ސިނގިރެޓް ބޯން ހުއްދަނަމަ އުފެއްދުން ހުއްދަކުރަންޖެހޭ!
ބަޔަކު މީހުން ރާއްޖޭގައި ސިނގިރެޓް އުފައްދައިގެން ވިއްކާތީ ފުލުހުން ވަދެ އެކަން ހުއްޓުވާ އެތައް ބައިވަރުތަކެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. ބަޔަކު ލޮނުއެޅި މިޔަރުމަހާއި މަޑިމަސްތަކެއް ބޭރުކުރަން އުޅެގެން ކަސްޓަމުން އެތަކެތި އަތުލައިގެންފިއެވެ. މަނާ ކަންކަމަށް ވެގެންނެވެ. ސުވާލަކީ ރާއްޖޭގައި ބަޔަކު އާމްދަނީ ހޯދުމަށް ހުއްދަ ހަލާލު މަސައްކަތެއް ކުރަން ގާނޫނުން މަނާކޮށްގެން ހާސިލުކުރަން މިއުޅެނީ ކޮންކަމެއް ހެއްޔެވެ.
އާއްމު ސިއްހަތަށްޓަކާ ރާއްޖޭގައި ސިނގިރޭޓް އުފައްދައިގެން ވިއްކުން މަނަލެވެ. ޓެކްސް ދައްކައިގެން އެތެރެކޮށްގެން ވިއްކާ ސިނގިރެޓް ހުއްދައެވެ. ގަވައިދުން އެތެރެކޮށްގެން ސިނގިރެޓް ވިއްކުން ހުއްދަވަންޏާ ޓެކްސް ދައްކައިގެން ރާއްޖެ އެތެރެކުރާ ދުންފަތާއި ސިނގިރެޓް އުފެއްދުމަށް ބޭނުންކުރާ ތަކެތިން ރާއްޖޭގައި އުފައްދާ ސިނގިރެޓް މަނާކުރުމަކީ ފެންހިފޭ ނިންމުމެއް ހެއްޔެވެ.
އަވަށްޓެރި ބައެއް ގައުމުތަކުގައި މަނަލީ ސިނގިރެޓް އެތެރެކޮށްގެން ވިއްކުމެވެ. ވިއްކަން ހުއްދައީ އެގައުމެއްގައި އުފައްދާ ސިނގިރެޓެވެ. ގާނޫނީ ފާރަވެރިވުމުގެ ތެރެއިން ސަރުކާރުން ގަބޫލުކުރާ ފެންވަރެއްގައި ރާއްޖޭގައި އުފައްދާ ސިނގިރެޓް ވިއްކުން ހުއްދަކުރުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ. ބޭރުން އެތެރެކުރިޔަސް ރާއްޖޭގައި އުފެއްދިޔަސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ލިބޭގެއްލުމެއް ލިބޭނެއެވެ.
ސަރުކާރުން ގަބޫލުކުރާ ފެންވަރެއްގައި ރާއްޖޭގައި ސިނގިރެޓް އުފައްދަން ފުރުސަތު އޮތްނަމަ މުޅި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ސިނގިރޭޓް އުފައްދާނެއެވެ. ޓޫރިސްޓް ރިސޯޓްތަކަށް ސަޕްލައި ކުރެވޭ ވަރަށާއި އެކްސްޕޯޓްކުރާ ވަރަށްވެސް ރާއްޖޭގައި ދިވެހި ޕާޓީ ތަކުން ސިނގިރެޓް އުފައްދާނެއެވެ. އޭރުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ އެތައްބަޔަކަށް އިތުރު އާމްދަނީ ލިބެން ފަށާނެއެވެ.
ލޮނުމަހާއި މިޔަރު އުރަހައާއި އެންދެރިޢައި ކަނހަބުފަތާއި ރަތްގައު ފަދަ ބާވަތްތައް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުން މަނާ ކުރުމަކީވެސް އެޒާތުގެ ކަމެކެވެ. ރަނގަޅު މޮނިޓަރިން ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުގެ ފައިދާ ދިވެހިންނަށް ނުހޯދޭ ގޮތަށް ގާނޫނުތަކުން ކަންކަން މަނާކޮށްގެން ތިބޭ ތިބުން ނިމުމަކަށް ގެނެސްފިނަމަ ދިވެހިންގެ ފުދުންތެރިކަން އިތުރުވެ އުފެއްދުންތެރި ކަން ބޮޑުތަނުން އިތުރުވާނެއެވެ.
ތިމާވެށި ހިމާޔަތް ކުރުމާއި ސިއްހަތު ސަލާމަތް ކުރުމުގެ ނަމުގައި ކަންކަން މަނާކުރި ކުރީނުން ހަލާލު ހުއްދަ މަސައްކަތެއް ހުއްދަގޮތުގައި ދިވެއްސަކަށް ކުރެވޭކަށް ނެތެވެ. ކިއްލިތަޅާ ހެދިކާ ހަދާ ވިއްކުން ފަދަ ކަންކަމަކީވެސް ގަވައިދުތަކުގައި ބަދެވިގެން މީހުނަށް ކުރެވޭވަރު ކަމަކަށް ނުވެއެވެ.
ގެރި ބަކަރިއާއި ކުކުޅު ގެންގުޅުން ފަދަ ކަމެއް ކުރަންވިޔަސް، ދަނޑުވެރިކަން ކުރަން ދިމާކުރިޔަސް ދިގުމުއްދަތެއްގައި ކަމަކަށް ވާވަރަށް އެކަން ކުރަން އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން ފުރުސަތެއް ނޯވެއެވެ. ސަރުކާރަށް ދައްކަންޖެހޭ ކުލިތަކާއި ފީތަކާއި ޓެކްސްތަކާ ޖޫރިމަނާ ތަކާ ހުރެވެސް އާރުލާ ގޮތަކަށް ދެމެހެއްޓެނިވި ގޮތަކަށް ކަމެއްކުރުމަށް ރާއްޖޭގައި ފުރުސަތެއް ނޯވެއެވެ. މަނާ ނޫން އެއްޗެއް ދިވެހިންގެ މަސައްކަތު ކުޅިބަޔަކު ނޯވެއެވެ.