މިސްކިތަކަށް ބަޑިން ހަމަލާއެއްދީ ފަސްމީހުން މަރާލައިފި

މިސްކިތަކަށް ބަޑިން ހަމަލާއެއްދީ ފަސްމީހުން މަރާލައިފި

ކެލިފޯނިއާގެ އިސްލާމިކް ސެންޓަރ އޮފް ސެން ޑިއޭގޯގައި ހޯމަ ދުވަހުގެ ހެނދުނު ދިން ބަޑީގެ ހަމަލާއެއްގައި ތިން މުސްލިމުން ޝަހީދުކޮށްލައިފިއެވެ. ނަފުރަތުގެ އަމަލެއްގެ ގޮތުގައި ބެލެވޭ މި ހަމަލާ ދީފައިވަނީ އުމުރުން 17 އަހަރާއި 18 އަހަރުގެ ދެ ޒުވާނުން ކަމަށާއި، މި ހަމަލާއަށްފަހު އެ ދެމީހުން އަމިއްލައަށް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ހަމަލާ ދިން އެކަކުގެ މަންމަ ވަނީ އެ ހާދިސާ ހިނގުމުގެ ދެ ގަޑިއިރު ކުރިން ފުލުހުންނަށް ގުޅައި، އޭނާގެ ދަރިފުޅު ހަތިޔާރާއެކު ގެއިން ނުކުމެފައިވާ ކަމަށާއި އަމިއްލައަށް މަރުވާން އުޅޭ ކަމަށް ފެންނަ ކަމަށް ރިޕޯޓުކޮށްފައެވެ. ފުލުހުން އެ ޒުވާނުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގެ ގަޑިން ހެނދުނު 11:43 ހާއިރު މި ބަޑީގެ ހަމަލާ ވަނީ ދީފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ ސެކިއުރިޓީ ގާޑަކު ހިމެނެއެވެ. ފުލުހުން ވަނީ އޭނާއަކީ އިތުރު ބަޔަކަށް ލިބިދާނެ ގެއްލުންތަކަކުން ސަލާމަތްކުރި ބަތަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި މަރުވި އެއްވެސް މީހެއްގެ ވަނަވަރެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިސްކިތުގައި ބަޑީގެ ހަމަލާ ދިނުމަށްފަހު، އެ ދެމީހުން ކާރުގައި ދަމުން ކައިރީގައި މަސައްކަތްކުރަމުން ދިޔަ މީހަކަށްވެސް ބަޑިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންނަމަވެސް އެ މީހާ ވަނީ ސަލާމަތްވެފައެވެ. ފަހުން ފުލުހުންނަށް އެ ދެ ޒުވާނުން ފެނުނުއިރު، އެމީހުން ތިބީ ކާރު ތެރޭގައި އަމިއްލައަށް ބަޑިޖަހައި މަރުވެފައެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ނަފުރަތުގެ ސަބަބުން ދިން ހަމަލާއެކެވެ. އެގޮތުން، އެކަކު ދޫކޮށްލާފައިވާ ލިޔުންތަކުގައި ނަފުރަތު އުފެދޭ ފަދަ ވާހަކަތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މީގެ ކުރިން އެ މިސްކިތަށް އެއްވެސް ކަހަލަ އިންޒާރެއް ލިބިފައިވާކަން އެނގިފައެއް ނުވެއެވެ.

ހަމަލާ ދިން ވަގުތު މިސްކިތުގެ އަލް ރަޝީދު ސްކޫލުގައި ކިޔަވަމުންދިޔަ ކުދިން ވަނީ ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައެވެ. އަދި ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދިޔައިރު، ކައިރީގައި ހުރި އެހެން ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ.

އިމާމް ތާހާ ހަސަން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިސްކިތަކީ އަޅުކަންކުރާ ތަނެކެވެ. އެއީ ހަނގުރާމައިގެ މައިދާނެއް ނޫނެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައި މިވަނީ މުޅި ދުނިޔޭގެ މުސްލިމުން އީދު ފާހަގަކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.