މާލޭ މޭޔަރަށް ހަމަލާދިނުން ރައީސް މުއިއްޒު ކުއްވެރިއެއް ނުކުރި

މާލޭ މޭޔަރަށް ހަމަލާދިނުން ރައީސް މުއިއްޒު ކުއްވެރިއެއް ނުކުރި

ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރަށް ދިން ހަމަލާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަކަށް ނުވިއެވެ. ސުލްހަވެރި އެއްވުމެއްގައި ހުންނަވަނިކޮށް މާލޭ މޭޔަރަށް ހަމަލާއެއް ދިނުމަކީ ގައުމެއްގެ ނިސްބަތުގައި ކަންބޮޑު ވާން ނުޖެހޭ ވަރުގެ ކަމެއްނޫނެވެ. 

މޭޔަރަށް ދިން ހަމަލާ މިހާ އިރު ވީއިރުވެސް ރައީސް މުއިއްޒު ކުއްވެރި ނުކުރެއްވުމާއި އެކަމަގުޅިގެން ސަލާމާތާ ރައްކާތެރި ކަމުގެ ފިޔަވަޅެއް ސަރުކާރުން ނާޅާ އޮތް އޮތުމަކީ އެ އަމަލު ހިންގުވީ ސަރުކާރުންކަމަށް މޭޔަރު ކުރައްވާ ތުހުމަތަށް ލިބޭ ބާރެކެވެ. 

މިހާ ހިސާބުން ރޭގައި އޮތް ސުލްހަވެރި އެއްވުމެއްގައި ހުންނަވަނިކޮށް މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމަށް ދިން ހަމަލާއާއި ގުޅިގެން އެ ހަމަލާ ކުއްވެރިކުރައްވާ އެކި ބޭބޭފުޅުން ގެ ޝުއޫރު ހުރިގޮތް ހާމަކޮށްލާނަމެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: 

ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޤާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތަކެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެކެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް:

މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެއްވުމެއްގައި، އެ ބޭފުޅާއަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަކީ ކަންބޮޑުވާކަމެއް. ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތި، ރައްކާތެރި މާހައުލެއް އޮންނަންވާނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެނަށްވެސް ރައްކާތެރިކަމާ، ހަމަހަމަކަމާއެކު ލިބިދޭންޖެހޭ ހައްގެއް.

ކުރީގެ ރައީސް މުހައްމަދު ނަޝީދު:

މޭޔަރ އާދަމް އާޒިމަށް ދިން ހަމަލާ ކުށްވެރިކުރަން. ދައުލަތުގެ ކަމާގުޅޭ އެންމެހާ ފަރާތްތަކުން މައްސަލަ ބެލުން ކޮންމެހެން ބޭނުން.

އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު:

އެމްޑީޕީއިން މާލޭގައި މިރޭ ކުރިއަށް ގެންދިޔަ ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީ މޭޔަރ ޢަދަމް އާޒިމްއަށް ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އަދި މިޙަމަލާ ތަހުގީގުކުރުމަށާއި، ވެރިރަށް މާލޭގެ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން

އެމްޑީޕީ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސާ: 

މި ޕާޓީގެ ސުލްހަވެރި ސިލްސިލާ މުޒާހަރާ ކުރިއަށްދަނިކޮށް، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަށް މިރޭ ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މި ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރ އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަން

އެމްޑީޕީގެ ކުރީގެ ޗެއަޕާސަން ރީކޯ މޫސާމަނިކު:

ސުލްހަވެރި ސިޔާސީ ޙަރަކާތައް ޖާގަ ދޭންޖެހެއެވެ، "މޭޔަރު އާދަމްއާޒިމްއަށް" ރޭ މަގުމަތިން ދިންހަމަލާ ކުއްވެރިކުރަމެވެ . ސިޔާސީ ގޮތުން މީހަކު ކުރިއަރަނީ ރައްޔިތުނގެ ތާއީދާ ލޯބި އެމީހަކަށް ލިބޭތީއެވެ. MDP ގެމެމްބަރުންނަށް ،އަނިޔާދީގެން އަޅުގަނޑުމެނގެ ސިޔާސީ ޙަރަކާތެއް ނުހުއްޓުވޭނެވެ. މިޕާޓީގެ މާޒީ އެކަމައް ހެކިވާނެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް:

މިރޭގެ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމް އަށް މީހަކު ދިން ހަމަލާ އަކީ ވަަރަށް ނާތަހުޒީބު އަމަލެއް. މިފަދަ ފިނޑި އަމަލުތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫން. ސަރުކާރުގެ ނާގާބިލުކަމާއި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓުވައެއް ނުލެވޭނެ.