ޗައިނާ ކަނޑުގައި މުރަކައިގެ ނޫ ހޮހަޅައެއް
ދޯރިއެއްހެން އޮތް ބްލޫ ހޯލްގެ | މަތީބައިގެ ފުޅާމިން 56.3 މީޓަރު | ފުންމިނުގައި 16.6 މީޓަރު | މުޅި ބޮޑުމިނަކީ 1491.7 އަކަމީޓަރ
ޗައިނާގެ ހުއާންޔަން ސަރަހައްދުން ޗައިނާ ކަނޑުން މުރަކަ ފަރުގެ ނޫ ހޮހަޅެއް (ބްލޫ ހޯލް)އެއް ފެނިއްޖެއެވެ. ކަނޑުގެ އަޑީގައި އުފެދިފައިވާ ފުން ވަޅުގަނޑެއް ކަމުގައިވާ މުރަކައިގެ ފަރެއްގައިވާ ނޫ ހޮހަޅަކީ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ، ތަފާތު ދިރުންތައް ގިނަ މާހައުލެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ.
ތިމާވެށީގެ ޑީ.އެން.އޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ބްލޫ ހޯލާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުން 2700 އަށްވުރެ ގިނަ ބާވަތް ބާވަތުގެ ކަނޑުގެ ދިރުންތައް ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމަންޓުން ނެރުނު "2025 ސާވޭ ރިޕޯޓް އޮން ހުއާންޔަން ޑާއޯ ބްލޫ ހޯލް" ގައިވާ ގޮތުން، މި ތަން ފުރަތަމަ ފާހަގަކުރެވުނީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހު، ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއެއްގެ ތެރެއިންނެވެ.
ކަނޑުގެ އަޑީގައި އުފެދޭ މިފަދަ ވަޅުގަނޑުތައް މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. މައިގަނޑު އެ ދެބަޔަކީ ފަރުބަދައިގެ ހިލަ ގިރުމުގެ ސަބަބުން އުފެދޭ ވަޅުގަނޑުތަކާއި، މުރަކަ ފަރުތަކުގެ ތެރޭގައި އުފެދޭ ވަޅުގަނޑުތަކެވެ. މުރަކަ ފަރުގެ ތެރޭގައި މިފަދަ ވަޅުގަނޑުތައް އުފެދުމަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ހުއާންޔަން ބްލޫ ހޯލަކީ މަދުވެގެން 3200 އަހަރު ކުރިން އުފެދިފައިވާ ތަނެކެވެ. މި ތަން އުފެދިފައިވަނީ ލެގޫންގެ ތެރޭގައި މުރަކަ ވަރަށް ބޮޑަށް އާލާވެފައިވާ ސަރަހައްދެއްގައެވެ.
މި ބްލޫ ހޯލް އޮންނަނީ ދޯރިއެއްގެ ބައްޓަމަށެވެ. މީގެ މަތީބައިގެ ފުޅާމިނުގައި 56.3 މީޓަރު ހުންނައިރު، ފުންމިނުގައި 16.6 މީޓަރު ހުރެއެވެ. އަދި މިތަނުގެ މުޅި ބޮޑުމިނަކީ 1491.7 އަކަމީޓަރެވެ.
މި ވަޅުގަނޑުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މަސްމަހާމެހި، އިތާ، ސްޕޮންޖް އަދި ސީ އެނެމޯނީ ފަދަ މުރަކަ ފަރުގެ މާހައުލަށް ހާއްސަ ދިރުންތައް ވަރަށް ބޮޑަށް އާލާވެފައިވެއެވެ. މީގެ އިތުރުން، ޗައިނާގެ ގާނޫނުން ރައްކާތެރިކޮށްފައިވާ "ގްރީން ސީ ޓާޓަލް" ވެސް މި ސަރަހައްދުން ފެނިފައިވެއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ސަރަހައްދުގައި ކުރެވުނު ދިރާސާތަކުން، 14 އާއިލާއަކަށް ނިސްބަތްވާ 165 ބާވަތެއްގެ ހަރު މުރަކައާއި، 27 އާއިލާއަކަށް ނިސްބަތްވާ 184 ބާވަތެއްގެ މަސް ފެނިފައިވާކަން ވަނީ ރެކޯޑުކުރެވިފައެވެ.


