ނޫސްވެރިކަމުގެ މިނިވަންކަމަކީ ދީފައި އަތުލާ އިނާޔަތެއްނޫން: ޝާހިދު

ނޫސްވެރިކަމުގެ މިނިވަންކަމަކީ ދީފައި އަތުލާ އިނާޔަތެއްނޫން: ޝާހިދު

ނޫސްވެރިކަމުގެ މިނިވަންކަމަކީ ވެރިކަމުގައި ތިބޭ ބަޔަކު ބޭނުންވުމުން ދީފައި، ބޭނުން ނުވުމުން އަތުލެވޭނެ ފަދަ އިނާޔަތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ކުރީގެ ހާރިޖީ ވަޒީރު އެހެން ވިދާޅުވީ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ބަލައި ފާސްކުރުމާ ގުޅިގެން އެ އަމަލު ކުށްވެރިކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމަކީ މިނިވަން މީޑިއާތައް ނައްތާލުމަށް ސަރުކާރުން ހިންގާ ވަރަށް ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުމަށް ސަރުކާރުން ކުރަމުންދާ މިފަދަ މަސައްކަތްތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް އޮތް ހައްގަށް ދެވޭ ސީދާ ހަމަލާއެއް ކަމަށެވެ. 

މިނިވަން މުއައްސަސާތަކާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ސަގާފަތެއް ގާއިމުކުރުމަކީ ގައުމުގެ ޑިމޮކްރަސީ ފަހަތަށް ގެންދާނެ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އދ މަޖިލީހުގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަންވެސް ކުރައްވާފައިވާ އޮނަރަބަލް އަބްދުއްލާ ޝަހިދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ބަލާ ފާސްކުރަނީ ރައީސް މުއިއްޒު ހިންގެވިކަމަށް ބުނާ ކައިވެނީގެ ބޭރު ޖިންސީ ގުޅުމަކާގުޅޭ ގޮތުން އައިޝާގެ ނަމުގައި ވީޑިއޯ ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.