ހިތަދޫ އުތުރު ރައްޔިތުން ތިބީ ސޯބެއަށް ވޯޓުދޭން ހޮނިހިރު ނައިސްގެން

ހިތަދޫ އުތުރު ރައްޔިތުން ތިބީ ސޯބެއަށް ވޯޓުދޭން ހޮނިހިރު ނައިސްގެން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދޭން ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ތިބީ ބައި-އިލެކްޝަންގައި ވޯޓުލުމަށް ހޮނިހިރު ދުވަސް ނުޖެހިގެން ކަމަށް އެ ގޮނޑިއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުއްލާ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. އިންތިހާބުގައި ޕީއެންސީގެ ގިނަ ވޯޓުތައްވެސް ސޯބެއަށް ލިބޭނެ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ. 

ސޯބެއަކީ އައްޑޫ ސިޓިގެ ފުރަތަމަ މޭޔަރެވެ. ހޮނިހިރު ދުވަހު އޮންނަ ބައިއިލެކްޝަންގައި ސޯބެ އާއި ވާދަކުރަނީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަހްމަދު ސައީދެވެ. ކުރީގެ ދެރައީސުން ކަމުގައިވާ ރައީސް ސޯލިހާއި ރައީސް ނަޝީދު ސޯބެގެ ކެމްޕޭނިގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެން މަސައްކަތް ކުރައްވަމުންދާއިރު ކުރީގެ ރައީސް ޔާމީން ވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާ، އެންމެން ސޯބެއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. 

ކެމްޕެއިން ނިންމާލުމުގެ ގޮތުން ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ ދެކޮޅަށް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ބަލާލިއަސް، އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވިފައިވާކަން އެނގޭ ކަމަށެވެ. އިންތިހާބު ބޮޑުކޮށް ސޯބެއަށް ކާމިޔާބު ވާނެކަން އެނގޭ އަނެއް ހެއްކަކީ ރައީސް މުއިއްޒަށްށް އައްޑޫއަށް ވަޑައިގަންނަވަން ކެރިވަޑައިނުގަތުން ކަމަށްވެސް ސޮބެ ވިދާޅުވިއެވެ.

"އަދި އެންމެ ބޮޑަށް ޔަގީންވާ ކަމަކީ، ރައީސް މުއިއްޒުއަށް ނުކުރެނު މި ރަށު ވަޑިފަތި ޖޯއްޔެއްގައި އިށީންނަން އަންނަންވެސް މި އިންތިހާބު ކާމިޔާބުކޮށްދޭން. އެހެންވީމަ މި ބުނަނީ މި އިންތިހާބު މި ތިބީ ބޮޑުތަނުން ކާމިޔާބުކޮށްގެންނޭ،" ސޯބެ ވިދާޅުވިއެވެ. 

އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވުނު ކަމުގެ ހިތްހަމަޖެހުންވެސް ސޯބެ ފާޅުކުރެއްވިއެވެ. ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ގެއަކާއި ކެފޭތަކަށް ވަދެ ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށާއި މާލެ އާއި ހުޅުމާލޭގައި ތިބި ދާއިރާގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ.