ބަޖެޓުން ފެންނަނީ ސަރުކާރުގެ ސިއްރުވެރި ސިޔާސަތު: ފައްޔާޒު
ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް
ބަޖެޓު 2025 އަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ހަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލު ސިފަކުރައްވައެވެ. 2025 ވަނައަހަރުގެ ބަޖެޓާ މެދު ރައްޔިތުން މާޔޫސްވާނެ ބައެއް ސަބަބުތައްވެސް އެމަނިކުފާނު ފާހަގަކުރައްވައެވެ.
- ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ. އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ހަރަދުކުރަނީ ރައްޔިތުންނަށް ފައިދާހުރި ކަންކަމަކަށް ނޫން. އެ ފައިސާ ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް.
- ކޮވިޑް-19އަށް ފަހު ބޭނުންވާ އިޤްތިސާދީ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ބޭނުންވާ މިންވަރަށް ހިމެނިފައިނެތް.
- މި ބަޖެޓަކީ ދަރަނި ބޮޑު ކުރާނެ ބަޖެޓެއް. 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި މި ބަޖެޓު ފޫބައްދަން ހޯދަން ޖެހޭ. ފައިސާ ހޯދަން ސަރުކާރު މިހާރުވެސް ފޭލިވަމުން ދާއިރު މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ނެތް. މި ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައިވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގައިގެން. މިއީ ކަންބޮޑުވާ ފައިނޭންސިންގ ސްޓްރެޓެޖީއެއް.
މިހާރުވެސް ލޯނު ނުހޯދިގެން އުޅޭއިރު، ކޮމާޝަލް ބޭންކްތަކުން ފައިސާ ދޭނެކަމަށް ނިންމީ ކިހިނެއްތޯ ސުވާލު އުފައްދަވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރަށް ބަޖެޓަށް ބޭރުން ފައިސާ ނުހޯދިގެން ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވް ވަނީ ދުވަހަކު އަޑިނާޅާ މިންވަރަކަށް ހީނަރުވެފައިކަމަށެވެ. މި ބަޖެޓުން މި ހީނަރުކަން ފިލުވައިދޭނެ ހައްލެއް ނުފެންނަ ކަމަށައި ފޫބައްދަންޖެހޭ މިންވަރު ބޮޑުކަމުން ނަގަން ޖެހޭ ދަރަނި ބޮޑު ފާހަގަ ކުރައްވައެވެ.
- ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވެފައިވާ ކަމަށާއި އަދި ނުވިތާކަށް ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވާއިދުން ފައިސާވެސް ނުދައްކާކަން ފާހަގަކުރައްވާއެވެ.
- މި ބަޖެޓުން ފެންނަނީ ޕްރައިވެޓް ސެކްޓަރ އިތުރަށް ހީނަރު ކުރާނެ ތަން.
- މިއީ ސިޔާސީ ބޭނުމަށް ކައުންސިލްތަކަކީ ނުކުޅެދޭ ތަންތަން ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް ބަޖެޓެއް. ކައުންސިލްތަކުގެ ބަޖެޓު ލާމަރުކަޒީ ގާނޫނާ ހިލާފަށް އުނިކޮށް، ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބާރުތައް މަރުކަޒުކުރާނެ.
ދައުރުގެ ކުރީކޮޅުގައި ރައީސް މުޢިއްޒު އިތުރު ބަޖެޓް ކައުންސިލުތަކަށް ދެއްވާނެ ކަމަށް ވައުދުވި ނަމަވެސް، އެކަން ބޮލާލައި ޖަހައި، ކުރީގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އިރުވެސް ކައުންސިލުތަކުގެ ބާރު ކަނޑުވާލީ ރައްޔިތުންނަށް ބާރު ނުދީ، ބަޖެޓުން ސަރުކާރުން ހިންގާ ޖަރީމާތައް އިތުރުކުރާން ވެގެންކަން ހަންދާން އައުކޮށްދެއްވިއެވެ.
- ބަޖެޓުގެ މުހިއްމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައި:
- މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫޢުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް.
- ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ބަޖެޓުންވެސް ފެނޭ.
- މަޝްރޫޢުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނެތް.
- ރައްޔިތުންގެ އުއްމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް ނެތް. ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް. ރައީސް މުޢިއްޒު ވީ ބޮޑެތި ވަޢުދުތައްވެސް މި ބަޖެޓުގައި ނުހިމެނޭ. އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނާނަކަށް ނެތް.
2025ގެ ބަޖެޓަކީ ރައީސް މުޢިއްޒު އުނބަށް ޖަހައި ވައުދާ ހިލާފުވި ބަޖެޓެއްކަމަށާއި ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއްކަމަށް ފައްޔާޒު ވިދާޅުވެއެވެ. މި ބަޖެޓުން މި ފެންނަނީ އިގްތިސާދީ މާލީ ކަންކަން މެނޭޖް ނުކުރެވި، ތިމާމެންނަށް ނުވާ ވަރުގެ ކަމަކާ ބޮލުގައި އެޅިގެން ނުކުރެވިގެން އުޅޭތަންކަމަށްވެސް އެމަނިކުފާނު ވިދާޅުވެއެވެ. މިއީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާލުވެއެވެ.