މާލެ ބަދަލުކޮށްލާނެ ރިތިންކް މާލެސިޓީ ޕްރޮޖެކްޓް
މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަރުމާކުރެވިފައިވާ ފުރިހަމަ މަސައްކަތެއް: ރައީސް ނަޝީދު
ޝެރެޓް ސްޓޫޑިއޯ އާ ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ރީތިންކް މާލެ ސިޓީ" މަޝްރޫއުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެމްބަރުންނާ ހިއްސާކޮށްފިއެވެ.
"ރީތިންކް މާލެ ސިޓީ" ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލެސިޓީ ބައްޓަން ކުރުމުގެ މި މުހިންމު މަޝްރޫއުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަން ކުރިއަށްދިޔައީ މީރުމާ ހޮޓަލުގައެވެ.
މަޝްރޫއާ ގުޅޭގޮތުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މިއީ ހަމައެކަނި ކައުންސިލުން އެކުލަވާލާ ޕްލޭނެއް ނޫން ކަމަށެވެ. މިއީ މާލޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
125،000 އަށްވުރެ ގިނަ އުޅަނދު ދުއްވާ ކުޑަކުޑަ މާލެސިޓީއަށް ހުށަހެޅިފައިވާ އިސްލާހުތަކަކީ މިހާރުން މިހާރަށް ބޭނުންތެރި ކަންތައްތަކެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. ޕްލޭން މަސައްކަތް ކާމިޔާބުކުރުމުގައި އާންމު ރައްޔިތުންނާއި އަމިއްލަ މުއައްސަސާތަކުގެ އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހިފައިވާ އަދި ތިމާވެށީގެ ގޮންޖެހުންތައް ބޮޑު އެއް ސިޓީގެ ގޮތުގައި އޮތް މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަރުމާކުރެވިފައިވާ ފުރިހަމަ މަސައްކަތެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފް ކުރެއްވިއެވެ. މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ސާވޭތަކުގެ ނަތީޖާއިން މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހިތްފަސޭހަ ފެހި މައިދާންތައް އިތުރުކުރުމަށް ކަން ރައީސް ނަޝިދު ފާހަގަ ކުރެއްވިއެވެ.
އިސްތިރާޖީ ޕްލޭން ބިނާވެފައިވަނީ ތިމާވެށި، އިގްތިސާދު އަދި އިޖުތިމާޢީ ދާއިރާއާ ގުޅޭ 7 މުހިންމު ކަމެއްގެ މައްޗަށެވެ.
- ދުވެލި ހަލުވި ސިޓީއެއް: އަމިއްލަ އުޅަނދުތަކަށް ބަރޯސާވުން ކުޑަކޮށް، އާންމު ދަތުރުފަތުރާއި ހިނގައިފައި އުޅޭ މީހުންނަށް އިސްކަންދިނުން.
- ހިތްފަސޭހަ ފެހި ސިޓީއެއް: ގަސް އިންދުން އިތުރުކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައި، ހޫނުމިން ކުޑަކުރުން.
- ބަދަލުތަކަށް އިޖާބަދޭ ސިޓީއެއް: މީހުން ދިރިއުޅޭ ސަރަހައްދުތަކާ ނުގުޅޭ ސިނާޢީ މަސައްކަތްތައް އެހެން ތަންތަނަށް ބަދަލުކުރުން.
- ފާގަތި ސިޓީއެއް: އިގްތިސާދީ ހާއްސަ ޒޯންތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ފަދަ ސަރަހައްދުތައް ކަނޑައެޅުން.
- އެންމެންގެ ސިޓީއެއް: ހުރިހައި ފަންތިއެއްގެ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އިޖުތިމާޢީ މައިދާންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން
- އަމިއްލަވަންތަކަން ހުރި ސިޓީއެއް: މާލޭގެ ޒަމާނީ ބިނާތަކާއި އާސާރީ ތަންތަން ރައްކާތެރިކޮށް، ސަގާފީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން.
- ރައްކާތެރި ސިޓީއެއް: އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވެފައިވާ މާލެއެއް ބިނާކުރުން.
އިސްތިރާޖީ ޕްލޭން އެކުލަވައިލުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން އޮކްޓޫބަރު 2025 ގައި ބޭއްވުނު ފުރަތަމަ ސެޝަނުގައި 78 ބައިވެރިން ބައިވެރިވިއެވެ. ޑިސެމްބަރު މަހު ބޭއްވުނު ވޯޓިންގް ސެޝަނުގައި 61 ފަރާތަކުން ހިޔާލު ދީފައިވެއެވެ.
• އޮންލައިންކޮށް ކުރިއަށްގެންދިޔަ ސާވޭއަށް ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިޖާބަ ދީފައިވެއެވެ.


