މިނިވަން ބަހުސްއަކީ އިސްލާހީ ހަރަކާތުގެ މަންމަ!

މިނިވަން ބަހުސުން އުފަންވީ އެމްޑީޕީ

މިނިވަން ބަހުސްއަކީ އިސްލާހީ ހަރަކާތުގެ މަންމަ!

ރައީސް މައުމޫނު އިސްލާހީ އެޖެންޑާ އިއުލާނު ކުރެއްވި ތަގްރީރުގައި މީހުން އެއްވެއުޅޭތަންތަނާއި ހޮޅުއަށިތަކުގައިވެސް ސިޔާސީ ވާހަކަ ދެއްކުމަށް ހުޅުވާލެއްވިއެވެ. ރައީސް އެދެއްވި ފުރުސަތުގެ ބޭނުންހިފާ އެންމެ ފުރަތަމަ ސިޔާސީ ސައްލާއެއް އޮތީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުރި އަލްފްރެސްކޯ ކެފޭގައެވެ. 

އަލްފްރެސްކޯގައި އޮތް ސިޔާސީ ސައްލާގައި އޭރު ސިޔާސީ މަސްރަހުން ފާހަގަކޮށްލެވޭ އިސްބަޔަކު ބައިވެރިވިއެވެ. އިބްރާހީމް އިސްމާއީލް (އިބްރާ)އާއި ޑރ. މުނައްވަރާއި އިބްރާޙިމް ހުސެއިން ޒަކީއާއި ބޮޑުފެންވަޅުގޭ މުޖުތަބާއާއި ގާސިމް އިބްރާހީމް އޭގެ ތެރޭގައި ހިމެނުނެވެ. ހުސްނުއްސުއޫދާއި އަހުމަދު މުއިއްޒާއި އުމަރު ޖަމާލާއި މަވޯޓާ ޝަރީފާއީ އާދަމް އަބްދުލްގަފޫރާއި އަހުމަދު އައްބާސްއާއި ރީކޯ މޫސާ މަނިކާއި ކުރެންދޫ މާހިރާއި ފެލިދޫ މޫސާ ރަމީޒާއި އެނޫންވެސް އެތައްބައެކެވެ. 

އަލްފްރެސްކޯގެ ސައްލާ ނިމުނީ ސިލްސިލާ މިނިވަން ބަހުސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިގެނެވެ. އާއްމުކޮށް ހުޅުވާލައިގެން ވީހާާވެސް ގިނަ ބަޔަކަށް ވާހަކަ ދައްކަން ފުރުސަތުދޭ ގޮތަށް މިނިވަން ބަހުސް ކުރިއަށް ގެންދިއުމަށް އެސައްލާގައި ނިންމުނެވެ. 

އަލްފްރެސްކޯގެ ސައްލާއިން ނިންމި ފުރަތަމަ މިނިވަން ބަހުސްއޮތީ ސޯޝަލް ސެންޓަރގެ ސެމިނަރ ރޫމްގައެވެ. ޖަލްސާ ބާއްވަން ހުއްދަދިނީ އިބްރާހީމް އިސްމާއީލް (އިބްރާ)އަށެވެ. ފުރަތަމަ މިނިވަން ބަހުސްގައި އިބްރާއާއި މަވޯޓާ ޝަރީފާއި ގާސިމް އިބްރާހީމް ފަދަ ބޭފުޅުން ވާހަކަ ދައްކެވި ފިސާރި ފޯރިގަދަ ބަހުސަކަށް  މިނިވަން ބަހުސްވިއެވެ. 

ދެވަނަ މިނިވަން ބަހުސް އޮތީ ގިޔާސުއްދީން ސްކޫލް ހޯލުގައެވެ. ދެވަނަ ބަހުސް އިންތިޒާމް ކުރަންވެސް ހުއްދަދިނީ އިބްރާއަށެވެ. ދެވަނަ ބަހުސްވެސް ވެގެން ދިޔައީ ތަފާތު އެތައް ބަޔަކު ވާހަކަ ދެއްކި ފޯރިގަދަ ބަހުސަކަށެވެ. ހޯލާ ބޭރު އޮތީ ފުރިފައެވެ. 

މިނިވަން ބަހުސްގެ 3 ވަނަ ބައްދަލުވުން އޮތީ ދަރުމަވަންތަ ސްކޫލު ހޯލްގައެވެ. ބަހުސް ބޭއްވުމުގެ ހުއްދަ ދިނީ ރީކޯ މޫސާއަށެވެ. ރީކޯ މޫސަގެ މާލިމީކަމުގައި ބޭއްވި މިނިވަން ބަހުސްވެސް އަނެއް ދެބައްދަލުވުމަކަށް ދުލެއް ނުކުރެއެވެ. 

4 ވަނަ މިނިވަން ބަހުސް އޮތީ ކަލާފާނު ސްކޫލުގައެވެ. ކުރިން ހުއްދަދީފައިވާ މީހަކަށް ދެވަނަ ބައްދަލުވުމެއް ބޭއްވުމުގެ ހުއްދަ ނުދޭން ސަރުކާރުން  ނިންމުމުން 4 ވަނަ މިނިވަން ބަހުސް ބޭއްވުމުގެ ހުއްދަނެގީ ފެލިދޫ މޫސާ ރަމީޒުގެ ނަމުގައެވެ. ބަހުސް މޮޑެރޭޓްކުރީ މޫސާ ރަމީޒާއި ދަރަވަންދޫ މުއާޒެވެ. މިނިވަން ބަހުސް ހަތަރެއްވެސް ވަރަށް ބޮޑަށް ފޯރިގަދަވިއެވެ. 

މިނިވަން ބަހުސްގެ ނަމުގައި ބޭއްވުނު އެންމެ ފަހު ބަހުސްއަކީ ގިޔާސުއްދީންގައި ބޭއްވުނު 5 ވަނަ މިނިވަން ބަހުސެވެ. 5ވަނަ މިނިވަން ބަހުސް ބޭއްވުމުގެ ހުއްދަދިނީ ކުރެންދޫ މާހިރަށެވެ. ފަސްވަނަ މިނިވަން ބަހުސް ވެގެން ދިޔައީ އެމްޑީޕީގެ 3 އަކުރު ޖަލްސާގެ ބެކްޑްރޮޕްގައި ބޮޑު އަކުރުން ފާޅުކޮށްލި މިނިވަން ބަހުސަށެވެ. ފުރަތަމަ ފަހަރަށް އާއްމުތަނެއްގައި " މައުމޫން އިސްތިއުފާ " ގެ ބެނާއެއް ހިއްލާލެވުނު އެއްވުމަށެވެ. 

މިނިވަން ބަހުސް ބޭއްވުމަށް ސްކޫލް ހޯލްތައް ދިނުން ހުއްޓާލާ މިނިވަން ބަހުސަށް ބޭއްވުން މެދު ކަނޑާލިއެވެ. އެހެން ނަމަވެސް ޖެހިގެން އައިރޭ އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމުގެ ނަމުގައި އަސިއްޕެ ޖަމާލުއްދީން ސްކޫލް ހޯދާ މަޝްހޫރު ޑިކްޓޭޓަރ ކޭކްފަޅާ އަންދާ ގާނޫނު ލަވަ ޖަހާ ވަރުގަދަ ސިޔާސީއެއްވުމަކަށް އެ ޕާޓީ ބަދަލުކޮށްލިއެވެ. އެއްވެސް ބޭނުމަކަށް އާއްމުފަރާތްތަކަށް ސްކޫލް ހޯލްތައް ދިނުން ހުއްޓާލިޔަސް ލޮނުޒިޔާރަތްކޮޅު ޕާކްކައިރިއަށް އެއްވެ ބޮޑިބަތްކައި ސިޔާސީ އެއްވުން އެއްވާތަނަކަށް ރާޅުގަނޑު ސަރަހައްދުވެ އެސަރަހައްދުގައި ހުރި ޓެޓްރަޕޮޑް (ގެރިގާ) މޮނިއުމަންޓް ތިންބާރު ވަކިކުރާ ގަލަށް ބަދަލުވީއެވެ.  

މިނިވަން ބަހުސްއަކީ އިސްލާހީ ހަރަކާތުގެ މަންމައެވެ. މިނިވަން ބަހުސްއިން އުފަންވީ އެމްޑީޕީއެވެ. މިނިވަން ބަހުސްގެ ޔުނީކްކަން ކަނޑުވާލަން އެއްވެސް ބަޔަކު އުޅޭނެ ކަމެއްނެތެވެ. އޮގަސްޓް 12،13 އެއްވުމަކީ މިނިވަން ބަހުސްގެ ކާމިޔާބީއެވެ.