ޖަލަށް ހުކުން ކުރުމުގެ ބޭނުމެއް ނެތް
ޖަލުގައި އޮވެ ގާނޫނާ ހިލާފަށް ސިޔާސީ މަސައްކަތް ކުރެވޭ
ޝަރީއަތުން ކުރާ ހުކުން ތަންފީޒު ކުރުމަކީ ހާދަ ފާޑެއްގެ ކަމެކެވެ. ބައެއް މީހުން މުޅި ހުކުމުގެ ބޮޑުބައި ދުއްވާލަނީ ގޭގައި އަނބި ދަރިންނާއި އެކުގައެވެ. އަނެއް ބަޔަކު ރާއްޖޭން ބާރުގައެވެ. އަނެއް ބަޔަކަށް ކޮންމެ ދުވަހަކު އަނބިދަރިންނާ ބައްދަލުކޮށް ރަމުންރަމުން ފޯލި ކުޅެވެއެވެ. އަނެއް ބަޔަކަށް ވާވަރަކީ ބަލިހާލު ބޮޑުވެ ޑޮކްޓަރަށް ދައްކާނުލެވި މަސް ދެމަސް ވުމެވެ. އެކަމަކު އެންމެންނަކީވެސް ކުށްވެރިންނެވެ.
ރާއްޖޭގައި މި ގޮތަށް ކަންކަން ހިނގަނީ އަދަކު އިއްޔެއަކު އެކަންޏެއް ނޫނެވެ. ޒަމާނުއްސުރެ ޖަލުގައި ވެސް އޮންނަނީ މޮޅު މީހާއަށް މޮޅުގޮތެވެ. ޖަލެއްގެ ނިސްބަތުގައި އެންމެ ބޮޑަށް ދަރަޖައިގެ ގޮތުން ތަފާތުވާ ކަމަށް ބެލެވެނީ އެންމެ ނުރައްކާތެރި ކުއްވެރިންނާއި ހައިރިސްކު ކުށްވެރިންނެވެ. ސާބިތުވާ ކުށުގެ ބާވަތުންނާއި އުޅުމާ އަހުލާގާއި ހުކުމުގެ ބާކީ މުއްދަތަށް ބަލައިގެން ޖަލުގައި ލުއިތައް ލިބޭ ގޮތްގޮތް ހުރިހާ ތާކުވެސް އޮވެއެވެ.
ރައްޔިތުންގެ މައްޗަށް އެކި ފެންވަރުގެ ވެރިކަން ކޮށްފައި ތިބޭ މީހުންނާއި ތަންފީޒީ މަގާމުތައް ފުރާފައި ތިބޭ މީހުން ޖަލުގެ އާއްމު ކުށްވެރިންގެ ތެރޭގައި ބޭތިއްބުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ނަފްރަތާ ބަދަލު ހިފުމެއްގެ ތެރެއިން އެފަދަ މީހަކަށް ނުރައްކާ ތަކަކާއި ކުރިމަތި ވުމުގެ ފުރުސަތު އޮވެދާނެ ކަމަށްޓަކައި އެފަދަ މީހުނަށް ތަފާތު އިމްތިޔާޒެއް އޮންނަން ޖެހެއެވެ. އެއާއި ހިލާފަށް ވަކި މީހެއްވެގެން ހާއްސަ އިމްތިޔާޒް ތަކަކާއި ހިދުމަތްތަކެއް ދޭގޮތަށް އޮތުމަކީ ބޭ އިންސާފެކެވެ. އެކަހެރި ކުރުމުގެ މަގްސަދާ ހިލާފު ކަމެކެވެ.
ސިއްހީ ސަބަބު ތަކެއް އުފަން ކުރުވައިގެން މެޑިކަލް ސެޓިފިކެޓްގެ އެހީގައި ބާރުވެރި ތަނަވަސް މީހާ ހުކުން ތަންފީޒު ކުރަނީ ގޭގައި އަނބިދަރިން ގާތުގައެވެ. ނޫނީ ރާއްޖޭން ބޭރުގައެވެ. އެކަން އެމީހުން ކުރަނީ އުސޫލުގެ ދޫމަޅިގެ ތެރެއިންނެވެ. ނޫނީ ފަސާދައިގެ ތެރެއިންނެވެ. ނިކަމެތި އާރެއް ބާރެއް ނެތްމީހާ މަރަށް ތެޅިތެޅި އޮންނަނީ ޕެނެޑޯލް ގުޅައެއްހާ ހިސާބު ލިބޭގޮތް ނުވެއެވެ.
އާނއެކެވެ. ނޮވެންބަރ 3 ގެ ލުތުފީ ބޭރުގައެވެ. ސަގަރޭ ޖަލުގައެވެ. ސަންދާނު ލުތުފީ ބޭރުގައެވެ. ސަންދާނި އަހަންމައިދީ ޖަލުގައެވެ. ރައީސް ނަޝީދު ލަންޑަނުގައެވެ. އަބްދުއްލާ ރަޝީދު ޖަލުގައެވެ. ގާސިމް އިބްރާހީމް ޖަރުމަނުގައެވެ. ޝެއިހު އިމްރާނު ޖަލުގައެވެ.
މިހާރުވެސް ޖަލުހުކުން ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުން ގެއިން ރާއްޖޭން ބޭރަށް އެ ދިޔައީއެވެ. އުސޫލުތައް ހަމަޖެހިފައި އޮންނަނީ އެމަގުން އެމީހުނަށް އެކަންކަން ވާގޮތަށެވެ. ކުރީގެ ރައީސް ނަޝީދަށްވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެހުރިހާ ފުރުސަތެއް ފަހިކޮށް ލިބިގެން ދިޔައެވެ. އެކަހަލަ ކިތަންމެ ބަޔެކެވެ. އަދަކު އިއްޔެއަކު އެކަންޏެއް ނޫނެވެ.
އަނެއް ކޮޅުން ޖަލުގައި ހުންނަ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު އެ މީހެއްގެ އަނބި ދަރިންނާ ބައްދަލުކޮށެއް ނުހެދެއެވެ. އެހެނަސް ކުރީގެ ރައީސް ޔާމީނަށް އޭނާގެ އަނބި މީހާއާއި ބައްދަލުކޮށް ހެދެއެވެ. ޖަލުގައި އޮވެ ގާނޫނާ ހިލާފަށް ސިޔާސީ މަސައްކަތް ކުރެވެއެވެ. ކުށެއްގެ އަދަބުގައި އޮންނައިރު ސިޔާސީ މަސައްކަތް ކުރުން މަނާކުރީ އޭނާ ވެރިކަމުގައި ހުރެ ހެދި ގާނޫނަކުންނެވެ. އެގާނޫނު އަދިވެސް ދިރި އެބައޮތެވެ.
ކުރީގެ ރައީސް ޔާމީނަށް ޖަލުގައި ހުރިކަން ނޫނީ ނެތީ ކޮން ހައްގެއް ހެއްޔެވެ. ޖަލު ހުކުމަކީ މުޖުތަމައުން އެކަހެރި ކުރުމަށް އިއްވޭ ހުކުމެކެވެ. ކުރީގެ ރައީސް ޔާމީނު މެނަށް ލިބިދެވޭ އިމްތިޔާޒުތަކާއި ހައްގު ތަކުގެ ސަބަބުން ޖަލަށް ހުކުން ކުރުމުގެ މަގްސަދު ވަނީ ގެއްލިފައެވެ.