވަންތަކަމާއި ގައުމިއްޔަތުގެ ނަންބޯޑު އަޅުވައިގެން ކުރަން އުޅޭކަމަކީ ކޮބައިކަން ނޭނގިގެން ނޫޅެއެވެ.
ދައުލަތުގެ އެހެން ހުރިހާ ކުންފުންޏެއް ވަތަކުޓޯ ޖެހުމުން މިހާރު އެ ދިމާކުރަނީ ދިރާގާއި އެމްޑަބްލިޔުއެސްސީ މުއިއްޒު މޮޑޭ ފުށްގުޅައަކަށް ހެދުމަށެވެ. އެ ދެކުންފުނީގެ މިލްކިއްޔާތުގައި ހުރިއްޔާ ހުރި ފައިސާއެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް އެ ދެ ކުންފުނިވެސް އިނދަ ޖައްސާލުމަށެވެ


