ބާމިއުޑާ ޓްރޭންގަލުން އުޅަނދުފަހަރު ގެއްލެނީ ވަރަށް މަދުން

އެތައް ބަޔަކު އެއްވެސް ނުރައްކަލެއް ނެތި އެ ސަރަހައްދުން ދަތުރުފަތުރު ކުރަމުންދޭ

ބާމިއުޑާ ޓްރޭންގަލުން އުޅަނދުފަހަރު ގެއްލެނީ ވަރަށް މަދުން

ބާމިއުޑާ ޓްރޭންގަލް އަކީ އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަހައްދެކެވެ. ތިނެސްކަން މި ސަރަހައްދުން 50 އަށްވުރެ ގިނަ އުޅަނދާއި 20 އަށްވުރެ ގިނަ މަތިންދާބޯޓު އެއްވެސް ނިޝާނެއް ނެތި ގެއްލިފައިވާ ކަމަށް ބުނެވެއެވެ. ސަރަހައްދުގެ ސީދާ އިންތަކާމެދު އިލްމީ ގޮތުން އެއްބަސްވެވިފައި ނުވި ނަމަވެސް، މިއީ ފްލޮރިޑާގެ އައްސޭރިފަށުން ފެށިގެން ބާމިއުޑާ އަދި "ގްރޭޓަރ އެންޓިލެސް" ޖަޒީރާތަކާ ދެމެދު އޮންނަ ތިނެސްކަން ބައްޓަމުގެ ސަރަހައްދެކެވެ. ސަރަހައްދުގެ ބޮޑުމިން ގާތްގަނޑަކަށް 500،000 އާއި 1،510،000 އަކަ މޭލާ ދެމެދުގައިވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ބާމިއުޑާ ޓްރޭންގަލް ސަރަހައްދުގައި ހިނގާފައިވާ އާދަޔާހިލާފު ކަންތައްތަކުގެ ރިޕޯޓުތައް 19 ވަނަ ގަރުނުގެ މެދުތެރެއާ ހަމައަށް ދެމެގެން ގޮސްފައިވެއެވެ. ބައެއް އުޅަނދުފަހަރު އެއްވެސް ސަބަބެއް ނެތި، ފަޅުވެރިންނާ ނުލައި ދޫކޮށްލާފައި ވަނިކޮށް ފެނިފައިވާއިރު، އަނެއްބައި އުޅަނދުތަކުން އެއްވެސް ނުރައްކަލުގެ ސިގްނަލެއް ފޮނުވުމެއް ނެތި ގެއްލިފައިވެއެވެ. މީގެ އިތުރުން، ބައެއް މަތިންދާބޯޓުތައް ގެއްލިގެން އެތަކެތި ހޯދުމަށް ދިޔަ ރެސްކިއު މިޝަންތައް ވެސް މި ސަރަހައްދުން ގެއްލިފައިވާ ކަމަށް ބުނެވެއެވެ. ނަމަވެސް، ގެއްލުނު އެއްވެސް އެއްޗެއްގެ ބައިތައް ފެނިފައި ނުވާއިރު، މިކަންކަން ތަރުޖަމާ ކުރުމަށްޓަކައި ބައެއް ފަރާތްތަކުން ދައްކާފައިވަނީ ހިޔާލީ ވާހަކަތަކެކެވެ.

ބާމިއުޑާ ޓްރޭންގަލް ސަރަހައްދުން އުޅަނދުފަހަރު ގެއްލެނީ ރޫހާނީ ކަންތައްތަކެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އޯޝަނަގްރަފިކް ދިރާސާތަކަށް ބިނާކޮށް ސައިންސްވެރިން ބުރަވަނީ މިއީ ދުނިޔޭގެ ގުދުރަތީ އަދި ތިމާވެށީގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށެވެ. އެއް ނަޒަރިއްޔާއެއްގައިވާ ގޮތުން، ކޮމްޕަހަށް އަންނަ ބަދަލުތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ދަތުރުކުރާ މަގު އޮޅި ހިތާމަވެރި ހާދިސާތައް މެދުވެރިވަނީއެވެ. އަނެއް ނަޒަރިއްޔާއަކީ "ރޯގް ވޭވްސް" ނުވަތަ ކުއްލިއަކަށް އުފެދޭ ބިޔަ ރާޅުތަކުގެ ސަބަބުން އުޅަނދުފަހަރު ހަލާކުވަނީ ކަމަށެވެ. މިފަދަ ރާޅުތައް 100 ފޫޓަށްވުރެ އުސްވާތީ، މަތިންދާބޯޓެއް ނުވަތަ އުޅަނދެއްގެ އެއްވެސް ނިޝާނެއް ނުފެންނަ ވަރަށް ސުންނާފަތިކޮށްލުމުގެ ގާބިލުކަން މި ރާޅުތަކަށް ލިބިގެންވެއެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން ހާމަކުރާ ގޮތުގައި، ދުނިޔޭގެ އެހެން ކަނޑުގެ ސަރަހައްދުތަކާ އަޅާބަލާއިރު ބާމިއުޑާ ޓްރޭންގަލްގައި އުޅަނދުފަހަރު ގެއްލޭ މިންވަރު އިތުރެއް ނޫނެވެ. އަދި މިއަދުވެސް އެތައް ބަޔަކު އެއްވެސް ނުރައްކަލެއް ނެތި އެ ސަރަހައްދުން ދަތުރުފަތުރު ކުރަމުންދެއެވެ.

މައުލޫމާތަށްޓަކާ:-

ކަނޑުގެ އިލްމު ނުވަތަ އޯޝަނަގްރަފީ ދުނިޔޭގެ ކަނޑުތަކާއި ކަނޑުގެ ދިރުންތަކާ ގުޅޭ ހުރިހާ ދާއިރާއެއް ދިރާސާކުރާ ސައިންސްގެ ގޮތްޕެވެ. މި އިލްމުގެ ހޯދުންތަކުގެ ތެރޭގައި ކަނޑުގެ ފިޒިކަލް އަދި ކެމިކަލް ސިފަތަކާއި، ކަނޑުގެ އަޑީގެ ބައްޓަމާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި އަދި ގަސްގަހާގެހި ހިމެނެއެވެ.

ކަނޑުގެ އިލްމު މައިގަނޑު ހަތަރު ދާއިރާއަކަށް ބެހިގެންވެއެވެ:

ފިޒިކަލް އޯޝަނޮގްރަފީ: ކަނޑުގެ ލޮނުގެ ފިނިހޫނުމިނާއި، އޮއިވަރާއި، ރާޅާއި، ބާނިތަކުގެ އިތުރުން ކަނޑާއި ޖައްވާއި ހުންނަ ގުޅުން ދިރާސާކުރުން.

ކެމިކަލް އޯޝަނޮގްރަފީ: ކަނޑުގެ ލޮނުގައި އެކުލެވޭ މާއްދާތަކާއި އޭގައި ހިނގާ ކެމިކަލް ބަދަލުތައް ދިރާސާކުރުން.

މެރިން ޖިއޮލޮޖީ: ކަނޑުގެ އަޑީގެ ބައްޓަމާއި، ފަސްގަނޑާއި، ބިންގަނޑަށް އަންނަ ބަދަލުތައް ދިރާސާކުރުން.

މެރިން އިކޮލޮޖީ: ކަނޑުގެ ދިރުންތަކާއި، ގަސްގަހާގެއްސާއި، އެތަކެތީގެ ދިރިއުޅުމުގެ ބުރު ދިރާސާކުރުން.

ކަނޑުގެ އިލްމުގެ ދިރާސާތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ކަނޑުގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ކަނޑުތައް ތަގައްޔަރުވުމުން ސަލާމަތްކުރުމަށާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަކީ ވެސް މި އިލްމުގެ މުހިންމު ބޭނުމެކެވެ.