ބިރުން ސެކިއުރިޓީ ކަނޑާލިޔަސް ރައީސް ނަޝީދު މުޒާހަރާ ކުރައްވާނެ
މުއިއްޒު ސަރުކާރު ހަމަ މަގަށް އަޅުވަން ކުރަންޖެހޭކަމެއް ކުރީގެ ތިން ރައީސުން ކުރާނެ
ކަނޑާލަފާނެ ސެކިއުރިޓީއަކަށް ބިރުން ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވުމެއް ނުހުއްޓުވޭނެއެވެ. ފާލުން ނައްޓާލާފައިވާ ސަރުކާރެއް ހަމަމަގަށް އަޅުވަން ކުރައްވަން ޖެހިވަޑައިގަތް ކަމެއް ކުރީގެ ރައީސުން އެ ތިއްބެވީ ކުރައްވާ ގޮތަށެވެ.
އަމްދުން ރައީސް ނަޝީދަކީ ދައްކަފާނެ ބިރަކަށް މީހަކު ކިޔާފާނެ އެއްޗަކަށް ޖެހެލުންވެ ވަޑައިގެން ރައްޔިތުންގެ ހައްގުގައި ކުރައްވަންޖެހިވަޑައިގެން ކަމެއް ނުކުރައްވާ ދޫކުރައްވާ ޒާތުގެ ބޭފުޅެއް ނޫނެވެ. އަސާސީ ހައްގެއްގެ ބޭނުންކުރައްވާތީ ކުރީގެ ރައީސުންނަށް ހިނދުކޮޅަކަށްވެސް ސެކިއުރިޓީ ދިނުން ހުއްޓާލުމަކީ ޕީއެންސީން ހަދާނެ އެންމެ ބޮޑު އެއް ގޯހެވެ.
ތަނެއްގައި މީހަކު ހުއްޓަކަސް އެމްއެންޑީއެފުން ސެކިއުރިޓީ އެއް ނުދެއެވެ. ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދެނީ ގާނޫނު އަސާސީން ލާޒިމުކުރާތީއެވެ. ގާނޫނު އަސާސީން ސެކިއުރިޓީ ދިނުން ލާޒިމުކޮށްފައިވާ ފަރާތަކަށް ސެކިއުރިޓީ ނުދީ އޮއްވާ ދިމާވާ ކަމެއްގެ ޒިންމާއިން 241 ކޮމެޓިއަށް ބަރީއަ ވެވޭނެހެއްޔެވެ.
ސިޔާސީ ޖަޒްބާތުގައި ގާނޫނުތަކާއި އުސޫލުތަކަށް ބަދަލުގެނެސްގެން ކުރިމަތިވާ ކަންކަމުން ސަރުކާރަށް ރެކެވިދާނެ ކަމަށް ހީވަނީހެއްޔެވެ. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ބޭފުޅުން ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގައުމީ ސަލާމަތީ ބާރުގެ މައްޗަށް ލާޒިމުކަމެކެވެ. ހިންދުކޮޅަކަށްވެސް އެކަމުން ރެކިއެއް ނުގަނެވޭނެއެވެ.
ކުރީގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅު ކަންކަމުގައި ބައިވެރިވެ ވަޑައިގަތުމަކަށް ހަދާ ގަވައިދަކުން ހުރަހެއް ނޭޅޭނެއެވެ. ކުރީގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވާ ކަމެއްގައި ސަލާމަތާ ރައްކާތެރިކަމަށް އެއިރަކަށް އޮތް ގޮންޖެހުމެއް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ސަލާމަތީ ބާރުތަކުން ކުރަން އޮންނަކަމެކެވެ. މުޒާހަރާއެއް ވިޔަސް އެހެން ކަމެއްވިޔަސް އެކަމަކާ ގުޅޭގޮތުން އެހިނދަކަށް އޮތް ނުރައްކަލެއް ވަޒަންކޮށް އެކަމެއްގައި ބައިވެރިވެ ވަޑައިގަތުމާ ނުގަތުމަށް ދެންނެވުމަކީ ސަލާމަތީ ބާރުތަކުން ކުރާކަމެކެވެ.
ރައީސް ނަޝީދު މަގުމައްޗަށް ނިކުންނަވާ މުއިއްޒުގެ ހުދުމުހުތާރުވެރިކަމާ ދެކޮޅު ހަރަކާތް ވަރުގަދަކޮށްފާނެތީ ނަގާ ބިރު ބޮޑުވެ ކުރީގެ ރައީސުންގެ ހަށިފާރަވެރިކަމަށް ހުރަސް އަޅަން ނޫޅޭށެވެ. ސެކިއުރިޓީ ދިނަސް ނުދިނަސް ސަރުކާރު ހަމަ މަގަށް އަޅުވަން ކުރައްވަން ޖެހިވަޑައިގެން ކަމެއް ކުރީގެ ތިން ރައީސުން ކުރައްވާނެއެވެ.


