ސާރިދޯޅެއް ފެނިގެން 94 ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި
އޭޝިއާގެ ކަޅު ސާރިދޯޅަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ޖަނަވާރެއް
ޖަޕާނުގެ ސިޓީއަކުން ފުރަތަމަ ފަހަރަށް ސާރިދޯޅެއް ފެނުމާ ގުޅިގެން 94 ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފިއެވެ.
ޖަޕާނުގެ އުޓްސުނޯމިޔާ ސިޓީން ފުރަތަމަ ފަހަރަށް ސާރިދޯޅައެއް ފެނުނުކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސިޓީގެ ކައުންސިލުން ހިންގާ ޕްރައިމަރީ އަދި މިޑްލް ސްކޫލްތައް ހިމެނޭހެން ޖުމްލަ 94 ސްކޫލެއްގެ ކިޔެވުން ހޯމަ ދުވަހު މެދުކަނޑާލަން ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.
މި ސާރިދޯޅު އެންމެ ފުރަތަމަ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މީހުން ދިރިއުޅޭ ސަރަހައްދެއްގައި އޮންނަ ޕާކެއްގެ ކައިރިންނެވެ. އަދިވެސް އެ ސޮރު އަތުނުވެ ދޫވެފައިވާއިރު، އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އެ ސިޓީގެ މިޑްލް ސްކޫލަކާ ގާތްގަނޑަކަށް 500 މީޓަރު ދުރުންނެވެ. އެހެންކަމުން، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.
މި ހާދިސާ ހިނގާފައިވަނީ މުޅި ޖަޕާނުގައިވެސް ސާރިދޯޅު ފެންނަ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ނިމިދިޔަ ހަފުތާގައި ފުކުޝީމާގައި ސާރިދޯޅައެއް ދިން ހަމަލާގައި މަދުވެގެން ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ސާރިދޯޅެއް ފަހާދުވެ ވައްޓާލުމުގެ ސަބަބުން އަނިޔާވި ފެކްޓްރީ މަސައްކަތްތެރިއަކުވެސް ހިމެނެއެވެ.
މާހިރުން ލަފާކުރައްވާ ގޮތުގައި ސާރިދޯޅު ފެންނަ މިންވަރު އިތުރުވަނީ ބައެއް މުހިންމު ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސާރިދޯޅައިގެ ގުދުރަތީ ކާނާ (މިސާލަކަށް އޭކޯން ފަދަ މޭވާ) މަދުވުމާއި، ޝިކާރުކުރުން މަދުވުމުގެ އިތުރުން، އަޅާނުލާ ދޫކޮށްލާފައިވާ ދަނޑުބިންތައް އިތުރުވުން ހިމެނެއެވެ.
ދުނިޔޭގެ ނިސްބަތުން އޭޝިއާގެ ކަޅު ސާރިދޯޅަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ޖަނަވާރެއް ކަމަށް ބެލެވުނު ނަމަވެސް، 2012 ވަނަ އަހަރަށްފަހު ޖަޕާނުގައި މީގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް އަންދާޒާކުރެވެއެވެ. މީގެ ސަބަބުން އިންސާނުންނާއި ސާރިދޯޅައާ ދިމާވާ މިންވަރު ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.


