މުއިއްޒުގެ ބިނާކުރަނިވި ފިކުރަކީ މުޅިގައުމު ފަނާކުރަނިވި ފިކުރު

ގިނަ ރައްޔިތުން ބޭނުންވަނީ މުއިއްޒުގެ ބިނާކުރަނިވި ފިކުރާ މުއިއްޒު ގައުމުން ނެތި ދިޔުމަށް

މުއިއްޒުގެ ބިނާކުރަނިވި ފިކުރަކީ މުޅިގައުމު ފަނާކުރަނިވި ފިކުރު

އެއް ވޯޓުން މީދޫ ކައުންސިލް ރައިސްކަން ޕީއެންސީއަށް ގެއްލުމުން އެކަން ރައީސް މުއިއްޒަކަށް ހަޖަމެއް ނުވިއެވެ. އަރައިގެން ރުޅިން އިލެކްޝަން ކޮމިޝަންގެ ރައީސަށް މަޖުބޫރު ކުރުވައިގެން އޭނާ މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވައި އެމަގާމަށް ޕަޕެޓެއް އައްޔަނު ކުރުމަށް ފަހު މީދު ކައުންސިލްގެ އިންތިހާބު ބާތިލުކުރުވާ އަލުން އިންތިހާބު ބާއްވައިގެން ބޭނުންވާ މީހަކަށް މީދޫ ކައުންސިލްގެ ރައީސްކަން ހޯދާދިނުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

މުއިއްޒު ބޭނުންވުމުން މަޖިލީހުން މެންބަރުން ކަނޑާލެވޭ ގޮތަށް އޮތުމަކީ މުއިއްޒުގެ ބިނާކުރުމުގެ ފިކުރެވެ. މުއިއްޒު ހިންގާ އައްޔާޗީ އަމަލުގެ ވާހަކަ ރައްޔިތުންގެ ސަމަލުކަމަށް ގެންނަ ނޫސްތަކާއި ނޫސްވެރިން އުލު ބޭންދުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ރެއަކަށް އިރު އޮއްސި އިރު އަރަން ވާއިރަށް ރިޝްވަތުގެ ކަޅުފައިސާއިން މެންބަރުންތަކެއް ގަނެލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

ރަތްމަހަށް ނުގޮވާހާ އެއްޗެތި މޯދީއަށާއި އިންޑިއާ ސަރުކާރަށް ގޮވުމަށް ފަހު އިންޑިއާ އުގަށް ފުންމާލައިގެން ދަރައިގެން ދަރނި ދެއްކުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ގާނޫނާއި ހިލާފަށް އަނބިމީހާ ސިވިލް ސަރވިސްގައި ބަހައްޓައިގެން ދައުލަތުން އިނާޔަތް ހޯދާދިނުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

ބަޖެޓްގައި ނެތީސް ރާޖޫއަށް ކޮންޓްރެކްޓުދީގެން އެމްޓީސީސީގެ މަހާޖައްރާފުން ރަސްމާލެ ހިއްކަންފަށާ ރަޖޫއަށް ދައުލަތުގެ އަގުބޮޑު އެތައް ބިމެއް ދިނުމަށްފަހު އެގްރިމަންޓް ބާތިލުކޮށްލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ވުޖޫދުގައި ޓެކްނޮލޮޖީ ނެތް އަންޑަރވޯޓަރ ބިއްލޫރި ޓަނަލަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އެމްއޭސީއެލުން ބިންހިއްކާ ކުންފުނި އުފައްދައިގެން އެއަރޕޯޓް ކޮންޕެނީ ދަރުވާލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

އެމީހަކު ޖެހުނު ދިމާލަކުން ޖެހުނު ގޮތަކަށް ދައުލަތް ދަވާލަން އައުވާނުންނަށް ފުރުސަތު ހުޅުވާލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ހައްޖު އުމުރާއާއި ޒަކާތުން ވިޔަފާރި ކުރުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އާސަންދަ އޮޅާލާ ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެއްސުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އެސްޓީއޯ ބަނގުރީޓްވާ ވަރަށް ދަރުވާލައިގެން ބަންކަރިންގެ ނަމުގައި ވިޓޯލަށް މިލިޔަނުން ޑޮލަރު ހޯދާދިނުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. މަތިބަރު ބިޔަ ބޮޑު ސަރުކާރަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ކޮރަޕްޝަނާއި އިސްރާފާއި ހޯދާ ހިދުމަތަށް އަގުނުދީ ހިފެހެއްޓުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އައްޑޫ ބްރިޖާއި ތިނަދޫ ފްލޯޓިން އެއަރޕޯޓާއި ފުނަދޫ ޝޮޕިންގ ކޮމްޕްލެކްސްއާއި މިނި ރޭލާއި ހުޅުމާލޭ ފިނޭންސަލް ހަބުގެ ހިޔާލީ ފޮލާއަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

މާތްކަލާކޯއެވެ. މުއިއްޒުގެ ބިނާކުރަނިވި ފިކުރުން ގައުމު ޖެހެނީ އިނދައެވެ. ޑޮލަރުގެ އަގު ވިހިން ދަށެއް ނުވިއެވެ. ރައްޔިތުނަށް ބޭހެއް ނުލިބެއެވެ. ކާބޯތަކެތީގެ އަގަށް އަތެއް ނުފޯރައެވެ. ހައްގު ބަސް ބުނުމަކީ އަބުރާ ބެހުމަށްވެ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ކުށަކަށް ވެއްޖެއެވެ. ކުދި ވިޔަފާރިތައް ހުއްޓި މަސްވެރިކަމާއި ދަނޑުވެރިކަން ކުރާނެ ބަޔަކު ނެތިއްޖެއެވެ. ބޭލިހާ އިންޑިޔާސިފައިން ތިބީ ކުލަ ހެދުމުގައި ހަތިޔާރު ހިފައިގެންނެވެ. ބޮޑުއަގުދީފައި ގަތް ޑްރޯނުން ހިފޭ ބޭނުމެއް ނެތެވެ. ހިލޭ ލިބުނު މަނަވަރެކޭ ބަލިދަރިއެކޭ ތަފާތެއް ނެތެވެ. 

ހަމަތެދެކެވެ. މުއިއްޒުގެ ބިނާކުރަނިވި ފިކުރަކީ މުޅިގައުމު ފަނާކުރަނިވި ފިކުރެވެ. މުއިއްޒުގެ ބިނާކުރަނިވި ފިކުރެއް ރައްޔިތުން ބޭނުމެއް ނުވެއެވެ. ގިނަ ރައްޔިތުން ބޭނުންވަނީ މުއިއްޒުގެ ބިނާކުރަނިވި ފިކުރާ މުއިއްޒު ގައުމުން ނެތި ދިޔުމަށެވެ.